ޔޫރޮޕާ ލީގުގެ ފައިނަލުގެ ޖާގައެއް އެސްޓަން ވިލާ އިން ހޯދައިފި އެވެ.
އެސްޓަން ވިލާ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 1-0 ގެ ނަތީޖާއަކުން ފޮރެސްޓް ކާމިޔާބުކުރި ނަމަވެސް ރޭ ވިލާ ޕާކްގައި ސާޅީސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި އުނެއި އެމެރީގެ އެސްޓަން ވިލާ އިން ވަނީ މޮޅު ކުޅުމެއް ދައްކާ މެޗު ކާމިޔާބުކޮށް ޖުމްލަ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.
މި މެޗަށް އެސްޓަން ވިލާގެ ވަރުގަދަ ޓީމު ނެރުމަށްޓަކައި އެންމެ ފަހުން ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު މެޗުގައި ކޯޗު އެމެރީ ވަނީ ގިނަ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީފަ އެވެ.
އެސްޓަން ވިލާ އިން ވަނީ މެޗުގެ 36 ވަނަ މިނިޓުގައި ލަނޑެއް ޖަހާ ފޮރެސްޓްގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އޮލީ ވޮޓްކިންސް އެވެ.
އަދި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި އެސްޓަން ވިލާ އަށް ލިބުނު ޕެނަލްޓީ އަކުން އެމީ ބުއެންޑިއާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
އެސްޓަން ވިލާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޯން މެކްގިން އެވެ. އަދި އޭގެ ތިން މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
ޔޫރޮޕާ ލީގުގެ ފައިނަލުގެ ޖާގައެއް އެސްޓަން ވިލާ އިން ހޯދާފައިވަނީ މިއީ 30 އަހަރަށްފަހު އެ ޓީމަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރުމަށް ލިބޭ ފުރަތަމަ ފަހަރެވެ. އެސްޓަން ވިލާއިން އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބުކޮށްފައިވަނީ 1996 ވަނަ އަހަރު އިނގިރޭސި ލީގު ކަޕެވެ.
މި މުބާރާތުގެ ފައިނަލުގައި މެއި މަހުގެ 20 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ނިކުންނާނީ ޖަރުމަނުގެ ފްރެއިބަރގް އެވެ.