ޚަބަރު

އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް ޚާއްޞަ ފޯރަމެއް ބާއްވަނީ


  • ފޯރަމް އޮންނާނީ މިމަހުގެ 13 އަދި 14ވަނަ ދުވަހު

  • އިންސެންޓިވްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭނެ

އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ ހަބަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، އެ ސިޓީގެ ވިޔަފާރިވެރިންނަށް ޚާއްޞަ ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާން ކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. ވަޒީރު ވިދާޅުވީ، 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި އަމާޒު ހާުސިލްކުުރުމަށް އައްޑޫ ސިޓީ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް މި މަހުގެ 13 އަދި 14 ގައި ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތަކާއި، ދިނުމަށް ހަމަޖެހިފައިވާ އިންސެންޓިވްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ފޯރަމަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އެހެނިހެން ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

"މި ބައްދަލުވުމުގައި ކަމާގުޅުންހުރި ގިނަ ވުޒާރާތަކަކުން ބައިވެރިވާނެ. އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ އަދި މާލީ ވުޒާރާގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތައް ހިމެނޭ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުގައި 'ފްރީ ޒޯން' ގެ ހަރަކާތްތަކެއް ފެށުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން މިހާރު މަސައްކަތް ކުރަމުންދާ މަޝްރޫޢެކެވެ.

ކުދި އަދި މެދު ފަންތީގެ އިންވެސްޓްމެންޓުތަކަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ތަންތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ހަމަަޖެހިފައިވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން މިފަދަ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅާ ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ވިޔަފާރިތައް ފުޅާކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމެވެ.