ޚަބަރު

ފްލޮޓިއްލާގެ ބައިވެރިންނަށް އަނިޔާކުރި މައްސަލަ އައިސީޖޭއަށް


ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދަތުރުކުރަމުން ދިޔަ "ގްލޯބަލް ޞުމޫދް ފްލޮޓިއްލާ" ގެ (ޖީއެސްއެފް) އުޅަނދުތަކުން ހައްޔަރުކުރި އެކްޓިވިސްޓުންނަށް ޔަހޫދީ ސިފައިން ކުރި އަނިޔާތަކުގެ މައްސަލަ، މެލޭޝިޔާއިން ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު، އައިސީޖޭއަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެފިއެވެ.

ތުރުކީވިލާތުން ފުރައިގެން ދަތުރުކުރި 50 އުޅަނދުގައި ތިބި 430 އެއްހާ މީހުން ހައްޔަރުކޮށް، ޖަލަށް ގެންގޮސްފައި ވަނީ މޭ 18 ވަނަ ދުވަހުއެވެ. ޔަހޫދީ ސިފައިން އޭގެ ތެރެއިން ބައެއް މީހުން ރޭޕުކޮށްފައިވާ ކަމުގައި ވެސް ޖީއެސްއެފުން ވަނީ ބުނެފައެވެ.

މެލޭޝިޔާގެ ސެލަންގޯރ ސްޓޭޓުގެ ޗީފް މިނިސްޓަރު އަމީރުއްދީން ޝަރީ ވިދާޅުވީ، ފްލޮޓިއްލާގެ ބައިވެރިންނަށް ޔަހޫދީން އަނިޔާކުރިކަމުގެ ހެއްކާއި ގަރީނާ އަދި ލިޔެކިޔުންތައް ވަކީލުން ފުރިހަމަކުރެވުނާ އަވަހަކަށް އައިސީޖޭއަށް ހުށަހަޅާނެ ކަމަށެވެ.

އަދި ޔަހޫދީން ހިންގި ޖަރީމާތަކުގެ ޙައްޤު އަދަބު ދެވެންދެން މި މަސައްކަތް ނުހުއްޓާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ޖީއެސްއެފް ހަރަކާތުގެ ދަށުން 50 އުޅަނދެއްގައި ދަތުރުކުރި 430 މީހުން މޭ 18 ވަނަ ދުވަހު ހައްޔަރުކުރި މައްސަލައިގައި، އަދި ޔަހޫދީންގެ ހައްދުފަހަނައެޅި ވަޒީރަކު އެ މީހުންނަށް ފުރައްސާރަކުރާ ވީޑިއޯއެއް ޢާންމުވުމާ ގުޅިގެން ޔަހޫދީ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މިގޮތުން، އުރުދުން، ތުރުކީވިލާތު، މިޞްރު، އިންޑޮނޭޝިޔާ، ޕާކިސްތާނު، ޤަތަރު، ސަޢުދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ޚާރިޖީ ވަޒީރުން ވަނީ ޔަހޫދީންގެ މި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ކުށްވެރިކުރައްވައިފައެވެ.

އެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުއްވި ބަޔާނެއްގައި ވަނީ، މި ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އުޞޫލުތަކާ ޚިލާފު އަދި އިންސާނީ ކަރާމާތަށް ވެސް އުނިކަން އަންނަ ގޮތަށް ހިންގާފައިވާ ޖަރިމާއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ޖީއެސްއެފުން ބުނީ، ހައްޔަރުކޮށްފައި ތިބި އެކްޓިވިސްޓުންގެ ތެރެއިން 15 މީހަކަށް ޔަހޫދީ ސިފައިން ޖިންސީ ގޯނާކޮށްފައިވާ ކަން ރެކޯޑުކުރެވިފައިވާ ކަމުގައެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާކޮށް، ޖިންސީ ގޯނާކޮށްފައި ވަނީ ގޮޅިތަކެއް ހަދާފައިވާ އުޅަނދެއްގެ ތެރޭގައި ކަމުގައި ވެސް އެ ހަރަކާތުން ބުންޏެވެ. އަދި، އޭގެ ތެރެއިން 12 މީހަކު ޖިންސީ ގޯނާކޮށް، މަޖުބޫރުން ޖިންސީ ގުޅުން ހިންގާފައިވާ ކަމުގައި ވެސް އެ ހަރަކާތުން ތުހުމަތުކުރިއެވެ.