އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އަނިޔާގެ ސަބަބުން މަޝްހޫރު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ.
ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެކަން ކަށަވަރުވެފައިވާއިރު ބައެއް ކުޅުންތެރިން ދަނީ އަނިޔާއިން ރަގަޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަނިޔާގެ ސަބަބުން ނުކުޅެވޭ ކުޅުންތެރިން;
ސާރޖް ނަބްރީ, ޖަރުމަން
ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންދާ ސާޖް ނަބްރީ އަށް އަނިޔާވެފައިވަނީ ބުންޑެސްލީގާގައި ކުޅެނިކޮށް މިދިޔަ އެޕްރީލް މަހުގެ މެދުތެރޭގަ އެވެ. އަދި އޭނާއަށް މި ސީޒަނުގައި ނުކުޅެވޭނެކަން ކަށަވަރުވެފައިވާއިރު އޭނާ ނެތްތަން ފޫބެއްދުން އެންމެ ކައިރީ ޖަމާލް މުސިއާލާ އެވެ. ވޯލްޑްކަޕް ކޮލިފައިންގެ އިތުރުން މިދިޔަ މާޗް މަހު ކުޅުނު އެކުވެރިކަމުގެ މެޗުތަކާއިއެކު ނަބްރީ ވަނީ ޖުމްލަ 8 މެޗު ކުޅެފަ އެވެ.
ރޮޑްރިގޯ, ބްރެޒިލް
ސްޕެނިޝް ލަލީގާގައި ގެޓާފޭ އަތުން ރެއާލް މެޑްރިޑް 1-0 ގެ ނަތީޖާއަކުން ބަލިވި މެޗުގައި ރޮޑްރިގޯ ގެ އެސިއަލް އަދި މެނިސްކަސް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ. ކޮލިފައިންގައި ބްރެޒިލް އަށް އުނދަގޫ މެޗުތަކެއް ކުޅެން ޖެހުނުއިރު ރޮޑްރިގޯ ވަނީ ތިން ލަނޑު ކޮލިފައިންގައި ޖަހާފަ އެވެ.
ޝަވީ ސިމޮންސް, ނެދަލޭންޑްސް
ޓޮޓްނަމް ހޮޓްސްޕަރ އަށް ކުޅެމުންދާ ނެދަލޭންޑްސްގެ ޝަވީ ސިމޮންސް ގެ އެސިއަލް އަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުނީ މިދިޔަ އެޕްރިލް މަހުގެ ފަހުކޮޅުގައެވެ. ނެދަލޭންޑްސްގެ އެޓޭކިންގ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރާނެކަމަށް ބެލެވުނު ސައިމަންސް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ނެތްތަން ފޫބެއްދުން އެންމެ ކައިރީ މެންޗެސްޓަރ ސިޓީގެ ތިޖާނީ ރޭންޑާރސް އެވެ.
ހޫގޯ އެކިޓީކޭ, ފްރާންސް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ދެކޮޅަށް ލިވަޕޫލް މިދިޔަ އެޕްރިލް މަހު ކުޅުނު މެޗުގައި އެކިޓީކޭ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ވަނީ 9 މަސް ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފަ އެވެ. އެކިޓީކޭގެ ބަދަލުގައި ފްރާންސްގެ ސްކޮޑުން ފުރުސަތު ލިބުން އެންމެ ކައިރީ ކްރިސްޓަލް ޕެލަސްގެ ޝޯން ފިލިޕް މަޓޭޓާ އަށެވެ.
އެޑާރ މިލިޓާއޯ, ބްރެޒިލް
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުންދާ ބްރެޒިލްގެ ޑިފެންޑަރ މިލިޓާއޯ އަށް ވަނީ ފަހަކަށް އައިސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ނިމިގެންދިޔަ އެޕްރިލް މަހުގެ ފަހުކޮޅު މިލިޓާއޯ އަށް ލިބުނު ހެމްސްޓްރިންގް އިންޖަރީގެ ސަބަބުން އޭނާ ވަނީ ސާޖަރީއެއް ހަދާފަ އެވެ. އަދި އަލުން އަނބުރާ އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ މި އަހަރުގެ ފަހުކޮޅުއެވެ.
އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގައި ތިބި ބައެއް ކުޅުންތެރިން ވޯލްޑްކަޕަށް ފިޓުވެދާނެ ކަމަށް ގަބޫލުކުރެވޭ ކުޅުންތެރިންތަކެއްވެސް އެބަތިއްބެވެ. އޭގެ ތެރޭގައި އެމެރިކާގެ ޖޮނީ ކާޑޯސޯ އާއި ޗެލްސީ އަށް ކުޅެމުންދާ ބްރެޒިލްގެ އެސްޓެވާއޯ ވިލިއަންގެ އިތުރުން ޖަޕާނުގެ ވަޓަރު އެންޑޯ އާއި ޓަކޫމީ މިނަމީނޯ ހިމެނެ އެވެ.
މީގެ އިތުރުން ގިނަ ބައެއްގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ އެއް ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުންދާ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. ލަމީން ޔަމާލް އަށް ލިބިފައިޔާ އަނިޔާގެ ސަބަބުން އޭނާއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެކަމަށް އެއްވެސް ފަރާތަކުން ބުނެފައިނުވާއިރު އަނިޔާއިން ރަގަޅުވުމަށް އޭނާ ދަނީ ބާސެލޯނާގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމުގެ ޑޮކްޓަރުންގެ ލަފާގެ މަތިން މަސައްކަތް ކުރަމުންނެވެ.