ޚަބަރު

އަހަރުމެން ބޭނުންވަނީ ކެނެޑާގެ ފުޓްބޯޅަ އެއްކޮށް ބަދަލުކުރަން: ޑޭވިޑް


ކެނެޑާގެ ގައުމީ ޓީމުގެ އުންމީދަކީ އެ ގައުމުގެ ފުޓްބޯޅަ އެއްކޮށް ބަދަލުކުރުން ކަމުގައި ގައުމީ ޓީމުގެ ފޯވަޑް ޖޮނަތަން ޑޭވިޑް ބުނެފި އެވެ.

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުންދާ ކެނެޑާގެ ފޯވަޑް ޖޮނަތަން ޑޭވިޑް ފީފާގެ ރަސްމީ ވެބްސައިޓަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ގައުމުގެ އެންމެ މަގްބޫލު ކުޅިވަރަކީ އައިސް ހޮކީ ކަމުގައިވީ ނަމަވެސް މި ފަހަރުގެ ވޯލްޑްކަޕާއިއެކު އެކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ވޯލްޑްކަޕްގައި އަހަރެންގެ އުންމީދަކީ މި މުބާރާތަށްފަހު ކެނެޑާގެ އެއްވަނަ ކުޅިވަރަކަށް ފުޓްބޯޅަ ވުން. އެ ޖޯޝާއި ފޯރި މިހާރުވެސް ކެނެޑާގެ ސަޕޯޓަރުންގެ ފަރާތުން ދަނީ ފެންނަމުން." ޖޮނަތަން ޑޭވިޑް ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މި ޓީމަކީ ފަހަކަށް އައިސް ގިނަ މެޗުތަކެއް އެއްކޮށް ކުޅެފައިވާ ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކަށް ވާތީ ކުޅުންތެރިންގެ މެދުގައި ވަރަށް ބޮޑު އެކުވެރިކަމާއި ރޫހެއް އެބައޮތް ކަމަށާއި އެހެންކަމުން މި މުބާރާތުގައި ރަގަޅު ކާމިޔާބީއެއް ހޯދުމަށް އުންމީދު ކުރާ ކަމަށެވެ.

ކެނެޑާއިން މިހާތަނަށް ދެ ވޯލްޑްކަޕެއްގައި ކުޅެފައިވާއިރު މިހާތަނަށް އެ ޓީމަށް ވޯލްޑްކަޕްގައި ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. ކެނެޑާއިން އެންމެ ފުރަތަމަ ވޯލްޑްކަޕްގައި ކުޅެފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑްކަޕްގަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ބަލިވެފައިވާއިރު, 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ކެނެޑާވަނީ ބަލިވެފަ އެވެ.

ނަމަވެސް ޑޭވިޑް ބުނެފައިވާ ގޮތުގައި މި ފަހަރުގެ މުބާރާތުގައި ކެނެޑާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑެވެ. މި ފަހަރުގެ މުބާރާތުގައި ކެނެޑާ ހިމެނެނީ ބޮސްނިއާ ހޭޒްގޮވީނާ އާއި ގަތަރުގެ އިތުރުން ސްވިޒަލޭންޑް ހިމެނޭ ގްރޫޕް ބީ ގައެވެ.