ޚަބަރު

ހަށިހެޔޮ ރާއްޖެ: އަމާޒު ދުޅަހެޔޮ ދޮށީ އުމުރަކަށް


  • ދުންފަތާއި، ވޭޕް އަދި އެނާޖީ ޑްރިންސް ފަދަ ތަކެތި ބުއިމަކީ ހަށިގަނޑަށް ނުރައްކަލެއް

  • ކޮންމެ ރަށެއްގައިވެސް މަދުވެގެން ހަފްތާގެ ތިން ދުވަހު ކަސްރަތު ޕްރޮގްރާމު ހިންގާނެ

  • ކަސްރަތާއި ކުޅިވަރުގެތެރޭގައި އުޅޭނަމަ ނުބައިމަގުތައް ހިޔާރުކުރުން ދުރުހެލިކޮށްދޭ

ކުޅިވަރާއި ހެލިފެލިވެ އުޅުމުގެ ތެރެއިން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކޮންމެ މީހަކަށްވެސް ފުރުސަތު އެބައޮތެވެ. ބޭނުންވާ ވަސީލަތްތައްވެސް އެބަހުއްޓެއެވެ. ގުދުރަތީ މާހައުލުގައި ހިތްފަސޭހަކަމާއެކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމަށް ހުރަހެއް ނެތެވެ.

މިކަމަށް އިތުރު ބާރެއް ގެނެސްދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅިވަރާއި ޒުވާނުންނާއި ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ސިޔާސަތުތަކެވެ. މިސާލަކަށް ދަންނަވާނަމަ، ވޭޕް މަނާކުރުމާއި، ޝީޝާ، ބިޑި، ސުއްޓާ އަދި ސިނގިރޭޓްފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމާއި، ވަކިވަކިން ވިއްކުމުގައި އަމަލުކުރަންޖެހޭ ހަރުކަށި ގަވާއިދުތަކެވެ. އަދި އެތަކެތީގެ ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން ކަސްރަތު ޕާކާއި އައުޓްޑޯ ޖިމާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފިޓްނަސް ސެންޓަރުތައް ހިމެނެއެވެ. ޒުވާނުންގެ ޔޫތްހަބާއި، ތަރޑް ޔޫތު ސްޕޭސްފަދަ މުހިންމު ވަސީލަތައް ގާއިމުކުރެވެމުން އެބަދެއެވެ.

ރާއްޖޭގެ ނިސްބަތުން ގިނައަދަދެއްގެ ދޮށީ އުމުރުގެ މީހުންނަކީ އެމީހުންގެ މުޅި ހަޔާތް މުރާލިކަމާއެކު ހޭދަކުރުމަށްފަހު އުމުރުގެ ވަކި ހިސާބަކުން ބަލިއެނދުގައި އުމުރުގެ ބާކީ ހޭދަކުރާ މީހުންނެވެ. ހަކުރު ބައްޔާއި ކިޑްނީ ބައްޔާއި، ލޭ މައްޗަށް ދިއުން ފަދަ ދާއިމީ ބަލިތަކުގެ އަޅަކަށްވެއެވެ. ދުޅަހެޔޮ ސިއްހަތެއް ނުލިބި ދަނީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިން ބުއިމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކުންނެވެ.

ސިނގިރޭޓާއި ދުންފަތާއި، އެނާޖީ ޑްރިންތަކާއި، ތެޔޮ ހެދިކާ އާއި ކެއުމުގައި އުސޫލެއް ނެތި މާގިނައިން ކެއުމާއި، ކޮފީ މޭޒުގައި ހޭދަކުރެވޭ ވަގުތު އިތުރުވެ މީހާގެ ކަސްރަތަށް ދޭންވާ ސަމާލުކަން ޒުވާން އުމުރުގައި އޮންނަނީ ކުޑަވެފައެވެ. ނުވަތަ އެންމެ ތުއްތު އިރުން ފެށިގެން ބައެއް ކުދިންނަށް ކުޅިވަރާއި، ކަސްރަތު ނުވަތަ ހެލިފެލިވެ އުޅުމުގެ މުހިންމުކަން އޮންނަނީ ބުނެ ނުދެވިފައެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެކު އިންސާނާގެ ކަންނެތްކަން އޭގެ މައްޗަށް ގަދަވެ، ތުއްތު އުމުރުން ފެށިގެން ކުދިން ގުދުރަތީ މާހައުލުތަކާއި ދުރަސް ދާން ފަށައެވެ. ވީޑިއޯ ގޭމާއި ފޯނާއި، ފިލްމު ބެލުންފަދަ ކަންކަމުން ހުސްވަގުތުތައް ފުރާލައެވެ.

