އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީގެ ސަސްޕެންޝަން ފީފާއިން އުވާލައިފި އެވެ.
ފީފާގެ އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން އޮޓަމެންޑީ އަކީ އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗަށް ސަސްޕެންޑް ވެފައި ހުރި ކުޅުންތެރިއެކެވެ. ސަބަބަކީ ވޯލްޑް ކަޕް ކޮލިފައިންގެ ފަހު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. އޭނާ ދަނޑުން ފޮނުވާލީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ނަމަވެސް މިއަދަބު އާޖެންޓީނާއިން ވަނީ އިސްތިއުނާފު ކޮށްފަ އެވެ.
"ވޯލްޑް ކަޕުގެ ފައިނަލް ސްޓޭޖަކީ ކޮންމެ ގައުމަކަށް ވެސް އެ މީހުންގެ އެންމެ ވަރުގަދަ ސްކޮޑް ނެރެވެން ޖެހޭ މުބާރާތެއް. އެހެންވީމާ މި މުބާރާތުގައި ކޮންމެ ގައުމަކަށް ވެސް އެބަޖެހޭ އެންމެ މޮޅު ކުޅުންތެރިންނަށް ކުޅެވޭނެ ގޮތެއް އޮންނަން. ޑިސިޕްލިނަރީ އިންޓަގްރިޓީ ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް. ހަމަމިއާއެކު މެޗުތަކުގެ ކޮލިޓީ އާއި އެންމެނަށް ވެސް ހަމަހަމަކަން އިންޓަނޭޝަނަލް އެންމެ ވަރުގަދަ ޕްލެޓްފޯމުގައި ގައުމީ ޓީމު ލެވެލްގައި އޮންނަން އެބަޖެހޭ،" ފީފާއިން ބުންޏެވެ.
އޮޓަމެންޑީ އަކީ އާޖެންޓީނާގެ ގައުމީ ޓީމަށް 130 މެޗަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ފީފާގެ ނިންމުމާއެކު އޭނާގެ އިތުރުން އިކުއެޑޯގެ މޮއިސެސް ސެއިސާޑޯ އާއި ގަތަރުގެ ތެރެކް ސަލްމަންގެ ސަސްޕެންޝަން ވަނީ މައާފުވެފަ އެވެ. ސެއިސާޑޯ އަށް އިކުއެޑޯއާއެކު ވޯލްޑް ކަޕް ފުރަތަމަ މެޗަށް ނުކުންނަން ޖެހެނީ ޖޫން 15 ވަނަ ދުވަހު އައިވަރީ ކޯސްޓާ ދެކޮޅަށެވެ. ގަތަރުގެ ސަލްމަން ވޯލްޑް ކަޕުގެ ފުރަތަމަ މެޗަށް ނުކުންނަން ޖެހޭނީ ޖޫން 13 ވަނަ ދުވަހު ސްވިޒަލޭންޑާ ދެކޮޅަށެވެ.
އަންނަ މަހުގެ 11 އިން ޖުލައި 19 އަށް ކުރިއަށްދާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 48 ޓީމު ބައިވެރިކޮށްގެން ބާއްވާ ވޯލްޑް ކަޕް ބާއްވާނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅިގެންނެވެ.