ޚަބަރު

މުޙްޔިއްދީނާއި ހުރަވީ ކަޓައިފި


  • ދެޓީމު އެއްވަރުވީ 1-1 ގެ ނަތީޖާއިން

  • މި ގުރޫޕުން ދެވަނަ ބުރަށް ގޮސްފައިވަނީ ކެޔޮދޫ ސުކޫލް އަދި މާފުށީ ސްކޫލް

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި މުޙްޔިއްދީން ސްކޫލް އަދި ހުރަވީ ސްކޫލް ކުޅުނު ތިން މެޗުން ލިބުނު ހަމައެކަނި ޕޮއިންޓާއެކު އެ ދެ ސްކޫލްވެސް މުބާރާތުން ކަޓައިފިއެވެ. މިދެޓީމު، ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި، ލީޑު ނަގާފައިވަނީ މުޙްޔިއްދީން ސްކޫލުންނެވެ. މިއީ އެޓީމަށް ލިބުނު ހިލޭޖެހުމަކުން މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލެކެވެ. މުޙްޔިއްދީނުން ގޯލުޖެހި ހިސާބުން، ހުރަވީ ސްކޫލުން ދިޔައީ ގޯލެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެންމެފަހުން މިކަން ކާމިޔާބުވާގޮތްވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައެވެ.

މި ދެ ސްކޫލް މުބާރާތުގައި ކުޅެފައިވާ މެޗުތަކަށް ބަލާއިރު، މުޙްޔިއްދީން ސްކޫލުގެ ފުރަތަމަ މެޗުގައި މާފުށީ ސްކޫލް އަތުން ބަލިވެފައި ވަނީ 2-5 ގެ ނަތީޖާއިންނެވެ. އަދި ދެވަނަ މެޗުގައި ކެޔޮދޫ ސްކޫލް އަތުން ބަލިވެފައި ވަނީ 0-1 ގެ ނަތީޖާއިންނެވެ.

ހުރަވީ ސްކޫލުގެ ފުރަތަމަ މެޗުގައި ކެޔޮދޫ ސްކޫލް އަތުން ބަލިވެފައި ވަނީ 0-2 ގެ ނަތީޖާއިންނެވެ. އަދި ދެވަނަ މެޗުގައި މާފުށީ ސްކޫލު އަތުން ބަލިވެފައި ވަނީ 1-6 ގެ ނަތީޖާއިންނެވެ.

އެހެންކަމުން މި ގުރޫޕުން ދެވަނަ ބުރަށް ގޮސްފައި ވަނީ ކެޔޮދޫ ސްކޫލް އަދި މާފުށީ ސްކޫލެވެ.