ޚަބަރު

އެމްއައިބީގެ 16 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހޯމަ ދުވަހު


  • މިއަހަރުގެ އޭޖީއެމް ކުރިއަށްދާނީ ވަރޗުއަލްކޮށް

  • ހިއްސާދާރުންނަށް 129.6 މިލިޔަން ރުފިޔާގެ ޑިވިޑެންޑެއް ހުށަހަޅާނެ

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ 16 ވަނަ އަހަރީ އާންމު ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްއައިބީން ވިދާޅުވީ، މިއަހަރުގެ އޭޖީއެމް ބޭއްވުމަށް ހަަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ 13:30 ގައި، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ.

އެ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ވޯޓުލުމުގެ ހައްގު ލިބިފައިވާނީ މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާގެ ރަޖިސްޓްރީގައި ހިމެނިފައިވާ ހިއްސާދާރުންނަށް އެކަންޏެވެ.

މި ފަހަރުގެ އޭޖީއެމްގައި ނިމުނު މާލީ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ފާސްކުރުމާއި، ކޮންމެ ހިއްސާއަކަށް ދިނުމަށް ހުށަހަޅާފައިވާ ޑިވިޑެންޑް ފާސްކުރުމާއި، 2026 ވަނަ އަހަރަށް އެކްސްޓަރނަލް އޮޑިޓަރެއް އައްޔަންކުރުމާއި، ޑިރެކްޓަރުންގެ ބޯޑުގެ މުސާރަ ޕެކޭޖަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑުން ލަފާދީފައިވަނީ 31 ޑިސެންބަރު 2025 ގައި ނިމުނު އަހަރަށް، ހިއްސާދާރުންނަށް 129.6 މިލިޔަން ރުފިޔާގެ ޑިވިޑެންޑެއް ބެހުމަށެވެ. މިގޮތަށް ފާސްކޮށްފި ނަމަ ކޮންމެ އާންމު ހިއްސާއަކަށް ޖެހޭނީ 5.41 ދިވެހި ރުފިޔާއެވެ.

އެމްއައިބީން ވިދާޅުވީ، 16 ވަނަ އޭޖީއެމްގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ހުށަހަޅައިގެން ޕްރީ ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ. ޕްރީ ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ރަޖިސްޓްރޭޝަން ހުށަހެޅޭނީ 16 މޭ 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިއޭޖީއެމް ކުރިއަށްދާނީ ވަރޗުއަލްކޮށެވެ. އެގޮތުން ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް ފަހިވޯޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު ފަހިވާނެއެވެ. މީގެ އިތުރުން، އެމްއައިބީގެ އަހަރީ އާންމު ޖަލްސާއާއި، ރަޖިސްޓްރޭޝަންގެ އުސޫލުތަކާއި، އެޖެންޑާއާއި، ސަޕޯޓިންގ ޑޮކިއުމަންޓްތަކާ ގުޅޭ އިތުރު ތަފްސީލުތައް އެމްއައިބީގެ އިންވެސްޓަރ ރިލޭޝަންސް ވެބްޕޭޖުން ލިބެން ހުންނާނެކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.