ޙައްޖުވެރިންގެ ނުސުކް ކާޑު ރާއްޖެއިން ފުރުމުގެ ކުރިން، ޙާޖީންނާއި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އަދި ދިވެހިރާއްޖެއަކީ މި ކާޑު، އަމިއްލަ ޤައުމުން ހަވާލުކުރާ ފުރަތަމަ ޤައުމުކަމަށް ރާއްޖޭގެ މުޠައްވިފް ރަވާފް މިނާއިން ފާހަގަކުރައްވައެވެ. ޙައްޖު ކޯޕަރޭޝަނުން ދަނީ ފުރަތަމަ ފްލައިޓްގެ ޙައްޖުވެރިންގެ ބައޯމެޓްރިކްސްގެ ކަންކަން ފުރިހަމަކޮށް، ކާޑު ހަވާލުކުރަމުންނެވެ.
މި ކާޑަކީ ޙާޖީން ހުރިހާ ވަގުތެއްގައި ގެންގުޅެންޖެހޭ ކާޑެކެވެ. މި ކާޑާ ނުލާ ޙައްޖުގެ އެއްވެސް މަޝާއިރެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.
އަހަރުން އަހަރަށް ސަޢުދީން އަންނަނީ ޙައްޖުގެ ނިޒާމު ޑިޖިޓަލައިޒްކޮށް ޚިދުމަތްތައް ހަރުދަނާކުރަމުންނެވެ. މިއިން ކޮންމެ ފިޔަވަޅަކީ ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ކޮންމެ ޙައްޖުވެރިއަކީވެސް ސަޢުދީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް އެންމެ އެކަށީގެންވާ ޚިދުމަތްތައް ކަށަވަރުވެފައިވާ ޙާޖީއެއްކަން ކަށަވަރުކުރުމެވެ.
މިއަހަރުގެ ޙައްޖުގައިވެސް ކޮންމެ ޙައްޖުވެރިއެއްގެ އެންމެ މުހިންމު ލިޔެކިޔުމަކީ ސަޢުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ޙައްޖުވެރިންނަށް ހަވާލުކުރާ "ނުސުކް ކާޑް"އެވެ. ނުސުކް ހުއްދަ ނުވަތަ ކާޑާއި ނުލައި ޙައްޖުގެ އެއްވެސް މަޝާއިރެއްގައި އެއްވެސް ޙައްޖުވެރިއަކަށް ބައިވެރިއެއް ނުވެވޭނެއެވެ.
މިއީ ކޮންމެ ޙައްޖުވެރިއަކު ހުރިހާ ވަގުތެއްގައި އަޅައިގެން އުޅެންޖެހޭ ކާޑެކެވެ.
މިއީ ޙައްޖުވެރިޔާގެ ޙައްޖުގެ ރަސްމީ އެންމެހާ ހުއްދަތައް ނަގާފައިވާކަން ކަށަވަރުކޮށްދޭ ލިޔެކިޔުމެވެ. އަދި ޙައްޖުގެ ހުރިހާ މަޝާއިރުތަކުގައި ހިމެނޭ ކޮންމެ ތަނަކަށްދާއިރުވެސް، މި ކާޑު ޙައްޖުވެރިންގެ އަތުގައި އޮތްތޯ، ސަޢުދީގެ ޙައްޖު މިނިސްޓްރީ އާއި ކަމާގުޅޭ އެންމެހާ އިދާރާތަކުން ބަލާނެއެވެ. މިއީ އެއްތަނުން އަނެއްތަނަށް ދަތުރުކުރާއިރު، ހުއްދަ އޮތްތޯ ބެލުމަށް ވެހިކަލް ޗެކްޕޮއިންޓްތަކުންވެސް ޗެކް ކުރާނެ ކާޑެވެ.
ޙައްޖުވެރިޔާގެ ބަޔޯމެޓްރިކްސްއާއި ނަމާއި ޤައުމާއި ވިސާގެ މަޢުލޫމާތާއި ޙައްޖުގެ ހުއްދަތަކާއި އަދި ޙައްޖުވެރިއާއަށް މައްކާގައި ޚިދުމަތްދޭ އެޖެންޓުގެ މަޢުލޫމާތުތައްވެސް މި ކާޑުގައި ހުންނާނެއެވެ. އަދި ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ، މުޢާމަލާތްކުރަންޖެހޭ ކަމާގުޅޭ ފަރާތްތަކުގެ މަޢުލޫމާތާއި ނަންބަރުތައްވެސް މި ކާޑުގައި ހުންނާނެއެވެ. ދަތުރުފަތުރާއި ޙައްޖުވެރިޔާގެ ޞިއްޙީ މަޢުލޫމާތުތައްވެސް ހުންނާނެއެވެ.
ޙައްޖަށް އައުމުގެ ކުރިން، އަމިއްލަ ފޯނުން ނުސުކް އެޕްލިކޭޝަނަށް ލޮގިންވެ ރަޖިސްޓްރީވުމަކީވެސް އިތުރަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. އެއީ ކާޑު ނެތް ހާލަތުގައި ނުވަތަ ގެއްލިއްޖެ ވަގުތެއްގައި މީހާގެ މަޢުލޫމާތު ކަށަވަރުކުރެވޭނެ ގޮތެވެ. އެއްވެސް ޙާލަތެއްގައި ނުސުކް ކާޑު ގެއްލިއްޖެ ނަމަ، ވީހާވެސް އަވަހަށް އެހީތެރިއަކަށް އަންގަންވާނެއެވެ.
އެހެންކަމުން ޙައްޖުގެ މުޅި ދަތުރުގައިވެސް، ނުސުކް ކާޑަށް ރައްކާތެރިވުމަކީ ޙާޖީން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.