ހަނގުރާމައާއި ހަމަނުޖެހުމުގެ ޙާލަތުގައި ޖިންސީ އަނިޔާގެ ކުށްތަކަށް އަރައިގަންނަ ޤައުމުތަކާއި ގުރޫޕުތަކުގެ ލިސްޓުގައި އެކުވެރި ދައުލަތްތަކުން (އދ) ޔަހޫދީންގެ އިސްތިޢުމާރީ ދައުލަތް ހިމަނައިފިއެވެ. މި ނިންމުމާމެދު ޔަހޫދީ ދައުލަތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްއާ ގުޅުން ކަނޑައިލުމަށް ނިންމާފައެވެ. ނަމަވެސް، ގުތެރޭޝްގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ އދގެ ދޮރުތައް އަދިވެސް ހުޅުވިފައި އޮންނާނެ ކަމުގައެވެ.
އަސީރުންނާ ދެކޮޅަށް ޖިންސީ އަނިޔާގެ ކުށްތައް ހިންގާ ޤައުމުތަކާއި ގުރޫޕުތަކުގެ ލިސްޓަށް ޔަހޫދީ ދައުލަތް އިތުރުކުރުމުން އދގެ ޚާއްޞަ ރެޕޯޓަރ ރީމް އަލް-ސާލިމް ވަނީ އެ ނިންމުމަށް މަރުޙަބާ ދަންނަވާފައެވެ. އަދި، އެ ލިސްޓުގައި ޔަހޫދީ ދައުލަތް ހިމެނުން ލަސްވެފައިވާކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ސިފައިން ނިޒާމީ ގޮތެއްގައި ޖިންސީ އަނިޔާތައް ދެމުންދާކަން ވަރަށް ކުރިން ކަށަވަރު ކުރެވިފައިވާ ކަމުގައި ވިދާޅުވެފައެވެ. ފަލަސްޠީނުގެ އަސީރުންނާއި، އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ސިފައިންގެ އިތުރުން ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ރޭޕް ފަދަ ޖިންސީ އަނިޔާގެ ކުށްތައް ހިންގަމުންދާ ކަން އިތުބާރު ހުރި ހެކިތަކާއެކު ސާބިތުވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވެސް ހާމަކުރިއެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް 2023 އޮކްޓޫބަރުގައި ޔަހޫދީން ފެށި ޤަތުލުޢާންމަށް ފަހު، ފަލަސްޠީނުގެ އަސީރުންނަށް ލާއިންސާނީ އަނިޔާ ދިނުމާއި، އެ މީހުންނާ ދެކޮޅަށް ޖިންސީ އަނިޔާގެ ކުށްތައް ހިންގުން ޢާންމުވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކާއި ޖަމުޢިއްޔާތަކުން ހާމަކުރިއެވެ. ޣައްޒާގެ ރަައްޔިތުންނަށް އިންސާނީ ފޯރުކޮށްދިނުމަށް ދަތުރުކުރި ގްލޯބަލް ޞުމޫދް ފްލޮޓިއްލާގެ އުޅަނދުފަހަރުގައި ދަތުރުކުރި އެކްޓިވިސްޓުން ރަހީނުކޮށް، އެ މީހުންނަށް ޖިންސީ އަނިޔާ ކޮށްފައިވާ ކަން ވެސް ދާދިފަހުން ވަނީ ހާމަވެފައެވެ. މި މައްސަލައިގައި، ބައެއް ޤައުމުތަކުން ވަނީ ޔަހޫދީ ދައުލަތާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައެވެ.
ފްލޮޓިއްލާގެ އުޅަނދުތަކުން ހައްޔަރުކުރި އެކި ޤައުމުތަކުގެ ރައްޔިތުން ރޭޕުކޮށް، ޖިންސީ އަނިޔާކޮށްފައިވާ ކަން އެމެރިކާގެ މަޝްހޫރު ނޫހެއް ކަމުގައި ދި ނިއު ޔޯކް ޓައިމްސުން ހެކިތަކާއެކު ދާދިފަހުން ރިޕޯޓުކޮށްފައިވެއެވެ. އެ ކަމާ މެދުވެސް ޔަހޫދީ ދައުލަތުން ވަނީ ނުރުހުންފާޅުކޮށް، އެ ނޫހާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ. ޣައްޒާ ޤަތުލުޢާންމުގައި 72,000 އަށްވުރެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކޮށްލައި، އެތައް ހާސް ބަޔަކު ހައްޔަރުކޮށް، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތަކަށް ހުށަަހަޅާފައިވާއިރު، އެ ކަންކަމާ މެދު ގުތެރޭޝް ކަންބޮޑުވުން ފާޅުކުރެއްވުމަކީ، އޭނާ ޔަހޫދީ ދައުލަތާ ދެކޮޅުވެރިކަމުގެ ގޮތުން ދިމާކޮށްލުން ކަމުގައި ޔަހޫދީން ޤަބޫލުކުރެއެވެ.