ފޯރިގަދަ ކުޅުމަކަށްފަހު، "ރާއްޖެ ޖޫނިއަރ" 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު، ކަލާފާނު، އަޙްމަދިއްޔާ އަދި ހުރަވީ ސްކޫލުން އާކޮށްފިއެވެ.
މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ކަލާފާނު ސްކޫލާއި ޝަހީދު ޢަލީ ސްކޫލެވެ. މިމެޗު، 0-1 ގެ ހަނި ތަފާތަކުން ކާމިޔާބުކޮށްފައިވަނީ ކަލާފާނު ސްކޫލުންނެވެ.
ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ، ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ބޮޑުބައި ނިމިގެންގޮސްފައި ވަނީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވިއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު، 36 ވަނަ މިނެޓުގައި ކަލާފާނު ސްކޫލުން ކާމިޔާބުކޮށްފައި ވަނީ ލިބުނު ހިލޭޖެހުމަކުންނެވެ. މިދެޓީމު ހިމެނޭ ގުރޫޕް 4 ގައި ދެން ހިމެނެނީ ތާޖުއްދީން ސްކޫލެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި، ރެހެންދި ސްކޫލުގެ މައްޗަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ކުރިހޯދާފައި ވަނީވެސް 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ 2 ވަނަ މިނެޓުގައެވެ. އިތުރު ގޯލެއް ފެނިގެންނުދިޔަ ނަމަވެސް، ދެޓީމަށްވެސް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. މިދެޓީމާއެކު ގުރޫޕް 5 ގައި ހިމެނެނީ ބްރިޓްވޭ އިންޓަރނޭޝަނަލް ސްކޫލެވެ.
ފުރަތަމަ ދެމެޗާ ހިލާފަށް މިއަދުގެ ފަހު މެޗުގައި ވަނީ ގިނަ ގޯލުތަކެއް ފެނިގެންގޮސްފައެވެ. އެގޮތުން، ހުރަވީ ސްކޫލުން ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލުގެ މައްޗަށް ކުރިހޯދާފައި ވަނީ 0-12 ގެ ނަތީޖާއިންނެވެ.
ހުރަވީ ސްކޫލުން މެޗުގެ ލީޑު ނަގާފައިވަނީ 5 ވަނަ މިނެޓުގައެވެ. އޭގެ އެންމެ 2 މިނެޓު ފަހުން، 7 ވަނަ މިނެޓުގައި އެޓީމުގެ 2 ވަނަ ގޯލު ކާމިޔާބުކުރިއިރު، 3 ވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައެވެ. އަދި ހުރަވީ ސްކޫލުގެ 4 ވަނަ ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ 16 ވަނަ މިނެޓުގައެވެ.
އެ ސްކޫލުގެ 5 ވަނަ ގޯލު މެޗުގެ 18 ވަނަ މިނެޓުގައި ފެނިގެންގޮސްފައިވާއިރު، ހުރަވީ ސްކޫލުގެ 6 ވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފެށިގެން 42 ސިކުންތު ތެރޭގައެވެ.
މެޗުގެ 23 ވަނަ މިނެޓުގައި ހުރަވީ ސްކޫލުގެ 7 ވަނަ ގޯލު ޖަހާފައިވާއިރު، ހުރަވީ ޓީމުން ވަނީ އޭގެ އެންމެ މިނެޓެއް ފަހުން 8 ވަނަ ގޯލެއްވެސް ޖަހާފައެވެ. ހުރަވީ ސްކޫލުގެ 9 ވަނަ ގޯލު ފެނިގެންގޮސްފައި ވަނީ މެޗުގެ 36 ވަނަ މިނެޓުގައެވެ. އަދި އޭގެ 2 މިނެޓު ފަހުން ހުރަވީ ޓީމުން ވަނީ 10 ވަނަ ގޯލެއްވެސް ކާމިޔާބުކޮށްފައެވެ. ހުރަވީ ސްކޫލުގެ ފަހު 2 ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައެވެ.
މި ނަތީޖާތަކާއެކު، ކަލާފާނު ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ހުރަވީ ސްކޫލުން ދެވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލާފައި ވާއިރު، ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލަށް މިވަނީ ދެވަނަ ބުރަށް ދިއުމަށް އަމިއްލަ ބާރު ގެއްލިފައެވެ.