އެހެން ނަމަވެސް އަޅުގަނޑުމެންގެ ކާބަފައިން ކުރީގެ ޖީލުތައް ބޮޑުކުރީ، ގޭދޮށުގައި ކުޅިވަރުގެ މާހައުލުގެތެރޭގައެވެ. ކަސްރަތުލިބޭ އެތަށް ކުޅިވަރެއް އޭރު ކުޅެ އުޅުނެވެ. ކޮރާ ކުޅުމާއި ތިން މުގޯއްޔާއި ބަށިބޯޅަ، މަންޑި އަދި އަތްލާ ކުޅުމާއި ފައިގައި ތަޅާ ފަދަ ކުޅިވަރުތަކާއި ގޭދޮށުގައި ބައި ހަދައިގެން އެކި ކަހަލަ ކަސްރަތު ލިބޭ ގޭމުތައް ކުޅެ އުޅެނެވެ.

ކައިބޮޅި އުޅުނީ ފަތްފިލާ ވެއްޔާއި ފަލަމަޑިއާއި މަހާއި މަހުގެ ބާވަތްތަކެވެ. އޭރުގެ ކުދިން ބޮޑުވެގެން އައި ހަކަތަހުރި މުރާލި މަސައްކަތެރި ބައެއްގެ ގޮތުގައެވެ. ކަންފަސޭހަކަމާއި، ކަންނެތްކަން ފިލުވައިދިނީ އެ ހެލިފެލިވެ އުޅުނު މާޒީގައި އެޅުނު ކަސްރަތުގެ ބިންގަލުންނެވެ.

އެމީހުން ދޮށީ އުމުރާއި ހަމައަށް ފޯރީ ހިނގާބިނގާވެ އުޅުމާއި، މަސްވެރިކަމާއި، ރޭނުމާއި، ވަޑާންކުރުންފަދަ ބުރަ މަސައްކަތުގައި ދޮށީ އުމުރުވެސް ހޭދަކުރެވޭ ފަދަ ހަށިގަނޑުގައި އެހަކަތަ އާއި ޖޯޝުވެސް ހުރި ބައެއްގެ ގޮތުގައެވެ. 65 އަހަރާއި ހަމައިންވެސް އެ މުރާލި ކަމާއި އެ ކެރުންތެރިކަން އަޅުގަނޑުމެންގެ ކާބަފައިންގެ ފުށުން ފެނުނީ މި ސަބަބުތަކާއި ހުރެ ކަމަށް ވެދާނެއެވެ.

އަދުގެ ޖީލަށް ވީ ކިހިނެތް؟

އެހެންނަމަވެސް މިއަދު އެ ޒާމަން އުވި ހިންގައްޖެއެވެ. ތުއްތު ކުއްޖާގެ ދުވަސް ފަށަނީ މައިންބައިންގެ ބުރަ ޝެޑިއުލަށް ވިސްނައިގެންނެވެ. އެތުލެޓިކްސް، ފުޓްބޯޅަ، ބެޑްމިން، ޓީޓީ ނުބަތަ އެނޫންވެސް ކުޅިވަރަކަށް ޝައުގުވެރިކަން އުފެއްދުމަށް ބޮޑެތި ހޭދަތައްކޮށްގެން ދަރިން އެކަޑަމީތަކާއި ހަވާލުކުރެއެވެ. އެކަޑަމީތަކުން ނިމިގެން ބޭކަރީއަކުން ކާބޯތަކެތި ގަނެފައި ދަރިފުޅަށް ކާންދިނުމަށްފަހު އަނެއްކާވެސް އެ ކުއްޖާ ގެންދަނީ ސުކޫލަށް، ޓިއުޝަނަށް ގުރުއާން ކުލާހަށް ނުވަތަ ލާނިން ސްޓޭޝަންފަދަ ތަންތަނަށެވެ.

