ފީބާ 18 އަހަރުންދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔަރސްގައި ރާއްޖޭގެ ޒުވާން ފިރިހެން އަދި އަންހެން ބާސްކެޓްބޯޅަ ޓީމު ލަންކާއަށް ގޮސްފައިވާއިރު، ރާއްޖޭގެ ފުރަތަމަ މެޗު 25 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ޝްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ކުރިއަށްދާ މިމުބާރާތުގެ ފުރަތަމަ މެޗަށް ޒުވާން ފިރިހެން ޓީމު ނުކުންނާނީ 25 ވަނަ ދުވަހު، އިންޑިއާއާ ދެކޮޅަށެވެ. އެޔަށްފަހު ދެވަނަ މެޗުގައި ލަންކާއާއި ދެކޮޅަށް 26 ވަނަ ދުވަހު ކުޅުމަށްފަހު 27 ވަނަ ދުވަހު ބަންގްލަދޭޝްއާ ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ ޒުވާން އަންހެން ޓީމްގެ ފުރަތަމަ މެޗުވެސް އޮންނާނީ 25 ވަނަ ދުވަހުއެވެ. އެމެޗުގައި ރާއްޖެއިން ވާދަކުރާނީ ލަންކާއާ ދެކޮޅަށެވެ. އަދި އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ނުކުންނާނީ 27 ވަނަ ދުވަހުއެވެ. މިމުބާރާތުން ކޮލިފައިވާ ޓީމަކަށް ފީބާ 18 އަހަރުންދަށުގެ އޭޝިއާ ކަޕްގައި ވާދަކުރުމަށް ފުރުސަތު ލިބޭނެއެވެ. މިއަހަރުގެ މުބާރާތް އޮތީ އޮގަސްޓްމަހުގެ 13 އިން 23 އަށް އިންޑިއާގެ އަހްމަދުއާބާދުގައެވެ.
އަންހެން ޑިވިޝަނުގައި ރާއްޖެ ހިމެނޭހެން، އިންޑިއާ އަދި ލަންކާ ވާދަކުރާއިރު، މިތަނުން ޗެންޕިއަންކަން ހޯދާ ޓީމަކަށް ޖުލައިމަހުގެ 13 އިން 19 އަށް ތައިލޭންޑުގައި އޮންނަ ފީބާ 18 އަހަރުންދަށުގެ އޭޝިއާ ކަޕްގެ ޑިވިޝަން ބީގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މުބާރާތުގެ ދެ ޑިވިޝަނުގެވެސް ފައިނަލް މެޗް ތާވަލުކޮށްފައިވަނީ 29 ވަނަ ދުވަހަށެވެ. ޖުމްލަ 12 މެޗު ކުޅޭ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާއެވެ.
ފީބާ 18 އަހަރުންދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފަޔަރސްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ބާސްކެޓް ޓީމް ލަންކާއަށް ފުރާފައިވާއިރު ޓީމު ފުރުމުގެ ކުރިން، ކުޅުންތެރިންނާ ޖާޒީ ހަވާލުކޮށްދެއްވާފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއެވެ.