ޚަބަރު

މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ހުދު ސަމާލު


  • ހުދު ސަމާލު ނެރެފައި ވަނީ ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް

  • ހެނދުނު 10:00އިން ހަވީރު 4:00އަށް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ކުރިއަށްއޮތް ގަޑިތަކުގައި ގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކޮށް ހެނދުނު 10:00 އިން ހަވީރު 4:00އަށް ނ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްވަނީ ހުދު ސަމާލު ނެރެފައެވެ. މިވަގުތުތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.

ކުރިއަށްއޮތް 24ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.

އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާޚަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. އެ އިދާރާއިން ވިދާޅުވީ، އާންމުކޮށް ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާންމުކޮށް ގަދަވާނެކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 7-4 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ސ.ހިތަދޫއަށެވެ. އެގޮތުން ހިތަދޫއަށް 59.3 މިލިމީޓަރގެ ވާރޭވެހިފައިވާކަން މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ދުވަސްވަރު ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން ވިއްސާރައިގައި ފެންބޮޑުވެދާނެ ކަމަށް ބަލާ ތައްޔާރުވުމަށާއި، ވައިގަދަވާ ހާލަތުގައި އެއްލާލާނެ ފަދަ ތަކެތި ވައު ބޭނުންކޮށް އައްސާފައި ބެހެއްޓުމަށް އިދާރާތަކުން އިރުޝާދު ދެއެވެ.