ޚަބަރު

ޣައްޒާގެ ރައްޔިތުން ގަދަބާރުން ވަޒަނުން ބޭރުކުރަން ޔަހޫދީން ރާވަނީ


ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ 1.86 މިލިޔަނެއްހާ ރައްޔިތުން ގަދަބާރުން އެ ސަހަރުން ބޭރުކޮށް، އެހެން ޤައުމުތަކަށް ފޮނުވައިލުމަށް ޔަހޫދީން ރާވަމުންދާ ކަން ހާމަވެއްޖެއެވެ. މިއީ، ޔަހޫދީންގެ ހައްދުފަހަނައެޅި 'ޖިޔުވިޝް ޕަވަރ' ޕާޓީގެ ވެރިޔާ އަދި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރު އަޑީގައި ހުރެ އެކުލަވައިލާފައިވާ ހީލަތްތެރި ރޭވުމެކެވެ. ޣައްޒާއިން 1.86 މިލިޔަން ރައްޔިތުން ހަތް އަހަރުގެ ތެރޭގައި ގަދާބާރުން ބޭރުކޮށް، އެ ސަރަޙައްދުން ފަލަސްޠީނުގެ ނަސްލު އެއްކޮށް ނައްތައިލުމަށް ބެން-ގްވީރު ރާވާފައިވާ ނިރުބަވެރި ރޭވުން އިޢުލާނު ކޮށްފައި ވަނީ ކެންޕޭން ޖަލްސާއެއްގައެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގަން ރާވާފައިވާ މި ޖަރީމާ އޭނާ ދުނިޔެއަށް ދައްކަން އުޅެނީ "އަމިއްލަ އިޚުތިޔާރުގައި ހިޖުރަކުރުން" ކަމަށް ބުނެ ޙަޤީޤަތް އޮޅުވައިލައި، ދޮގުހަދައިގެންނެވެ.

'ޑިސްއެންގޭޖްމަންޓް 710' ގެ ނަން ދީފައިވާ މި މަޝްރޫޢުގެ ދަށުން، ފުރަތަމަ އަހަރު 250،000 މީހުން އަދި ތިން އަހަރުގެ ތެރޭގައި 1.11 މިލިޔަން މީހުން ޣައްޒާއިން ބޭރުކުރަން ޔަހޫދީން ވަނީ އަމާޒުހިފާފައެވެ. ކުރިއަށް އޮތް އިންތިޚާބީ ކެމްޕޭނުގެ މައިގަނޑު އަސާސެއްގެ ގޮތުގައި ބެން-ގްވީރު ހުށަހެޅި މި ރޭވުން ތަންފީޒުކުރުމަށް ޚާއްޞަ ވުޒާރާއެއް އުފައްދައި، މި މަޝްރޫޢުގައި ބައިވެރިވެ ފަލަސްޠީނުގެ ރައްޔިތުން ބަލައިގަންނަން އެއްބަސްވާ ޤައުމުތަކަށް މާލީ އެހީތެރިކަން ދިނުމަށް ވެސް ބެން-ގްވީރުގެ ރޭވުމުގައި ހިމަނާފައިވެއެވެ. އަދި، ޣައްޒާގެ ރައްޔިތުން ބަލައިގަތުމަށް ގިނަ ޤައުމުތަކަކުން މިހާރު ވެސް ތައްޔާރަށް ތިބި ކަމުގައި އޭނާ ދަޢުވާކުރާއިރު، އެއީ ކޮން ޤައުމުތަކެއް ކަން އޭނާ ސާފުކޮށްދީފައެއް ނުވެއެވެ.

ބެން-ގްވީރުގެ މި ހީލަތްތެރި ރޭވުން ބިނާކޮށްފައިވަނީ 12 އަސާސެއްގެ މައްޗަށެވެ. މީގެ ތެރޭގައި ފުރައިގެންދާ ފަރާތްތަކަށް ވިސާއާއި، ދަތުރުގެ ޚަރަދާއި، ބޯހިޔާވަހިކަން ހަމަޖައްސައިދިނުން ހިމެނޭ ކަމުގައި، ޔަހޫދީ ދައުލަތުގެ ނޫހަކުން ރިޕޯޓު ކުރެއެވެ. މި ޖަރީމާގެ ފުރަތަމަ މަރުޙަލާގައި 3.3 ބިލިޔަން އެމެރިކާ ޑޮލަރު އަދި ޖުމުލަ 16.6 ބިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް މާލީ އޮނިގަނޑެއް އެކުލަވައިލަން ރާވާފައިވާ ކަމުގައި ވެސް އެ ނޫހުން ބުނެއެވެ.

ޣައްޒާގައި މިހާރު 2.13 މިލިޔަން މީހުން ދިރިއުޅެމުންދާއިރު، އެ ސަހަރުގެ %70 ބިން އޮތީ ޔަހޫދީ ސިފައިންގެ އަތްދަށުގައެވެ. ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދަނީ އައްސޭރިފަށުގައި އޮތް ހަނި ބިމެއްގައި، ވަރަށް ނިކަމެތި ޙާލުގައެވެ. އޮކްޓޫބަރު 2023 ގައި ޔަހޫދީން ފެށި ޤަތުލުޢާންމުގައި ޣައްޒާއިން މިހާތަނަށް 73،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 174،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ޝަހީދުކޮށްލާފައިވާ މީހުންގެ ޙަޤީޤީ ޢަދަދު 200،000 އަށް އެރުން އެކަށީގެންވެއެވެ.