ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ފަރާތުން ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޖިއްދާގައި ހުންނަ އެ މިނިސްޓްރީގެ ހެޑްކުއާޓާގައެވެ.
މިބައްދަލުކުރެއްވުމުގައި މައްކާގައި ޤާއިމުކޮށްފައިވާ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް އާއި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޙައްޖު މިޝަނުން ސަޢުދީގެ ޙައްޖާ ބެހޭ ކަންތައްތަކުގެ ޖެނެރަލް ސެކްރެޓަރީއާއި ބައްދަލުކުރައްވާފައިވާއިރު، ޙައްޖުގެ ކަންކަން ބަލަހައްޓާ ޑިރެކްޓަރ ޖެނެރަލް އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބާއިވެސް ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ވަނީ ސަޢުދީން ދިވެހި ސަރުކާރާއި ބަހައްޓަވާ ގާތްކަމާއި ޙާޖީންގެ އިންތިޒާމުތައް ހަރުދަނާކުރައްވަން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި މިހާރު ހުރި ބައެއް ކަންކަން އިތުރަށް ރަނގަޅުކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
ސަޢުދީގެ ޙައްޖު މިނިސްޓްރީއަކީ ޙައްޖާއި ގުޅޭ އެންމެހާ ކަންކަން ސަޢުދީގައި ހަމަޖެއްސުމާއި އަދި ޤައުމުތަކާއި ގުޅިގެން ޙައްޖުގެ އިންތިޒާމުތައް ހަމަޖައްސާ މައި އިދާރާއެވެ. އަދި ޤައުމުތަކުން ޙައްޖާއި ގުޅިގެން ކުރިއަށްގެންދާ ކަންކަން ހިނގާ ގޮތްތައް ބަލައި ރެގިއުލޭޓްކުރާ މައި އިދާރާއެވެ.
އެ މިނިސްޓްރީން ދަނީ، އަހަރުން އަހަރަށް ޙައްޖުގެ އިންތިޒާމްތަކުގެ ފެންވަރު ރަނގަޅުކުރަމުންނެވެ. އަދި އެންމެ ބޮޑު ބަދަލަކީ ޙައްޖުގެ ކަންކަން ޑިޖިޓަލް ނިޒާމަކުން ކުރިއަށްގެންދިއުމަށް ގެންނަ ބޮޑު ބަދަލެވެ.
މިހާރު ޙައްޖުގެ އެންމެހާ ކަންކަން ކުރިއަށްގެންދަނީ އެކަމަށް ކަނޑައަޅާފައިވާ ވަކި ޑިޖިޓަލް ޕްލެޓްފޯމެއްގެ ތެރެއިންނެވެ. މިއާއެކު ޚިދުމަތްތައް އަވަސްވެ، ޤައުމުތަކަށް އޭގެ ބޮޑު ލުއި ފަސޭހައެއް ދަނީ ލިބެމުންނެވެ. އަދި ޙައްޖުގެ ސަލާމަތާއި ރައްކާތެރިކަންވެސް ވަނީ ވަރަށް ބޮޑަށް ކަށަވަރުކޮށްފައެވެ.