ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު އިތުރަށް ވަރުގަދަކޮށް، އެ ސަރަޙައްދުން ތެލާއި ދިޔާއެއްޗަކަށް ބަދަލުކޮށްފައިވާ ގޭސް (އެލްއެންޖީ) އުފުލުމަށް އީރާނުން ޢިރާޤާއި ޕާކިސްތާނާއެކު އެއްބަސްވުންތަކެއް ޤާއިމުކޮށްފިއެވެ. ބައިނަލްއަޤުވާމީ ބާޒާރަށް ބޭނުންވާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި ކަނޑުއޮޅި، އީރާނުން މިހާރު ބޭނުންކުރަމުންދަނީ އެ ޤައުމުގެ ބާރާއި ނުފޫޒު ދެއްކުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. ފެބުރުވަރީ 28 ގައި ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އިރުމަތީ އޭޝިޔާ ސަރަހައްދުގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
އޮކްސްފޯޑް އިންސްޓިޓިއުޓް ފޯ އެނަރޖީ ސްޓަޑީޒްގެ ތަޖުރިބާކާރެއް ކަމުގައިވާ ކްލައުޑިޔާ ސްޓޮޔާ ވިދާޅުވީ، އީރާނުން މިހާރު މަސައްކަތް ކުރަނީ ކަނޑުއޮޅި ބަންދުކުރުމުގެ ބަދަލުގައި އެ ތަނުން ކުރާ ދަތުރުފަތުރުގެ ފުރިހަމަ ކޮންޓުރޯލު ހޯދުމަށް ކަމުގައެވެ. މި ބަދަލާއެކު، މޭ 10 ވަނަ ދުވަހު އީރާނުން ވަނީ ޢިރާޤުގެ ދެ ތެޔޮ ޓޭންކަރަކަށް ރައްކާތެރިކަމާއެކު ހުރްމުޒް ހުރަސްކުރުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ. ޢިރާޤުގެ ބަޖެޓުގެ %95 ތެލުގެ އާމްދަނީއަށް ބިނާވެފައިވާއިރު، އެ ޤައުމުން މިހާރު ދަނީ އިތުރު އުޅަނދުތައް ފޮނުވުމަށް ތެހްރާނުގެ ރުހުން ހޯދުމުގެ މަޝްވަރާތައް ކުރަމުންނެވެ.
ޕާކިސްތާނުން ވެސް ވަނީ ޤަޠަރުގެ އެލްއެންޖީ ބަރުކޮށްގެން ދަތުރުކުރި ދެ އުޅަނދަކަށް، ހުރްމުޒް ހުރަސްކުރުމުގެ ހުއްދަ ހޯދާފައެވެ. މި އެއްބަސްވުންތަކުގެ ދަށުން އީރާނަށް އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް، އީރާނުން މިހާރު ދަނީ އުޅަނދުތަކުގެ މިލްކުވެރިކަމާއި، މަންޒިލާއި، މުދަލުގެ ތަފްސީލު ހިމެނޭ ލިޔެކިޔުންތައް ހުށަހެޅުމަށް މަޖުބޫރުކުރުވަމުންނެވެ. ޕާކިސްތާނަށް އެލްއެންޖީ ވިއްކާފައިވާ ކަން ޤަޠަރުން ވަނީ ކުރިއާލައި އެމެރިކާއަށް އަންގާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ފެށްޓެވި ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު %5 ދަށްވެ، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ %50 އަށްވުރެ މައްޗަށް އުފުލިފައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ތެހްރާނުން ހުށަހަޅާފައިވާ ޝަރުޠުތަކަށް ޓްރަމްޕް އިންކާރުކުރައްވަމުން ގެންދެވުމާއެކު، ކައިރި މުސްތަޤުބަލެއްގައި ހަނގުރާމަ ނިމުމަކަށް ގެނެވުމުގެ އުންމީދު ވަނީ ފަނޑުވެފައެވެ. ހުރްމުޒް ބޭނުންކުރުމަށް ގިނަ ޤައުމުތަކަކުން ތެހްރާނާއެކު މި ފަދަ އެއްބަސްވުންތައް ޤާއިމުކުރުމަކީ، އެ ކަނޑުއޮޅީގެ މައްޗަށް ތެހްރާނުން ދާއިމީ ކޮންޓުރޯލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އިންޒާރުކުރެއެވެ.