ޚަބަރު

ނާގޯށި ތަރައްޤީކުރުން: މޮކަޕް ރޫމްތަކުގެ މަސައްކަތް ނިމުމަކާ ގާތަށް


  • ލޭންޑްސްކޭޕިންގެ މަސައްކަތްތައް ބާރު ސްޕީޑުގައި ދަނީ ކުރަމުން

  • ކަރަންޓު ވިއުގަ އެޅުމުގެ މަސައްކަތްވެސްދަނީ ކުރަމުން

  • އަންނަ އަހަރު ކުރީކޮޅު ރިސޯޓު ތަރައްޤީކުރުމުގެ ހުރިހާ މަސައްކަތެއް ނިމޭނެ

ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރަށުގެ އަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.

ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވީ، ރިސޯޓު ތަރައްޤީކުރުމަށް މީގެ 12 އަހަރު ކުރިން ހަދާފައި ހުރި ސްޓްރަކްޗާތައް ބާވެ ހަލާކުވުމުގެ ސަބަބުން ޕްލޭންތަކަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ރަށުގެ ހާލަތު ދެނެގަތުމަށް އެސެސްމަންޓެއް ހަދަން ޖެހުުގެ އިތުރުން ޓޫރިޒަމް ޤާނޫނަށް އައި ބަދަލުތަކާ ގުޅިގެންވެސް ޕްލޭނިންގ މަރުހަލާގައި ގިނަ ވަގުތުތަކެއް ހޭދަވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޭރު އުންމީދުކުރި ވަރަށްވުރެ ގިނަ ވަގުތު ޕްލޭނިންގެ މަސައްކަތްތަކަށް ހިނގައްޖެ. އެއާއެކު އަޅުގަނޑުމެންނަށް އަމަލީ މަސައްކަތް ފެށިގެންދިޔައީ ފުރަތަމަ ކުއާޓަރުގެ ތެރޭގައި. އެހެންވީމަ މިހާރު ހަމަ މި ރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި މި ކުރިއަށްގެންދަނީ،" ނިޔާޒު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވަމުން ނިޔާޒު ވިދާޅުވީ، ރަށަށް ބޭނުންވާ މެޓީރިއަލްސް ގެންދިއުމުގެ މަސައްކަތާއި، ކަރަންޓު ވިއުގަ އެޅުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، މަސައްކަތްކުރާ މީހުން ތިބުމަށް ބޭނުންވާ ވަގުތީ ވަސީލަތްތަކާއި، ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، ރަށުގެ ލޭންޑްސްކޭޕިންގ މަސައްކަތްތައް މިވަގުތު ކުރިއަށްދާއިރު، ރިސޯޓުގެ މޮކަޕް ރޫމްތައް ހެދުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި މި މަޝްރޫޢަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވާ މި މަޝްރޫޢުގެ މަސައްކަތް މަޑުނުޖެހި ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަންދެއްވިއެވެ.

" ހދ. އަތޮޅުގެ ބައެއް ކައުންސިލްތަކުންވެސް އަޅުގަނޑުމެންނަށް މިކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް އެބަ ލިބިގެންދޭ. ކުރިންވެސް އަޅުގަނޑު ދެންނެވި ގޮތަށް މި މަސައްކަތް ރާވާފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ އެއްވެސް މަޑުޖެހުމެއް ނެތި އަދި އެއްވެސް ފަސްޖެހުމެއް ނެތި މިރަށް ހަމަ ތަރައްޤީކޮށް ނިންމާލާފަ އަންނަ އަހަރު ކުރީކޮޅު އިރާދަކުރެއްވިއްޔާ މި ރިސޯޓު ތަރައްޤީކުރުމުގެ ހުރިހާ ކަންކަމެއް އަޅުގަނޑުމެން ކުރާނެކަމުގެ ޔަގީންކަން ދެން." ނިޔާޒު ވިދާޅުވިއެވެ.

ނާގޯށީގައި ރިސޯޓެއް ތަރައްޤީކުރަން އެމްޓީޑީސީއަށް ހަވާލުކޮށްފައިވަނީ 2006 ވަނަ އަހަރުއެވެ. އެރަށުގައި ރިސޯޓެއް ތަރައްޤީކުރުމަށް ސަބްލީޒްކުރީ ރަޝިޔާގެ ތްރީކް ކުންފުންޏަށެވެ. އެކުންފުންޏަށް އެމަޝްރޫޢު ކުރިއަށް ނުގެންދެވި، އޮވެ 2017 ވަނަ އަހަރު އެމްޓީޑީސީގެ އަތުން އެރަށް ނެގުމަށްފަހު 2021 ވަނަ އަހަރު އައު ލީޒެއްގެ ދަށުން ރަށް ލިބުމުން އެއަހަރު ވަނީ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ރަށް ތަރައްޤީކުރުމަށް ދީފައެވެ.

އެހެން ނަމަވެސް 3 އަހަރު ވެގެންދިޔައިރުވެސް އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން އެގްރިމެންޓް ވަނީ އުވާލާފައެވެ. އޭގެ ފަހުން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި މަސައްކަތާއެކު މާލީ ވުޒާރާއިން ވަނީ އެމްޓީޑީސީއާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ފައިނޭންސިން ހަމަޖައްސަވާފައެވެ.

އެމްޓީޑީސީން ވިދާޅުވީ މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރީގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ކުރީކޮޅު ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ވިދާޅުވިއެވެ. އޭގެތެރޭގައި ބީޗް ވިލާތަކާއި، ޖަކޫޒީ ބީޗް ވިލާސް، އަދި ވޯޓާ ވިލާސް ހިމެނޭހެން 4 ގިންތިއެއްގެ ކޮޓަރިތައް ހުންނާނެ ކަމަށް އެމްޑީޓީސީން ފާހަގަކުރެއެވެ.

ނާގޯށި ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް، އެމްޓީޑީސީން ވިދާޅުވެފައިވާއިރު، މިރަށަކީ ރާއްޖޭގައި ފަތުރުވެރިކަމަށް ތަރައްޤީކުރެވޭ އެންމެ ބޮޑު އެއް ރަށްކަން ފާހަގަކޮށްލެވެއެވެ. އެމްޓީޑީސީން ވިދާޅުވީ މިމަޝްރޫޢުގެ މަސައްކަތް ނިމޭއިރު މިރަށުގައި 600 އެއްހާ ވަޒީފާ އުފެދޭނެއެވެ. އޭގެސަބަބުން މުޅި ހދ. އަތޮޅަށްވެސް އޭގެ ފައިދާ ކުރާނެކަން ސަރުކާރުން ޤަބޫލުކުރައްވައެވެ.