ޚަބަރު

ހަނގުރާމައާއި އިޤުތިޞާދީ ނުތަނަވަސްކަމުގެ ތެރެއިން އަޟުޙާ ޢީދު


އިސްލާމީ ކަލަންޑަރުގެ ފަހު މަސް ކަމުގައިވާ ޛުލްޙިއްޖާ މަހުގެ ހަނދު، މޭ 18 ގައި ފެނިފައިވާކަން ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނުކުރުމާއެކު، މިއަދު މުޅި ދުނިޔޭގެ ގާތްގަނޑަކަށް ދެ ބިލިޔަން މުސްލިމުން މި ދަނީ އަޟުޙާ ޢީދުގެ ބަރަކާތްތެރި މުނާސަބަތު ފާހަގަކުރަމުންނެވެ. ޛުލްޙިއްޖާ މަހުގެ ފުރަތަމަ ނުވަ ދުވަހު މުސްލިމް އުންމަތުގެ ގިނަ ބަޔަކު ވަނީ ރޯދަހިފާފައެވެ. އަދި، އެތަކެއް ސަތޭކަ ހާސް މުސްލިމުންނެއް ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ މާތްވެގެންވާ ބިންތަކަށް ޖަމާވެފައެވެ. ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހު ފެށިގެން މި ދިޔަ ޢީދަކީ ކާބޯތަކެތި ތައްޔާރުކުރުމާއި، ޢާއިލީ ބައްދަލުވުންތަކާއި، ނައަމްސޫފި ކަތިލައިގެން ޤުރުބާން ކުރުމުގެ މަތިވެރި ޝިޢާރު ދިރުވައި، އިޖުތިމާޢީ އެއްބައިވަންތަކަމާއި ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދޭ ދުވަހެކެވެ.

ނަމަވެސް، އެމެރިކާއާއި ޔަހޫދީން ގުޅިގެން ހުޅަނގު އޭޝިޔާގައި ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ހިޔަނި މި އަހަރުގެ ޢީދުގެ އުފާވެރިކަމަށް މި ވަނީ އެޅިފައެވެ. އަދި، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދިޔަ ޤަތުލުޢާންމުގެ ނާމާންކަމުގެ އިތުރުން، އީރާނާ ދެކޮޅު ހަނގުރާމައާއެކު ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވަމުންދާ ހީނަރުކަމާއި މުދަލުގެ އަގުތައް އުފުލުމުގެ ސަބަބުން ވެސް ޢީދުގެ އުފާވެރިކަން މި ވަނީ ފަނޑުވެފައެވެ.

ގަލްފާއި ޢަރަބި ޤައުމުތައް ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި

1990 އިން 1991 އަށް ކުރި ގަލްފު ހަނގުރާމައަށް ފަހު، ފެބުރުވަރީ 28 ގައި ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާއެކު، ގަލްފުގެ ޤައުމުތަކުގެ މުސްލިމުން ޢީދު ފާހަގަކުރަން ޖެހިފައި މިވަނީ ހަނގުރާމައިގެ ނާމާންކަމުގެ ތެރޭގައެވެ. މަސްތަކެއް ވަންދެން ކުރިމަތިވި ވައިގެ ދަތުރުފަތުރުގެ ހުރަސްތަކަށްފަހު، މި މަހުގެ ކުރީކޮޅު ފުރިހަމައަށް ދަތުރުތައް ފެށިފައިވީ ނަމަވެސް، ގަލްފް ޢަރަބި ޤައުމުތަކަށް ވެރިވެފައިވާ ނުތަނަވަސްކަން އަދިވެސް ކުޑައެއް ނޫނެވެ. އީރާނަށް ޙަމަލާދިނުން އެމެރިކާއިން ވަގުތީ ގޮތުން މެދުކަނޑައިލާފައި އޮތް ނަމަވެސް، ހަނގުރާމަ އަލުން ފެށުމުގެ ބިރު އެބައޮތެވެ. ނަމަވެސް، ގަލްފް ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކުން ދަނީ ހަމަޖެހުން ދެއްކުމަށާއި ޢީދުގެ ރަސްމީ ޙަރަކާތްތަކާއި ފަތުރުވެރިކަމުގެ ޕުރޮގުރާމުތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.