އެންމެ ބިޒީ ޝެޑިއުލެއްގައި މި އުޅެނީ މިވެރިންނޭވެސް ބުނެވިދާނެއެވެ. ރޭނޑުގެ އަރާމު ހަމަ ނިދިވެސް ނުލިބޭ މިންވަރަށް މިއަދު ކުޑަ ކުއްޖާވެސް ބިޒީވެއްޖެއެވެ. އަމިއްލައަށް ބޭނުންވެގެން ނުވަތަކަށް އެކަމަށް ކަމޭހިތާއި ގަޔާވެގެން، ކަސްރަތަށް ދެވޭ ސަމާލުކަން ކުޑަވެއްޖެއެވެ. ކެއިން ބުއިމުގައި މި ގެންގުޅެވޭ ނުބައި އާދަތަކަށް ދެވި ހިފާ، ހަށިގަނޑަށް ފައިދާހުރި ކާނާއާއި ދުރުވެވިއްޖެއެވެ.

ބޭކަރީތަކާއި، ހޮޓާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކުން ފަސޭހައިން ލިބެން ހުންނަ ކާނާއި، ދަޅު ފުޅިއާއި، ލުއި ކާނާއަށް ބަރޯސާވީއެވެ. ކުރިން އާއިލާއާއެކު އެއް ސުފުރާއެއްގައި ކައި އުޅުނު ދިވެހިންނަށް މިއަދު އެއް ސުފުރާއެއްގައި ކާލަން ލިބެނީ މަދު ފުރުސަތެކެވެ. ހުކުރު ހޮނިހިރު ފަދަ ދުވަހެއްގައި މެނުވީ އެއް މޭޒެއް ދޮށުގައި ތިބެގެން ކާނެ ވަގުތެއްވެސް ނުވަނީއެވެ. މިއީ ހުރިހާ އާއިލާއެއްގެ ވާހަކައެއް ނޫނެވެ. ގިނަ އާއިލާތަކެއްގެ ހާލަތެވެ.


އެހެންނަމަވެސް ޒަމާންވީ މި ނުރަނގަޅު ސިއްހީ އާދަތަކާއި ކުރިޔަށް އޮތް ޖީލުތައް ދުރުކޮށް ކަސްރަތާއި ހެލިފެލިވެ އުޅުމުގެ ތެރޭގައި ގެންގުޅުމަށް އަދުގެ ސަރުކާރުން ނުހަނު ބާރު އަޅައެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިކަމަށް ހާއްސަ ޑިޕާޓްމެންޓެއް އުފައްދަވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހާއްސަ މަސައްކަތްތަކެއް ހިންގެވުމަށް އެ ޑިޕާޓްމެންޓާއި ހަވާލުކުރައްވާފައެވެ.

އެގޮތުން ކޮންމެ ރަށެއްގައިވެސް ކަސްރަތު ޕްރޮގްރާމުތައް ހިންގާ، މަދުވެގެން ކޮންމެ ރަށެއްގައި ހަފްތާއަކު ތިން ދުވަހު މި ޕްރޮގްރާމް ހިންގުމަށް ވަނީ ނިންމާފައެވެ. އަދި މިވަގުތު ބައެއް ރަށްރަށުގައި މި ޕްރޮގްރާމް ފެށިގެން ކުރިޔަށްދާއިރުު އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ހުރިހާ ރަށެއްގައި ގަވާއިދުން މެދު ނުކެނޑި ހަށިހެޔޮ ރާއްޖެ ކަސްރަތު ޕްރޮގްރާމް ކުރިޔަށް ގެންދިއުމެވެ.

ބަލިތަކުން ރައްކާތެރި އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް ހަކަތަ ހުރި އުފެއްދުންތެރި ޖީލެއް ބިނާކޮށް ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދީ ފުދުންތެރިކަން ހޯދުމަށް ރާއްޖެ ކުރާ ދަތުރުގައި ކަސްރަތާއި ހެލިފެލިވެ އުޅުމާއި ދުޅަހެޔޮ ދޮށީއުމުރަކަށް ދިރިއުޅުމުގެ އެންމެހާ އާދަތަކެއް ބައްޓަން ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.