ޚަބަރު

އެމެރިކާގެ ޙަމަލާތައް އީރާނުން ދިފާއުކޮށްފި


އީރާނަށް ޙަމަލާދިނުމަށް އީރާނުގެ ވައިގެ ސަރަޙައްދަށް ވަދެއުޅުނު، އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓާލާފައިވާކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނެފިއެވެ.

ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގައި އޮތް އީރާންގެ ބަނދަރުމަތީ ރަށްތަކަށް އެމެރިކާއިން ވަރުގަދަ ޙަމަލާތަކެއް މިއަދު ވަނީ ދީފައެވެ.

އެގޮތުން، އައިއާރުޖީސީން ބުނީ، އީރާނަށް ޙަމަލާދިނުމަށް މަސައްކަތްކުރި، އެމެރިކާގެ އެމްކިޔު-9 މަރުކާގެ އަސްކަރީ ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ.

އަދި އީރާނުގެ ވައިގެ ސަރަޙައްދަށް ވަދެއުޅުނު އެމެރިކާގެ އިތުރު ޑްރޯނަކާއި ހަނގުރާމަމަތީ މަތިންދާބޯޓެއް އީރާނުގެ ސަރަޙައްދުން ފަހަތަށް ޖެހެން މަޖުބޫރުކޮށްފައިވާކަމަށް ވެސް އައިއާރުޖީސީން ބުންޏެވެ.

އަދި އެމެރިކާއިން އިސްވެ ދޭ މި ފަދަ ޙަމަލާތަކުން ދިފާޢުވުމުގެ ފުރިހަމަ ޙައްޤު އީރާނަށް އޮންނާނެކަމުގެ އިންޒާރު ވެސް އައިއާރުޖީސީން ވަނީ ދީފައެވެ.

ބަންދަރު އައްބާސް އަދި އައްސޭރިފަށުގެ އިތުރު ދެ ރަށަކަށް މިއަދު ދީފައިވާ މި ޙަމަލާތަކަކީ، "ދިފާޢީ" ޙަމަލާތަކެއްގެ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑުން (ސެންޓްކޮމް) ވަނީ ސިފަކޮށްފައެވެ.

އެމެރިކާއިން އަނެއްކާވެސް އީރާނަށް ޙަމަލާދީފައިމިވަނީ، ދެ ފަރާތުގެ މެދުގައި ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އެޕްރީލު 8 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުންދަނިކޮށެވެ.

އަދި ފެބުރުވަރީ 28 ގައި ޞަހްޔޫނީން ރުއްސުމަށް ޓްރަމްޕް ފެށްޓެވި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ވޮޝިންގޓަނާއި ތެހްރާނުން ސުލްޙައިގެ މަޝްވަރާތައް ވެސް ކުރަމުންދަނިކޮށެވެ.

އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިނަމަވެސް، ސުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމަކާ ހަމައަށް އަދި ނުދެވޭކަމަށް އީރާނުން ވަނީ ބުނެފައެވެ.