ޚަބަރު

ޑިޖިޓަލް ފޯ އޯލް ކެމްޕެއިން އިފްތިތާޙުކޮށްފި


  • ބޭނުމަކީ ނޭޝަނަލް ޑިޖިޓަލް އޭއައި ލިޓަރޭސީ އިތުރުކުރުން

  • ކެމްޕެއިން ކުރިއަށްގެންދަނީ ދާޚިލީ ވުޒާރާއާއި ތަޢުލީމީ ވުޒާރާ ގުޅިގެން

"ޑިޖިޓަލް ފޯ އޯލް"ގެ ނަމުގައި ޚާއްޞަ ކެމްޕެއިނެއް އިފްތިތާޙު ކޮށްފިއެވެ. މިއީ، ނޭޝަނަލް ޑިޖިޓަލް އޭއައި ލިޓަރޭސީ އިތުރުކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މި ކެމްޕެއިން އިފްތިތާޙު ކޮށްދެއްވީ، ތަޢުލީމާއި މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މި ކެމްޕެއިން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނާއި، ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދާޚިލީ ވުޒާރާއާއި ތަޢުލީމީ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕެއިންގައި ފިއުޗަރ އިންސްޓިޓިއުޓުން އޮޕަރޭޝަނަލައިޒް ކުރާނެއެވެ. އަދި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނީ މައިންޑްކޯއިންނެވެ. މި ކެމްޕެއިނަކީ، 3 އަހަރު ދުވަހުގެ މުއްދަތަކަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.

"ޑިޖިޓަލް ފޯ އޮލް ކެމްޕެއިނަކީ" ރާއްޖެ ޑިޖިޓަލައިޒޭޝަންއާ ދިމާލަށް ކުރާ ދަތުރުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. އަދި މުޅި ރާއްޖޭގައި ޑިޖިޓަލް ޚިދުމަތްތަކާއި ޓެކްނޮލޮޖީތައް ފުޅާވަމުންދާއިރު، ހަމައެކަނި އެކްސެސް ލިބުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ ޑިޖިޓަލް ވަސީލަތްތައް ފައިދާހުރި ގޮތެއްގައި ބޭނުން ކުރުމަށް ބޭނުންވާ ޢިލްމާއި ހުނަރާއި އިތުބާރު ޤާއިމްކޮށްދޭނެއެވެ.

ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ސަބަބުން ލިބޭ ފުރުސަތުތަކުގެ ފައިދާ ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެކަން ކަށަވަރު ކުރުމަކީ، މި ކެމްޕެއިންގެ އަމާޒެކެވެ. މުޅި ރާއްޖޭގައި މި ކެމްޕެއިން ކުރިއަށްގެންދާއިރު، ކޮންމެ އަހަރަކުވެސް 75،000 މީހުން ނުވަތަ 3 އަހަރު ދުވަހުގެ ތެރޭގައި 225،000 މީހުންނަށް އަމާޒު ކުރެއެވެ. އަދި މި ކެމްޕެއިން ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ޚާއްޞަވެއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް މިހާރު ވަނީ، ޤައުމީ ފެންވަރުގެ ފްރޭމްވޯކެއް އެކުލަވާލާފައެވެ. މައިންޑްކޯއިން ވިދާޅުވީ، މި ކެމްޕެއިންގައި އެކި ދާއިރާތައް ހުންނާނެ ކަމަށާއި ކެމްޕެއިންގައި ބައިވެރިވުމަށް އެސެސްމަންޓެއް ހަދަން ޖެހޭނެ ކަމަށެވެ.

މި ކެމްޕެއިން އަމަލީގޮތުން ފެށުމަށް ފުރަތަމަ ޓްރެއިނިން އޮފް ޓްރެއިނަރސްގެ ތަމްރީންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 6 އަތޮޅުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައެވެ. ރަށްތައް ފުރަތަމަ ކަނޑައަޅާނީ، އާބާދީ ބޮޑެތި ރަށްތައް ބެލުމަށްފަހުގައެވެ.