އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގައި ވާދަކުރާ އިރާނުގެ ފުޓްބޯޅަ ޓީމާއި އެގައުމުގެ ރައީސް މައްސޫދު ޕެޒެޝްކިއާން ބައްދަލުކުރައްވައިފި އެވެ.
އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ވޯލްޑްކަޕްގައި އިރާނުގެ ޓީމު ވާދަކުރާއިރު އިރާނާއި އެމެރިކާ އާއި ދެމެދުވަނީ ހަނގުރާމައެއް ފެށި އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކޮށްފަ އެވެ.
މީގެ އިތުރުން އިރާނުން ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ތިން މެޗުވެސް އެމެރިކާގައި ކުޅެން ހަމަޖެހިފައިވާއިރު ބައެއް ކުޅުންތެރިންނަށް ވިސާގެ މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް އެމެރިކާއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. ނަމަވެސް އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހްދީ ތޭޖް ވަނީ ޓީމު އެމެރިކާއަށް ދިއުމުގެ ކުރިން އެކަންތައްތައް ކަށަވަރުކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
އިރާނުގެ ރައީސް އާއި ގައުމީ ޓީމުގެ ކުޅުންތެރިން ބައްދަލުކުރެއްވުމަށްފަހު ޓީމުގެ ކުޅުންތެރިން ވަނީ ތެހެރާނުގެ އިންގިލާބު މައިދާނަށް އެއްވެ އެތައް ހާސް ސަޕޯޓަރުންނާއި ބައްދަލުކޮށްފަ އެވެ.
އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހްދީ ތާޖް ވިދާޅުވެފައިވަނީ މިއީ ހަނގުރާމައެއްގެ ތެރޭގައި އޮތް ގައުމެއްގެ ފުޓްބޯޅަ ޓީމެއް ކަމަށާއި އެހެންކަމުން ކުޅުންތެރިންގެ ހިތްވަރާއި ސަބިތުކަން ފެނިގެންދާ ކަމަށެވެ.
އަދި އިންގިލާބު މައިދާނުގައި ސަޕޯޓަރުންނާއި ބައްދަލުކުރުމުން ކުޅުންތެރިންގެ މެދުގައި ސަޕޯޓަރުންނަށް އޮތް ލޯބި ފެނިގެންދާކަމަށްވެސް ތޭޖް ވަނީ ވިދާޅުވެފަ އެވެ.
އިރާނާއި އެއް ގްރޫޕެއްގައި ހިމެނޭ ބެލްޖިއަމް އާއި ނިއު ޒިލޭންޑްގެ އިތުރުން މިސްރުގެ މެޗުތައް ކުޅޭނީ އެމެރިކާގެ ސިއޭޓަލް އާއި ލޮސް އެންޖެލެސްގަ އެވެ.