ޚަބަރު

ޢީދު ފާހަގަކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުޙީބެއް


  • މިހަރަކާތް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްދިޔަ

އަޟްހާ ޢީދުގެ ފާހަގަކުރުމަށް މިއަދު ހަވީރު މާލޭގެ 4 ސަރަހައްދެއްގައި ވަނީ "ކުޑަކުދިންގެ ހަވީރު" ނަމުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެެވެ. ޢީދާ ގުޅުވައިގެން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، ސަރުކާރު ހިއްސާވާ އެކި އިދާރާތަކާއި ކުންފުނިތަކުން ބައިވެރިވެފައިވެއެވެ. މި ހަރަކާތް މާާލެ، ހުޅުމާލެ އަދި ވިލިމާލޭގައިވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މިއަދު ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުވެސް އިންތިޒާމްކޮށްފައިވަނީ ކުޑަކުދިންނަށް ޚާއްސަ، އެ ކުދިން ޝައުޤުވެރިވާނެހެން ތަފާތު އެކި ހަރަކާތްތައް ހިމެނޭގޮތަށެވެ.

ކުޑަކުދިންގެ ހަވީރު އިންތިޒާމްކުރުމުގައި ބައިވެރިވި ކުންފުނިތަކާއި، އިދާރާތަކުގެ ސްޓޯލްތަކުގައި ކުޑަކުދިންނަށް ބައިވެރިވޭނެ ތަފާތު އެކި ކުޅިވަރު ކުޅެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މި ހަވީރުގެ ތެރެއިން ގިނަ ކުދިން އެންމެ ޝައުޤުވެރިވާ އެމްއެންޑީއެފް އަދި އެހެނިހެން މުއައްސަސާތަކުންވެސް އެ ފަރާތްތަކުގެ ޔުނީފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލާފައިވެއެވެ. އަދި އެ ތަކެއްޗާއިއެކު ފޮޓޯ ނެގުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.

ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރިއަށްގެންދިޔަ އެކި ހަރަކާތްތަކުގައި ބައިވެރިވި ބައެއް ކުޑަކުދިން ވެސްވަނީ އެ ކުދިންގެ ޝުޢޫރު ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވާފައެވެ.

"ވަރަށް ބޮޑަށް ޝައުޤުވެރިވޭ ޕޮލިސް ކާރަށް އަރަން." ކުއްޖަކު ބުންޏެވެ.

"މަންމައާއި ބައްޕައާއި ކޮއްކޮއާއިއެކީ މިތަނަށް އައިސް މަޖާކޮށްލީމަ ވަރަށް އުފާވޭ. ވަރަށް ބޭނުންވޭ ހުރިހާ ކުޅިވަރެއްގަވެސް ބައިވެރިވާން." އެހެން ކުއްޖަކު ބުންޏެވެ.

އަޟްހާ ޢީދަކީ، މުޅި ރާއްޖޭގައިވެސް ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ޢީދެކެވެ. ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ޢީދު ފާހަގަކުރުމުގެ ގޮތުން ސަޤާފީ ކުޅިވަރުތަކާއި، ނެށުންތަކާއި، ކޯޑި ކެޑުމާއި، ބޮޑުބެރުގެ ހަރަކާތްތަކާއި، މާލި ނެށުންފަދަ ހަރަކާތްތައް ކުރިއަށްގެންދެއެވެ.