ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގެ ފަސްވަނަ މެޗު ހެލެނބެލިން ކާމިޔާބުކޮށްފިއެވެ.
މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކޯޓުގައި ކުރިއަށްދާ މިމުބާރާތުގެ ފަސްވަނަ މެޗު ހެލެނބެލިން ކާމިޔާބުކުރީ 8 ވިކެޓުން ފުނަ ބަލިކޮށްގެންނެވެ. މިމެޗުގެ ގުރު ދިމާވެގެން ފުނައިން ގަސްދުކުރީ ކުޅެން އަރާށެވެ. އެޓީމުން ކުޅެން އަރާ 5.3 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެންވަނީ 3 ވިކެޓަށް 28 ލަނޑު ހަދާފައެވެ. މިމެޗުގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 5 ބޯޅައިން 5 ލަނޑު ހެދި ކަތުމް ޝިފާޒްއެވެ.
ޖަވާބުގައި ހެލެނބެލިން ކުޅެން އަރާ 5 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 29 ލަނޑު ހަދާ މެޗުވަނީ ކާމިޔާބުކޮށްފައެވެ. މިމެޗުގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 12 ލަނޑު ހެދި، މުހަންމަދު މިހުސާންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައިވަނީ ހެލެނބެލި ޓީމުގެ ކެޕްޓަންކަންކުރަމުން އަންނަ މިހުސާންއެވެ.
މާފަންނު ކުޅިވަރު އެކުވެނީގައި ކުރިއަށްދިޔަ އިއްޔެގެ މެޗު ކުޅުންތެރިން ކުޅެފައިވަނީ ކަޅު ބޭންޑުގައެވެ. އެއީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދާ އިންޑިއާގެ ދެ ކުޅުންތެރިންކަމަށްވާ ރޮޖާ އަދި ޖޮއެލްގެ ބައްޕަ އެކްސިޑެއްޓެއްގައި ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައެވެ.
16 އަހަރުންދަށުގެ އުމުރުފުރާއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ވާދަކުރަނީ ޖުމްލަ 4 ޓީމުންނެވެ. އެއީ ހެލެނބެލި، ފުނަ، މަދޮށި އަދި ކާނި ޓީމެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާގޮތަށް ކުރިއަށްގެންދާ މިމުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 16 އަދި 17 އަށެވެ. 18 ވަނަ ދުވަހު ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭގެ އެއް ދުވަސް ފަހުން މިމަހުގެ 20 ވަނަ ދުވަހުއެވެ.
ގައުމީ ޖޫނިއާ ޓީ 20 ޗެންޕިއަންޝިޕުގެ ތިންވަނަ މެޗުގައި މިއަދު ވާދަކުރާނީ ކާނި އަދި މަދޮށްޓެވެ. މިމެޗުގެ ކުޅުން ކުރިއަށްދާނީ މެންދުރުފަހު 01:30 އިން 05:00 އަށް މާފަންނު ކުޅިވަރު އެކުވެނީގައެވެ.