ޚަބަރު

ރަޝިޔާގެ އަސްކަރީ ޑްރޯނެއް ރޮމޭނިޔާއަށް ވެއްޓިއްޖެ


ރަޝިޔާގެ އަސްކަރީ ޑްރޯނެއް ރޮމޭނިއާއަށް ވެއްޓި، ދެ މީހުން ޒަޚަމްވި ހާދިސާއާ ގުޅިގެން، ވިލާތުގެ ދިފާޢީ އިއްތިޙާދު ނޭޓޯއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ރަޝިޔާއިން ޔޫކްރޭނަށް ދެމުންދާ ވައިގެ ޙަމަލާތަކުގެ ތެރެއިން، ރޮމޭނިއާގެ ސަރަޙައްދަށް އެ ޑްރޯން ވެއްޓުނު ހާދިސާގައި، އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގި ޢަމަލެއްގެ ގޮތުގައި ރޮމޭނިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ސިފަކޮށްފައެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ، ނޭޓޯގެ މެމްބަރު ޤައުމުތަކާ ހަމައަށް ފޯރުމުގެ ކަންބޮޑުވުން އެ އިއްތިޙާދުން ވަނީ ފާޅުކޮށްފައެވެ.

އެ ޑްރޯން ވެއްޓިގައިވަނީ، މީހުން ދިރިއުޅޭ އިމާރާތެއްގެ މައްޗަށް ކަމަށާއި، އެ ހާދިސާގައި ދެ މީހަކު ޒަޚަމްވެފައިވާ ކަމަށް ރޮމޭނިޔާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

އެ ޑްރޯން ވެއްޓުނު ސަރަޙައްދުގައި އަލިފާން ރޯވެ، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ވަނީ ރައްކާތެރި ސަރަޙައްދަކަށް ބަދަލުކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި، ރޮމޭނިޔާގެ އިތުރުން އެސްޓޯނިއާ، ލެޓްވިއާ އަދި ފިންލެންޑުން ވެސް ވަނީ ރަޝިޔާގެ އަސްކަރީ އުޅަނދުތައް އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ވަދެފައިވާކަން ރިޕޯޓުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން، ރޮމޭނިޔާއިން ވަނީ ޑްރޯން ޙަމަލާތަކުން ދިފާޢުވުމުގެ އެހީތެރިކަމަށް ނޭޓޯގައި އެދިފައެވެ.

މި ހާދިސާ ހިނގާފައިވަނީ، ޔޫކްރޭނަށް ދެމުންދާ ޙަމަލާތައް ރަޝިޔާއިން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިގޮތުން، މިއަދު އެކަނިވެސް، ރަޝިޔާއިން ފޮނުވައިލި 217 ޑްރޯން ޙަމަލާ ދިފާޢުކޮށްފައިވާކަމަށް ޔޫކްރޭނުން ވަނީ ބުނެފައެވެ.

ޔޫކްރޭނަށް މިއަދު ދިން ވައިގެ ޙަމަލާތަކުގައި ރަޝިޔާއިން ވަނީ 232 ޑްރޯނާއި ބެލިސްޓިކް މިސައިލެއް ބޭނުންކޮށްފައެވެ.