ޣައްޒާގައި ކާބޯތަކެތި ބަހާ މަރުކަޒަކަށް ޔަހޫދީން ޙަމަލާ ދީފިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާ މެދުކަނޑާލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޔަހޫދީން ޢަމަލު ކުރަނީ ނަމެއްގައެވެ. ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ގިނަ ޙަމަލާތަކެއް އަމާޒުކޮށް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.
ޔަހޫދީން އެންމެ ފަހުން ދިން ޙަމަލާތަކުގެ ތެރޭގައި ދީރުލް ބަލާޙުގެ އަލް އަޤްޞާ މާޓިޔާސް ހޮސްޕިޓަލް ކައިީރީގައި ހުންނަ ކާބޯތަކެތި ބަހާ މަރުކަޒަށް ދީފައިވާ ޑްރޯން ޙަމަލާ ހިމެނެއެވެ. އެ ޙަމަލާގައި ތިން މީހުން ޝަހީދުވެފައިވެއެވެ. އޭގެ އިތުރުން ޣައްޒާގެ ޚާން ޔޫނިސްގައި ދީފައިވާ ޙަމަލާއެއްގައި އެކަކު ޝަހީދުވެ، ހަތަރު މީހުންނަށް ޒަޚަމްވެފައިވެއެވެ. އެ ޙަމަލާ ދީފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންތަކެއް އެއްވެފައިވާ ސަރަޙައްދަކަށެވެ.
ޔަހޫދީ އަސްކަރިއްޔާގެ އުޅަނދުތައް ވަނީ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ބަނީ ސުހައިލާ އަވަށަށް ވެސް ވަދެގަނެ ބަޑިންނާއި ޓޭންކަރުން ޙަމަލާތައް ދީފައެވެ. އެ އުޅަނދުތައް ވަނީ ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތައް ވަކިކުރުމަށް ބޭނުންކުރާ “ރީނދޫ ރޮނގު” ފާހަގަކުރުމަށް ބޭނުންކުރާ ގައުތައް ވެސް ހުޅަނގާވީ ކޮޅަށް ޖައްސައި ޔަހޫދީން ވެރިވެގަނެފައިވާ ސަރަޙައްދު އެތައް މީޓަރަކުން ފުޅާކޮށްފައެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 72،600 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި މިހާތަނަށް 172،000އަށް ވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގައި 870 މީހުން ޝަހީދުކޮށްލައި، 2،540 މީހުންނަ
ށް ޒަޚަމްކޮށްލައިފައެވެ.