މި ހަލަބޮލިކަމުގެ ތެރޭގައިވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ޖަމާވި ޙައްޖާޖީންގެ އަދަދަށް ބަދަލެއް ނާދެއެވެ. ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހާމަކުރި ގޮތުގައި މި އަހަރު އެ ޤައުމުން ބޭރުން 1.51 މިލިޔަން ޙައްޖުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރަށްވުރެ 11،000 އަށްވުރެ ގިނަ އަދަދެކެވެ. ސަޢޫދީ ސަރުކާރުން ދަނީ ގަދަ ހޫނުން ރައްކާތެރިވުމާއި، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ.

ޢީދާ ގުޅިގެން ވައިގެ ދަތުރުފަތުރު އިތުރުވާނެ ކަމަށް ބަލައި، އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) އެމިރޭޓްސް އަދި އިއްތިޙާދު އެއާވޭޒްއިން ވަނީ ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓާއި އަބޫދާބީގެ ޒައިދު އިންޓަރނޭޝަނަލް އެއާޕޯޓުގައި ޙާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ. ޢީދު ބަންދާ ދިމާކޮށް، ދުބާއީ އެއާޕޯޓުން ދުވާލަކު 190,000 އަށްވުރެ ފަސިންޖަރުން ދަތުރުކުރާނެ ކަމުގައި ޔޫއޭއީގެ އިދާރާތަކުން ލަފާކުރިއެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ އެއާޕޯޓުން ހަތް މިލިޔަނަށްވުރެ ގިނަ ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ.

މީގެ އިތުރުން، ހަނގުރާމައިގެ ނުތަނަވަސްކަމާ ހުރެ ދަތުރުފަތުރުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައިސް، ގިނަ ބަޔަކު ވަނީ ދުރު ޤައުމުތަކަށް ދިއުމުގެ ބަދަލުގައި "ސްޓޭކޭޝަން" ނުވަތަ ކައިރި ޤައުމުތަކަށް ކުރާ ކުރު ދަތުރުތަކަށް އިސްކަންދީފައެވެ. މި ގޮތުން، ބަޙްރަޔިނަށް ބަލައިލާއިރު، އެ ޤައުމުގެ ހޮޓާތަކުގައި ބުކިންގ ހަދާފައިވާ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ނިސްބަތްވަނީ ގަލްފުގެ ޤައުމުތަކަށެވެ. ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމާއެކު، ޢުމާނާއި ޔޫއޭއީއާ ދެމެދު އެއްގަމު މަގުން ކުރާ ދަތުރުތަކާއި، މުދާ އުފުލާ މިންވަރު ވެސް އިތުރުވެފައިވާ ކަމުގައި ޢުމާނުގެ އިދާރާތަކުން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ޢީދަށް ބޭނުންވާ މުދަލާއި ނައަމްސޫތްޕެވެ.

ޔަހޫދީންގެ ޤަތުލުޢާންމާއެކު ޣައްޒާގެ ރައްޔިތުން އަދިވެސް ނިކަމެތިކަމުގައި

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމާއި، ލާއިންސާނީ ޢުދުވާނާއި، މަޖުބޫރުން ގެދޮރުން ބޭރުކުރުމާއި، ހަރުކަށި ޙިޞާރުގެ ސަބަބުން އެ ސަހަރުގައި ޢީދުގެ އެއްވެސް އުފާވެރިކަމެއް ނެތެވެ. ދަނޑުވެރިކަމުގެ އުމްރާނީ ވަސީލަތްތައް ސުންނާފަތިކޮށް، ނައަމްސޫފި އެތެރެކުރުން މަނާކުރުމުގެ ސަބަބުން އެ ސަހަރުގެ ނައަމްސޫފި ބެލެހެއްޓުމާއި ބަކަރިހުއިހުއްޕުމުގެ މަސައްކަތްތައް ހުއްޓި، ޢީދަށް ކަތިލާނެ އަޟުޙިޔާއެއް ނެތެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ އިންސާނީ އެހީއަށް ބަރޯސާވެފައިވާ އެތައް ސަތޭކަ ހާސް ޢާއިލާއެއްގެ މާލީ ޙާލަތު ވަނީ މުޅިން ދަށަށް ގޮސްފައެވެ.

ޢާންމު ގޮތެއްގައި ޣައްޒާގައި ޢީދަށް ދިއްލައިލާ އަދި ތޮއްޖެހޭ ބާޒާރުތަކާއި މަގުތައް މި އަހަރުގެ ޢީދުގައި އޮތީ ހަމަހިމޭންވެފައެވެ. ޣައްޒާގެ ހުރިހާ ދިމާލަކުން ފެންނަނީ ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކާއި ބޮންއަޅާފައިވާ ރެފިއުޖީ ކޭމްޕުތަކެވެ. މި ހިތްދަތި ޙާލަތާއެކު، އުރުދުން، ތުރުކީވިލާތް، މަޣުރިބު އަދި ޤަޠަރު ފަދަ އިސްލާމީ ޤައުމުތަކުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމުޢިއްޔާތަކުން ވަނީ ޢީދުގެ ޚާއްޞަ ޞަދަޤާތުގެ ޕުރޮގުރާމުތައް ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ޚާއްޞަކޮށްފައެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރުތައް މުޅި ދުނިޔެއަށް

އިސްލާމީ ދުނިޔޭގެ ބޮޑެތި ރަށްތައް ކަމުގައިވާ ދާރުލްބައިޟާއު، ޤާހިރާ، އިސްތަންބޫލު އަދި ޖަކަރްތާ ފަދަ ރަށްތަކުގައި ޢީދުގެ ތައްޔާރީތަކާއެކު ވިޔަފާރިތަކަށް ވަނީ ބާރުބޮޑުވެފައެވެ. ކާބޯތަކެތި އުފައްދާ ބޭކަރީތަކާއި، ކުޑަކުދިންގެ އަންނައުނު ވިކޭ މިންވަރު ވަނީ އިތުރުވެފައެވެ. މަޣުރިބުގެ ބޮޑެތި ރަށްތަކަށް ބަލައިލާއިރު، ފާއިތުވި ހަފުތާއެއް ދުވަހުގެ އިޤުތިޞާދީ ހަރަކާތްތައް ބިނާވެފައިވަނީ އަޟުޙިޔާގެ ގޮތުގައި ކަތިލުމަށް ބޭނުންވާ ނައަމްސޫފީގެ ވިޔަފާރިއަށެވެ.

ނަމަވެސް، މަޣުރިބު، މިޞްރު އަދި ތުރުކީވިލާތް ފަދަ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގައި މުދަލާއި ޚިދުމަތްތަކުގެ އަގު އުފުލުމުގެ ސަބަބުން ގިނަ ޢާއިލާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. އަޟުޙިޔާގެ ގޮތުގައި ޤުރުބާންކުރަން ބޭނުންވާ ނައަމްސޫފީގެ އަގާއި، މުދާ އުފުލުމުގެ އަގުގެ އިތުރުން އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލިފައި އޮތުމުގެ ސަބަބުން ގިނަ ޢާއިލާތަކަށް ވަނީ ޢީދަށް ކުރާ ހޭދަ ކުޑަކުރަން މަޖުބޫރުވެފައެވެ. މި ޙާލަތުގައި ވެސް، މުސްލިމް އަދި އިސްލާމީ ޤައުމުތަކުގެ ރައްޔިތުން ވަނީ ޞަދަޤާތް ކުރުމާއި ޙާލުގައި ޖެހިފައިވާ ނިކަމެތީންނަށް އެހީތެރިކަން ފޯރުކޮށްދިނުން އިސްކޮށް، ހުރިހާ މުސްލިމުންނަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރުން އިސްކޮށްފައެވެ.