މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެންގޮސް އަޑިއަށްދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ އިއްޔެގެ އިރުއޮއްސުނު ވަގުތެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު މެރިން ޕޮލިސްއިން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
ފަޅައިގެން ދިޔައީ، ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިން ކޯސް-2ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން މާލެއަށް ދަތުރުކުރި ލޯންޗެކެވެ.
ލޯންޗު ފަޅައިގެން ގޮސް ދިޔަވެ އަޑިއަށްދާތީ، އެ ލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ދިމާވި އުޅަނދުގައި ގާތްގަނޑަކަށް 60 އަންހެން ކުދިން ތިއްބެވެ.
މި ހާދިސާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ލޯންޗުގައި ތިބި މީހުން ވަނީ، ކުއްލިއަކަށް އެފަދަ ހާދިސާއެއް ދިމާވުމުން ކުރެވުނު އިހުސާސްތަކާއި، ކަނޑުމަތީގައި ކަން ހިނގި ގޮތް ކިޔައިދީފައެވެ.
އެ މީހުން ކިޔައިދިން ގޮތުގައި، ހާދިސާ ހިނގި ވަގުތު ގިނަ ކުދިން ތިބީ ލޯންޗު ތެރޭގައި ނިދާފައެވެ. ވާނުވާ ނޭނގި، ލޯންޗުތެރޭ ނިދާފައި ތިބި ކުދިންނަށް ހޭލެވުނީ ލޯންޗު ތެރެއިން އިވުނު ހަޅޭކުގެ އަޑުތަކަށެވެ.
ވަމުންދަނީ ކޮންކަމެއްކަން ނޭނގި، ވާންވީ ކިހިނެއްކަމެއް ނޭނގި ހުރިހާ ކުދިން ވެސް ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މާގިނައިރުތަކެއް ނުވަނީސް، އެ ކުދިންނާ ޙަވާލުވެގެން ލޯންޗުން ދިޔަ ފަރާތްތަކުން، ވީހާވެސް އަވަހަކަށް ލޯންޗުން ފުންމާލުމަށް އިރުޝާދު ދިނެވެ.
އެހެންނަމަވެސް އެވަގުތަކީ، ރޭގަނޑުގެ އަނދިރި ވަގުތަކަށްވެފައި، ތިބެވުނީ ކޮން ހިސާބެއްގައިކަން ނޭނގޭތީ ކަނޑަށް ފުންމާލުމަށް ޖެހިލުންވިކަމަށް ބައެއް މ މީހުން ބުންޏެވެ.
އެހެންނަމަވެސް ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ތެރެއިން ލިބުނު، ޢިލްމާއި ތަޖުރިބާގެ ސަބަބުން އެފަދަ ކުއްލި ހާދިސާއަކާ ކުރިމަތިލާން ފަސްނުޖެހި، ދިން އިރުޝާދުތަކަށް ބޯލަނބައި، ކަނޑަށް ފުންމާލިއެވެ.
ލޯންޗުގައި އެވަގުތު ތިބި މީހުންން ފާހަގަކުރި ގޮތުގައި، އެންމެ ފުރަތަމަ ކަނޑަށް ފުންމާލީ ލޯންޗުގައި ތިބި ފިރިހެން ކުދިންނެވެ. އެއަށްފަހު އެކަކު އަނެކަކުގެ އަތުގައި ހިފައިގެން އެކި ދިމަދިމާލުން ފަހަރަކު ބަޔަކު ފުންމަމުން ދިޔައެވެ.
ކަނޑަށް ފުންމާލިތާ މާ ގިނައިރުތަކެއް ނުވަނީސް އެމީހުން ސަލާމަތް ކުރުމަށް އެ ސަރަޙައްދަަށް ލޯންޗުތައް ދިޔައެވެ. ކަނޑަށް ފުންމާލި އެންމެން ކަނޑުން ނެގުމަށްފަހު މާލެ ގެނެވުނީ، ރޭ 7:30 އެހާކަންހާއިރެވެ.
ދިމާވި ކުއްލި ހާދިސާގެ ސަބަބުން ބައެއް ކުދިން ހާސްވެ، ކަންބޮޑުވިނަމަވެސް ލިބުނު ތަމްރީނުގެ އެހީގައި އެފަދަ ކާރިސާތަކާއި ކުރިމަތިލާން ފަސޭހަވިކަން އެ މީހުން ފާހަގަކުރިއެވެ.
ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ތެރެއިން ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދީފައިވެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭއިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދީފައިވާއިރު، އަސްކަރީ ތަމްރީނުގެ ޙަރަކާތްތައްވެސް ތަޢާރަފުކޮށްދީފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ނިންމައި ދަރިވަރުން ދަސްވެނިވީ، މިމަހުގެ 17ވަނަ ދުވަހުއެވެ.