އަޟްޙާ ޢިދާ ދިމާކޮށް މާލެ ސަރަޙައްދުގައި ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތަކުން ކުރިއަށްގެންދިޔަ ޢާއިލި ހަވީރު ނިންމާލައިފިއެވެ.
މާލެއާއި ހުޅުމާލޭގެ ދެފިޔަވަހީގައި ޢީދާއި ގުޅިގެން ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.
މާލޭ ޖުމްހޫރީ މައިދާން ސަރަޙައްދާއި ސަލްޓަން ޕާކު ސަރަހައްދުގައި ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބާއްވާފައެވެ. އެގޮތުން އެމްއެންޑީއެފް އަދި ފުލުހުންގެ ސްޓޯލްތަކުގައި އެކި ކުޅިވަރުތައް، ޢިދު ދުވަހާއި ޢީދާއި ގުޅިގެން ބަންދުވި 3 ދުވަހު ހަވީރުވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކުގައި އަދި ފޭސް 2 ގެ ހިޔާ ޕާކު ސަރަޙައްދުގައިވެސް ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތަކުންވަނީ ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއެކު ހަވީރެއް ކުރިއަށްގެންގޮސްފައެވެ. ހިޔާ ސަރަޙައްދުގައި އެމްއެންޑީއެފް އަދި ވެމްކޯއިން ހަރަކާތްތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ. ސެންޓްރަލް ޕާކުގައިވެސް އެމްއެންޑީއެފް، ޕޮލިސް، ޕީއެސްއެމް، އެޗްޑީސީ، ސްޓެލްކޯ، ވެމްކޯ، އެމްޕީއެލް، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީންވަނީ ކުޅިވަރުތަކާއެކު އިންތިޒާމުކޮށްފައެވެ.
ޕީއެސްއެމްއާއި ވާހަކަދެއްކި ކުދިންވަނީ ޢީދާ ދިމާކޮށް، ކުރިއަށްގެންދިޔަ ހަވީރުތަކާއި ގުޅިގެން އެކުދިންގެ ޝުޢުރު ހިއްސާކޮށްފައެވެ.
"ހަމައަސްލަށްވެސް ވަރަށް ބޮޑަށް ވެސް ހިތްހަމަޖެހޭ ގޭމްސްތަކަށް، އަދި ފުޓްބޯލް ގޭމް ވަރަށް ފައްކާ" ކުއްޖަކު ބުންޏެވެ.
"ވަރަށް ސީރިއަށްކޮށްވެސް ހަމަ އަސްލުވެސް ވަރަަށް ބޮޑަށް ލައިކްވޭ ގޭމްސްތައް. ހަދިޔާ ލިބޭތީ ވަރަށް ހެޕީ" އެހެން ކުއްޖަކު ބުންޏެވެ.
ޕީއެސްއެމްއާ ވާހަކަދެއްކި ބެލެނިވެރިންވަނީ މިފަދަ ޙަރަކާތްތަކުގެ މުހިއްމުކަން ފާހަގަކޮށްފައެވެ.
"ވަރަށް ހިތްހަމަޖެހޭ ސެންޓްރަލް ޕާކުގަ ކުރިއަށްމިގެންދާ ހަރަމާތްތަކަށް. ދަރިން ގޮވައިގެން އައިސް ދަރިންވެސް ވަރަށް އުފަލުން ތިބީ" ބެލެނިވެރިއަކު ބުންޏެވެ.
"މާމަދަރިންނާއެކު މިކހަލަ ދުވަހެއް މިލިބެނީ ނިކުމެލަން. ވަރަށް ރަނގަޅުކަމެއް މިއީ." އެހެން ބެލެނިވެރިއަކު ބުންޏެވެ.
ޢީދާ ދިމާކޮށް މާލެއިން ބޭރަށް ދިޔުމުގެ ފުރުސަތު ނުލިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި މާލެއަށް އަންނަޖެހުނު ކުދިންނަށް އުފާވެރި ޢީދެއް ހޯދައިދިނުމަށް ސަލާމަތީ ބާރުތަކާއި ސަރުކާރު ކުންފުނިތަކުން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް 3 ދުވަހުވެސް ކުދިންގެ ބޮޑު ތަރުހީބެއްވަނީ ލިބިގެން ގޮސްފައެވެ.