ރާއްޖެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު އުމުރުފުރާތަކުގެ ކުދިންނަށް މިއަހަރު މުބާރާތެއް ބާއްވާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ބުނެފިއެވެ.
10 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް، ރާއްޖެ ޖޫނިއާގެ ނަމުގައި ބާއްވާ މުބާރާތްތަކުން ފުރުސަތު ނުލިބޭތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަންބޮޑުވުމާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރު، އަހުމަދު ޝާޒިލް ބުނީ މިހާރު އެންމެ ހަގު އުމުރުފުރާތަކުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް މުބާރާތެއް ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެކަޑަމީތަކުން ތަމްރީނުވަމުން އަންނަ ކުޑަ ކުދިންނަށް ވާދަވެރި މުބާރާތެއް މުހިންމު ކަމަށާއި، އެހެންނޫންނަމަ ރަނގަޅު ކުޅުންތެރިން ހިމަނައިގެން ޖޫނިއަރ ޤައުމީ ޓީމެއް ނުނެގޭނެ ކަމަށްވެސް ޝާޒިލް ފާަގަކުރިއެވެ.
"ރާއްޖެ ޖޫނިއާސްގައި ބައިވެރިނުވެވުނު ކުދިންނަށް މުބާރާތެއް ލިބޭނެ، އެ މުބާރާތުގައި ބައިވެރިވާން ފެސްޓިވަލެއް ގޮތުގައިވިޔަސް ފުރުސަތު ދޭނަން. އެއީ އެ ކުދިންނަކީ ވަރަށް މުހިންމު ބައެއް ކުޅިވަރު ކުރިއަރުވަން، ކުޅިވަރުތެރޭގައި އެކުދިން ނެތިއްޔާ އަޅުގަނޑުމެންނަކަށް ނުނެގޭނެ މިވަރުގެ ޓީމެއް، ރާއްޖެ ތަމްސީލުކުރަން 12 އަހަރުން ދަށްވެސް އެބައޮވޭ" ޝާޒިލް ބުންޏެވެ.
ޓޭބަލް ޓެނިހަކީ ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ މެޑަލް ގެނެސްދޭ އެއް ކުޅިވަރުކަން ފާހަގަކުރަމުން ޝާޒިލް ބުނީ އެންމެ ހަގު އުމުރުފުރާތަކަށް ވާދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް މިއަހަރުން ފެށިގެން މުބާރާތްތައް ބޭއްވުމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އަދި ބެލެނިވެރިންނާއެކުވެސް އެސޯސިއޭޝަނުން މަޝްވަރާ ކުރަމުން އަންނަކަމަށެވެ.
"މިއަހަރު ބަދަލެއް ގެންނަނީ މިއުޅެނީ ކުޑަކުދިންނަށް ހާއްސަ މުބާރްތަތަކެއް ބާއްވާގޮތަށް. އަޅުގަނޑުމެންނަށް ޕޭރަންޓުންނާއި އެޑިއުކޭޝަން މިނިސްޓްރީއާއި ވާހަކަ ދައްކައިގެ މިއަހަރު ތެރޭގައި ބާއްވާނަން" ޝާޒިލް ބުންޏެވެ.
ޓޭބަލް ޓެނިހަކީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ކުޅިވަރަކަށްވާއިރު، ރާއްޖޭގެ ތިން ސަރަހައްދެއްގައި މިހާރު އަންނަނީ ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ވައިޑީޕީ) ޕްރޮގްރާމުތައްވެސް ހިންގަމުންނެވެ. އެގޮތުން ފުވައްމުލައް ސީޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ކައުންސިލާއި ޓީޓީއޭއެމް ގުޅިގެން އަންނަނީ ޕްރޮގްރާމްތައް ހިންގަމުންނެވެ.
އެކަޑަމީތަކުން އަންނަނީ ގްރާސްރޫޓް ލެވެލްގެ ތަމްރީނުތަކަށް ގިނަ އަދަދެއްގެ ކުދިން ނެރެ އެކުދިންގެ ހުނަރު އިތުރަށް ކުރިއަރުވައިދެމުންނެވެ.
އެކަޑަމީތަކުން ތަމްރީނުދޭ ކުދިންގެ ތެރެއިން 8 އަހަރުން ދަށާއި 10 އަހަރުން ދަށް އަދި 12 އަހަރުން ދަށުގެ އުމުރުފުރައަށް "ރާއްޖެ ޖޫނިއަރ" ގެ ނަމުގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުމަކީ އެކަޑަމީތަކާއި ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.