ޚަބަރު

ނިއުކްލިޔަރ ކާރުޚާނާއެއް ކައިރީގައި ރޯވެ، އައިއޭއީއޭގެ ކަންބޮޑުވުން


އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީއަށް ދިން ޑްރޯން ޙަމަލާއެއްގައި، އެ ޤައުމުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ މައި ކާރުޚާނާ ކައިރީގައި ރޯވެ، ބައިނަލްއަޤުވާމީ ހަކަތައާ ބެހޭ އިދާރާ، އައިއޭއީއޭއިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ޔޫއޭއީން ބުނީ، ބަރަކަތު ނިއުކްލިޔަރ ކާރުޚާނާގެ ކައިރިއަށް އަމާޒުވި ޑްރޯން ޙަމަލާއެއްގައި އެތަނުގައި ހުރި ޖަނަރޭޓަރެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އެ ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، ނިއުކްލިޔަރ މަރުކަޒަށް ވެސް އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ޔޫއޭއީން ބުނެފައިވެއެވެ.

އެ ކާރުޚާނާއަށް ގެއްލުމެއް ނުލިބޭކަމަށް އައިއޭއީއޭއިން ޔޫއޭއީގެ ކަމާގުޅޭ އިދާރާތަކާ ޙަވާލާދީ ވަނީ ކަށަވަރުކޮށްދީފައެވެ.

ނަމަވެސް، ހަނގުރާމައިގެ ޙާލަތުގައި ވެސް ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާދީ، ނިއުކްލިޔަރ ކާރިޘާއެއް ކުރިމަތިވުމުގެ ނުރައްކަލެއް އުފެދޭ ގޮތަށް ހިންގާ ޢަމަލުތައް ކުށްވެރިކޮށް، އައިއޭއީއޭއިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ޤަތަރާއި ސަޢުދީ ޢަރަބިއްޔާއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހުންނަ މި ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާއިން، ޔޫއޭއީއަށް ބޭނުންވާ ކަރަންޓުގެ ހަތަރު ބައި ކުޅަ އެއްބައި ފޯރުކޮށްދެއެވެ.

އެ ކާރުޚާނާ ކައިރިއަށް އަމާޒުވި ޑްރޯން ޙަމަލާ ފޮނުވައިލީ ކޮން ބައެއް ކަމެއް ޔޫއޭއީއިން ނުބުނުއެވެ.

ނަމަވެސް، މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫއޭއީގެ އުމްރާނީ ވަޞީލަތްތަކަށް އަމާޒުކޮށް އީރާނުން ޑްރޯނާއި މިސައިލް ޙަމަލާތައް އަމާޒުކުރަމުންދާކަމަށް ޔޫއޭއީން ތުހުމަތުކުރެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ރައްދުގައި، އީރާނަށް ޙަމަލާދޭން ވާގިވެރިވާކަމަށް ތުހުމަތުކޮށް، ގަލްފުގެ ބައެއް ޤައުމުތަކަށް އީރާނުން ވަނީ ވައިގެ ޙަމަލާތައް ދީފައެވެ.