ހެއުގޮތުގައި ޙައްޖުވުމަށް ޓަކައި ކުރާންޖެހޭ ޚަރަދުތަކާއި، ޢާންމުކޮށް ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި ވެސް ކުރާ ޚަރަދުތަކަކީ ހަލާލުގޮތުގައި ހޯދައިފައިވާ މުދަލާއި، ފައިސާއިން ކުރާ ޚަރަދުތަކެއްކަމުގައި ވާންޖެހޭކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫޢުއަކީ "ހެއު ގޮތުގައި ވެވޭ ޙައްޖު" އެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ ޙައްޖު ވާޖިބުވުމަށް ފަހު ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ މީހާ ޙައްޖުވުމަށް އަވަސްވެގަތުމަކީ ރަސޫލާ އިރުޝާދުދެއްވައިފައިވާ ކަމެއްކަމުގައެވެ. ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވެއްޖެ މީހާ ޢުމުރުން އެއް ފަހަރު ޙައްޖުވުމަކީ އަދި ޢުމުރުން އެއް ފަހަރު ޢުމްރާވުމަކީ ވާޖިބު ކަމެކެވެ. އެއް ފަހަރަށް ވުރެ ގިނައިން މި އަޅުކަން އަދާކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ނުހަނު ގިނަގުނަ ސަވާބު ލިބޭނެ ކަމެކެވެ. ޙައްޖު އަދާކުރުމަށް ކެރި ކުޅަދާނަވުމަކީ، އެ ކަމަށް ޞިއްޙީ ގޮތުން ކެރި ކުޅަދާނަވުމާއި، ޚަރަދުކުރުމުގެ ގޮތުން ކެރި ކުޅަދާނަވުމާއި، މަގު އަމާންވެގެންވުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ހެއު ގޮތުގައި ވެވޭ ޙައްޖަށް މާތް الله ދެއްވާ ސަވާބަކީ ސުވަރުގެކަން ޝަރުޢީ ދަލީލުތަކުން ސާބިތުއެވެ.
"ހެއު ގޮތުގައި ވެވޭ ޙައްޖެއްކަމުގައި ޙައްޖުވުމަށްޓަކައި، ޙައްޖަށް ދިޔުމުގެ ކުރީގައި ވެސް ތިމާ ކުރާންޖެހޭ ކަންތައްތަކެއްވޭ. މި ގޮތުން އިޚްލާސްތެރި ރަނގަޅު ތައުބާއަކުން ތައުބާވާންޖެހޭ. އަދި ތިމާގެ ދަރަންޏާއި، ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުމަކީ މުހިންމުކަމެއް." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގަިއ ވިދާޅުވީ ޙައްޖުވުމަށް ޓަކައި ކުރާންޖެހޭ ޚަރަދުތަކާއި، ޢާންމުކޮށް ދިރިއުޅުމުގެ ހުރިހައި މައިދާނެއްގައި ވެސް ކުރާ ޚަރަދުތަކަކީ ޚަލާލުގޮތުގައި ހޯދައިފައިވާ މުދަލާއި، ފައިސާއިން ކުރާ ޚަރަދުތަކެއްކަމުގައި ވާންޖެހޭ ކަމަށެވެ.
މާތް اللهގެ ޙަޟުރަތުގައި މަޤުބޫލުވެގެންވާ އަޅުކަމެއް ކަމުގައި، ކޮންމެ އަޅުކަމެއް ވެސް ވާހުށީ، އެ އަޅުކަމެއްގައި ފުރިހަމަކުރަންޖެހޭ ޝަރުޠުތަކެއް ފުރިހަމަވެގެންނެވެ. އެއީ، މާތް اللهގެ ވަޖުހުފުޅު އަދައިގެން އިހްލާސްތެރިކަމާއެކު، ކީރިތި ރަސޫލާ އެ އަޅުކަމެއް ކުރުމަށް އަންގަވައިފައިވާ ގޮތުގެ މަތީން އެ ކަމެއް ކުރުމެވެ.
"ދެއްކުންތެރިކަމުން ޠާހިރުވެ، މާތް اللهއަށް ޓަކައި އިހްލާސްތެރިކަމާ އެކު ކުރާ ކަމެއްކަމުގައި، ތިމާގެ ކޮންމެ ޢަމަލެއް ވުމަކީ ވެސް ވާޖިބުކަމެކެވެ. ޙައްޖަށްދާ މީހާ ނުވަތަ ޢުމްރާއަށްދާ މީހާ މި މަތިވެރި އަޅުކަން އަދާކުރާ ގޮތާއި، މި އަޅުކަމުގެ ހުކުމްތައް އުނގެނި ދަސްކުރުން ހުށްޓެވެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ ހެއު ގޮތުގައި ވެވުނު ޙައްޖެއްކަމުގެ ޢަލާމާތަކީ ޙައްޖުވުމަށް ފަހު ތިމާގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، މާތް الله މަނާކުރެއްވި ކަންތައްތަކުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ވޭތުކުރަމުން ދިޔުމާއި، މާތް اللهގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާ މީހެއްކަމުގައި ތިމާވުން ކަމަށެވެ.