ޚަބަރު

ދަރަވަންދޫ އެއާޕޯޓު ޓާމިނަލްގެ މަސައްކަތް އަހަރު ފަހުކޮޅު ފަށަނީ


  • އަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ދަނީ ހޯދަމުން

  • ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން 4

  • ޓާމިނަލަށް ބޮޑެތި ބަަދަލުތަކެއް ގެންނާނެ

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވެއްޖެއެވެ.

އިޔާސް ވިދާޅުވީ، އަމަލީ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު އެކުންފުނިން ކުރަމުންދާ ކަމަށެވެ.

ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، ދަރަވަންދޫ އެއާޕޯޓަކީ ހުޅުވީއްސުރެ އައިލެންޑް އޭވިއޭޝަނުން މެނޭޖު ކުރަމުންދާ އެއާޕޯޓެއް ކަމަށެވެ. ނަމަވެސް މީގެކުރިން އެ އެއާޕޯޓުގެ އޯނަރެއްގެ ގޮތުގައި މަސައްކަތް ކުރީ ކޯސްޓްލައިން ކިޔާ އަމިއްލަ ކުންފުންޏަކުން ކަމަށެވެ.

އިޔާސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ދަރަވަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ޙަވާލުކޮށް، ޓާމިނަލް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަން އިއުލާން ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސްގެ މި ނިންމެވުމާއި އެއްގޮތަށް މިދިޔަ އެޕްރީލް މަހު އެއާޕޯޓު ރަސްމީކޮށް އެ ކުންފުންޏާ ޙަވާލުކޮށް، އައު ޓާމިނަލުގެ ޑިޒައިން ވަނީ އާންމުކޮށްފައެވެ.

އިޔާސް ވިދާޅުވީ، ޓާމިނަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ، ޖޫން މަހުގެ 4 ވަނަ ދުވަހެވެ.

"މިހާރު މިދަނީ ކޮންޓްރެކްޓަރ އެޕޮއިންޓު ކުރުމުގެ މަސައްކަތް. އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ނިންމާފަ މަސައްކަތް ކުރަނީ މިއަހަރު ފަހުކޮޅު މިތަނުގެ އަމަލީ މަސައްކަތް ފެށުމަށް." އިޔާސް ވިދާޅުވިއެވެ.

ދަރަވަންދޫ އެއާޕޯޓުގެ އައު ޓާމިނަލް ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސަރވިސް ކިއޮސްކްތަކާއި، ތިން ގޭޓު ހިމެނޭނެއެވެ.

މީގެ އިތުރުން، އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުގައި، 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ކުޑަކުދިން ބެލެހެއްޓުމަށް ޚާއްސަ 'ބޭބީ ކެއަރ' ފެސިލިޓީއެއް ވެސް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބޭނެއެވެ.