ޚަބަރު

ފަހުވަގުތު މީދޫއިން ކުޑަހުވަދޫ ބަލިކޮށްފި


  • މީދޫއިން މެޗު ކާމިޔާބުކޮށްފައި ވަނީ ފަހުވަގުތު ކާމިޔާބުކުރި ގޯލާއެކު 1-2 ގެ ނަތީޖާއިން

އަންނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްދާ ރީޖަންސް ލީގުގެ ސެންޓްރަލް ރީޖަންގައި އިއްޔެ ކުޅުނު މެޗު، ދ. ކުޑަހުވަދޫއާ ވާދަކޮށް ދ.މީދޫއިން ކާމިޔާބުކޮށްފިއެވެ. މީދޫގައި ކުޅުނު މިމެޗު، އެޓީމުން ކާމިޔާބުކޮށްފައި ވަނީ ފަހުވަގުތު ޖެހި ގޯލާއެކު 1-2 ގެ ނަތީޖާއިންނެވެ.

މެޗުގައި ފެނިގެންދިޔަ 3 ގޯލުވެސް ޖެހީ ދެވަނަ ހާފުގައެވެ. އެގޮތުން، މެޗުގެ 72 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނަގާފައިވަނީވެސް މީދޫއިންނެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން، 74 ވަނަ މިނެޓުގައި ކުޑަހުވަދޫއިން ވަނީ ގޯލެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މީދޫއިން މެޗު ކާމިޔާބުކުރި ގޯލު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

ސެންޓްރަލް ލީގުގައި ކުޑަހުވަދޫ ކުޅުނު ފުރަތަމަ މެޗުން ވަނީ ހުރާއާ ވާދަކޮށް، އެއްވަރުވެފައެވެ. މިއީ މީދޫއިން ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.