"ރާއްޖެ ޖޫނިއަރ" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ، އދ.އަތޮޅު ތައުލީމީ މަރުކަޒާއި މާފުށި ސްކޫލް ހޯދައިފިއެވެ.
އދ.އަތޮޅު ތައުލީމީ މަރުކަޒު ސެމީ ޔަގީންކުރީ ކުއާޓަރގައި ޢިމާދުއްދީން ސްކޫލުގެ މައްޗަށް 0-4 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.
މާފުށީ ސްކޫލް ސެމީއަށް ގޮސްފައިވަނީ 1-2 ގެ ނަތީޖާއިން ކުއާޓަރގައި މަޖީދިއްޔާ ސްކޫލުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ދެމެޗުވެސް ކުޅުނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައެވެ.
ކުއާޓަރގެ ފުރަތަމަ މެޗުގައި، އދ.އަތޮޅު ތައުލީމީ މަރުކަޒުން ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ ސިކުންތުގައެވެ. މިއީ މިހާތަނަށް މިމުބާރާތުގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. މެޗުގެ 27 ވަނަ މިނެޓުގައި އެޓީމުން ލީޑު ފުޅާކޮށްފައިވާއިރު، އދ.އަތޮޅު ތައުލީމީ މަރުކަޒުގެ 3 ވަނަ ގޯލު ފެނިގެންގޮސްފައިވަނީ 47 ވަނަ މިނެޓުގައެވެ. އަދި އެޓީމުގެ ފަހު ގޯލު ކާމިޔާބުކޮށްފައިވަނީ 51 ވަނަ މިނެޓުގައެވެ.
ކުއާޓަރގެ ދެވަނަ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މަޖީދިއްޔާއިންނެވެ. ނަމަވެސް މާފުށި ސްކޫލުން ވަނީ ފަހަތުން އަރާ، ދެ ގޯލު ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.
މަޖީދިއްޔާ ސްކޫލުން މެޗުގެ ލީޑު ނަގާފައިވަނީ 5 ވަނަ މިނެޓުގައެވެ. މާފުށި ސްކޫލް ހާފުގެ މެދެއްހައި ހިސާބުން ފޮނުވާލި ބޯޅަ ގޯލުތެރެއަށް ވަދުނީ ކީޕަރު ބޯމަތިންނެވެ. މާފުށީ ސްކޫލުން މެޗުގެ ނަތީޖާ އެއްވަރުކުރީ ލިބުނު ހިލޭޖެހުމަކުން، މެޗުގެ 34 ވަނަ މިނެޓުގައެވެ. އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކުރީ ލިބުނު ހިލޭޖެހުމަކުން، މެޗުގެ 47 ވަނަ މިނެޓުގައެވެ.
ކުއާޓަރ ފައިނަލްގެ 3 ވަނަ މެޗުގައި މިއަދު ބައްދަލުކުރާނީ ކަލާފާނު ސްކޫލާއި ގުރައިދޫ ސްކޫލެވެ. އަދި 4 ވަނަ މެޗުގައި ބައްދަލުކުރާނީ އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ.