ޚަބަރު

ފުޓްސަލްގެ ގައުމީ ލީގު ފެށުމަށް ކްލަބް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރަނީ


  • ފުޓްސަލްގެ ގައުމީ ލީގު ފެށުމަށް މޯލްޑިވްސްގެ ދައުރު ބޮޑުވާނެ

  • ލީގުގެ ކުރިން ރީޖަނަލް ކޮލިފިކޭޝަން ކުޅޭނެ

ރާއްޖޭގައި ފުޓްސަލް ކުރިއަރުވައި އެ ކުޅިވަރަށް ހައްގު މަގާމު ހޯދައިދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ އެފްއޭއެމް ފުޓްސަލް ލީގު، ކްލަބް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދަން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އެފްއޭއެމްގެ އޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން މި އަހަރު ކުޅޭ އެފްއޭއެމް ފުޓްސަލް ލީގުގެ ކޮލިފިކޭޝަން ބުރުތައް ނުވަތަ އެޓޯލް ޗެމްޕިއަންޝިޕާއި ޒޯން އަދި ރީޖަނަލް ލީގަށްފަހު ކާމިޔާބީ ހޯދާ ޓީމުތައް ކުޅޭނީ އަންނަ އަހަރުގެ ކްލަބް މޯލްޑިވްސް އެލީޓް މުބާރާތުގައެވެ. މި މުބާރާތަކީ އެފްއޭއެމްގެ ފުޓްސަލް ލީގު ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި، އެ މަގު ތަނަވަސްކުރުމަށް ކުޅޭނެ މުބާރާތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވަނީ، ފާއިތުވީ 20 ވަރަކަށް އަހަރު ރާއްޖޭގައި ފުޓްސަލް ކުރިއެރުވުމަށް ކްލަބް މޯލްޑިވްސްއިން ކޮށްފައިވާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއްކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން، އެފްއޭއެމް އިން މިއަދު ފުޓްސަލް ކުރިއަރުވަން ކުރާ މަސައްކަތުގައި، ކްލަބް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތައް ބައްޓަންކުރުން ވެގެންދާނީ އެންމެ ފައިދާހުރި ގޮތަށްކަމަށް ޠާރިޤް ވިދާޅުވިއެވެ.

އަދި ސޮއިކުރި ފަހުމުނާމާއާއެކު، ކްލަބް މޯލްޑިވްސްގެ މައި މުބާރާތްތަކަކީ އެފްއޭއެމް އިން އެންޑޯޒްކުރާ މުބާރާތްތަކަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތާރިޤް އިތުރަށް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ފުޓްސަލްގެ އެންމެ މަތީ ހަރުފަތުގެ މުބާރާތަކަށް ވާނީ ކްލަބް މޯލްޑިވްސް އެލީޓް މުބާރާތް ކަމަށެވެ. އެ މުބާރާތް ވެގެންދާނީ ކޮލިފިކޭޝަން މެޗުތަކަށްފަހު އޮންނާނެ މުބާރާތަކަށް ކަމަށާއި، އެއީ ރާއްޖޭގެ "ޓޮޕް ޓިއަރ" ފުޓުބޯޅަ މުބާރާތް ކަމަށް ޠާރިޤް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހުޅުވާލަނީ ފުޓްސަލްގެ މުޅި ރާއްޖޭގެ މުބާރާތުގައި ބައިވެރިވާން. މިއީ މީގެކުރިން އެފްއޭއެމް އިން ކުރަމުން އައި ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެން މި ހުޅުވާލަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުރިހާ އަތޮޅު މުބާރާތްތައް ކުރިއަށް ގެންދަން. ހުރިހާ ރަށަކުން ބައިވެރިވެގެން. އަދި އެއަށްފަހު ޒޯން، ރީޖަނަލް ލެވަލްއަށް. އެއަށްފަހު ރާއްޖޭގައި މި ބުނާހެން އެންމެ ޓޮޕް ޓިއަރ ފުޓްސަލް މުބާރާތް، ކުލަބު މޯލްޑިވްސްގެ ތެރެއަށް ޓީމުތައް އެލޮކޭޓްވާނެ އަންނަ ސީޒަނަށް. ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް. ދެން އެ މުބާރާތް ކުރިއަށްދާނެ ގޮތާއި ގަވައިދުތަކާ އެއްޗެހި އަޅުގަނޑުމެން ފަހުން އިއުލާނުކުރާނަން". އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އެފްއޭއެމް އިން ބުނީ، މުޅި މުބާރާތް ވެސް ކުރިއަށްދާނީ ރީޖަނަލް ލީގު ކުރިއަށްދާ ގޮތަށް ކަމަށެވެ. އެހެންކަމުން ހަތަރު ރީޖަންގެ ގަދަ ޓީމުތައް، ދިވެހި ލީގެކޭ އެއްގޮތަށް، ހުރިހާ ރީޖަން އެއްގެ އެންމެ ވަރުގަދަ ޓީމުތަކުގެ މެދުގައި ކުޅޭ މުބާރާތެއްގައި ވެސް ކުޅޭނެއެވެ.

އެފްއޭއެމް އިން ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ބަހާލީ، މާލޭ ލީގާއި ނޯތު ލީގު، ސެންޓްރަލް ލީގު އަދި ސައުތު ލީގަށެވެ.

އަތޮޅުތައް ހިމެނޭ ތިން ލީގުގައި އެކި ޒޯންތައް ވެސް ވަނީ ކަނޑައަޅާފައެވެ.