ޚަބަރު

ވިލާތުގައި ރާއްޖެ އިޝްތިހާރުކުރަން ރޯޑް ޝޯއެއް


  • މި ޝޯތައް ކުރިއަށްދާނީ ދެ ފިޔަވައްސަކަށް ބަަހާލައިގެން

  • މިއީ މިސިނާއަތަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ކުރާ މުހިންމު މަސައްކަތެއް

ރަޝިޔާ، ކޮމަންވެލްތު އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް، ސީއައިއެސް އަދި ވިލާތުގެ ޤައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެންއެޗްޖީއޭއެމްއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ވީއެމްސީން ވިދާޅުވީ، "އައި އެމް މޯލްޑިވްސް" ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ އެ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތާ އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ޒިޔާރަތްކުރަން އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުން ކަމަށެވެ.

މި ރޯޑްޝޯތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ކަމަށްވާ "އައި އެމް މޯލްޑިވްސް – ރަޝިޔާ އެންޑް ސީ.އައި.އެސް" ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 14 އިން 18 އަށެވެ. މި ފިޔަވަހީގައި އަލްމަޓީ، މޮސްކޯ އަދި ސެންޓް ޕީޓާސްބާގްގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ވޯކްޝޮޕްތަކާއި، ވިޔަފާރިވެރިންނާ ބައްދަލު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ވީއެމްސީން ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހި ކަމަށްވާ "އައި އެމް މޯލްޑިވްސް – ސެންޓްރަލް އެންޑް އީސްޓަން ޔޫރަޕް" ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 9 އިން 13 އަށް ބަލްގޭރިއާ، ހަންގޭރީ އަދި ސުލޮވީނިއާގައެވެ. މި ހަރަކާތްތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު އުފެއްދުންތައް ކަމަށްވާ ލަގްޒަރީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، މޫދު ކުޅިވަރުތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވީއެމްސީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ ދަށުން، ހުރިހާ އިންތިޒާމުތަކަކާއި، ހަރަކާތްތައް ހިންގުމާއި، ފައިސާގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާނީ އެންއެޗްޖީއޭއެމްއިންނެވެ. ވީއެމްސީން އެންޑޯޒްމަންޓް ދިނުމުގެ އިތުރުން، ރާއްޖޭގެ ބްރޭންޑިންގްއާއި އިޝްތިހާރު ކުރުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންނާއި، ޤައުމީ ފެންވަރުގައި ފަތުރުވެރިކަން އިޝްތިހާރުކުރާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

ވީއެމްސީން ވިދާޅުވީ، މި ރޯޑްޝޯތަކުގެ ސަބަބުން ރަޝިޔާ، ސީއައިއެސް އަދި ސީއީއީ ސަރަހައްދުގެ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން އަދި މީޑިއާއާ އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިވެ، ވާދަވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މިއީ އާ މާކެޓްތަކަށް ވަދެ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.