ޚަބަރު

ނެޝަނަލް އޮލިމްޕިކް އެކަޑެމީ ސެޝަންގައި ރާއްޖެ ތަމްސީލުކުރަނީ ރިޒާން


  • މި ޕްރޮގްރާމު ކުރިއަށްދަނީ މެލޭޝިޔާގައި

  • މި ސެޝަން ކުރިއަށްދަނީ 12 ގައުމަކުން 38 ބައިވެރިންނާއެކު

މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ކުރިއަށްދާ 27 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑެމީ ސެޝަންގައި ޔަންގް އޮލިމްޕިކް އެމްބެސެޑަރެއްގެ ހައިސިއްޔަތުން އިބްރާހިމް ރިޒާން ރާއްޖެ ތަމްސީލުކުރައްވަމުން އެބަދެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ޖެނެރަލް ސެކްރެޓެރީގެ މަގާމު އަދާކުރައްވަމުންގެންދަވާ ރިޒާންއަށް މި ފުރުސަތު ލިބިވަޑައިގަތީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ނޮމިނޭޓްވުމާއި ގުޅިގެންނެވެ.

މިމަހުގެ 4 އިން 9 ގެ ނިޔަލަށް މެލޭޝިޔާގައި ކުރިއަށްދާ މި ސެޝަންގެ ބޭނުމަކީ ޒުވާން ލީޑަރުން އުފައްދާ، އެކުވެރިކަމާއި ބަދަހިކަން މި ސަރަހައްދުގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ މެދުގައި އާލާކުރުމެވެ. ނެޝަނަލް އޮލިމްޕިކް އެކަޑެމީ ސެޝަން މިމަހުގެ 4 ވަނަ ދުވަހު ފަށާފަވާއިރު މި ސެޝަން ފެށުމުގެ ގޮތުން އޮލިމްޕިކް ކައުންސިލް އޮފް މެލޭޝިޔާގެ ރައީސްވަނީ ސެޝަންގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ތަގުރީރުކުރައްވާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ކަންތައްތަކުގެ ތެރޭގައި ސެޝަންގެ ބައިވެރިންނަށް އޮލިމްޕިކް މޫވްމަންޓާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ރާވާފައިވާ ތަފާތު އެކި ހަރަކާތްތައް ހިމެނެއެވެ.

އެގޮތުން ސައިކްލިންގައި ވާދަކޮށް ފުރަތަމަ ފަހަރަށް މެލޭޝިޔާ ފައިނަލަށް ގެންގޮސްދިން ޒުވާން އެތުލީޓް ޖޯސިއާ އެންޖީގެ ޚާއްސަ ސެޝަން ފާހަގަކޮށްލެވެއެވެ. ތިން ފަހަރަށް އޮލިމްޕިކްގައި ވާދަކުރުމުގެ ފުރުސަތު ހޯދާފައިވާ ޒުވާން އެތުލީޓްގެ ސެޝަންގައި "ދަ މައިންޑްސެޓް އޮފް އެން އޮލިމްޕިއަން"ގެ މައްޗަށް އަލިއަޅުވާލާ އޭނާގެ ތަޖުރިބާ ޕްރޮގްރާމުގެ ބައިވެރިންނާއި ހިއްސާކުރާނެއެވެ.
އަދި މެލޭޝިޔާގެ ނެޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގެ އިތުރުން އެގައުމުގެ މަޝްހޫރު ބެޑްމިންޓަން އެކަޑަމީއެއްކަމަށްވާ "ޕެޓްރޯނާސް" ޒިޔާރަތްކުރުންވެސް ހިމެނެއެވެ.

މި ސެޝަންގައި ހިމެނޭ އިތުރު ހަރަކާތްތަކަށް ބަލާއިރު، ޓީމް ވޯކް ހަރުދަނާކުރުމުގެ ގޮތުން މެލޭޝިޔާގެ މަޝްހޫރު ތީމް ޕާކެއްކަމަށްވާ ސަންވޭ ލެގޫންގައި ބާއްވާ ކުޅިވަރު ހަރަކާތްތަކަކާއި ޕްރޮގްރާމުގެ ބައިވެރިން އެބައިވެރިއެއްގެ ގައުމުގެ ސަގާފަތާއި އާދަކާދަތައް އެހެން ގައުމުތަކަށް ދައްކާލުމުގެ ގޮތުން ބާއްވާ އިންޓަނޭޝަނަލް ކަލްޗަރަލް ނައިޓެއްވެސް ކުރިއަށްދާނެއެވެ.

ޖުމްލަ 12 ގައުމަކުން 38 ބައިވެރިންނާއެކު ކުރިއަށްދާ މި ސެޝަންތަކުގެ ސަބަބުން ދޭދޭ ގައުމުތަކުގެ މެދުގައި ތައުލީމާއި ކުޅިވަރާއި ސަގާފަތުގެ ދާއިރާއިން ބަދަހިކަން ލިބި، އެކުވެރިކަމާއި އެއްބައެއްވަންތަކަން ގާއިމުވެގެންދާނެކަމަށް އޮލިމްޕިކް ކައުންސިލް އޮފް މެލޭޝިޔާއިން ދެކެއެވެ.