ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މި ހަމަލާތަކަކީ ޔޫއޭއީގެ ސިޔާދަތަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއްގެ ގޮތުގައާއި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭކަމަށެވެ.
ދިވެހިރާއްޖެއިން ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާއެކު ފުރިހަމައަށް ސާބިތުވެ ތިބިކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އެ ގައުމުގެ ސިޔާދަތާއި، ސަލާމަތާއި، އަދި ސަރަހައްދީ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް އަޅާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާކަމަށްވެސް މިބަޔާނުގައިވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން، މި މައްސަލަ އިތުރަށް ގޯސްވިޔަނުދީ ހުއްޓުވުމުގެ މުހިންމުކަން ފާހަގަކޮށް، މަޝްވަރާއާއި ހިކުމަތްތެރި ހައްލުތަކެއް މެދުވެރިކޮށް ނުތަނަވަސްކަން ކުޑަކުރުމަށާއި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ދިވެހިރާއްޖެއިން ގޮވާލާކަމުގައި ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޤާއިމްކޮށްފައި ހުންނަ ޔޫއޭއީއަށް އީރާނުގެ މިސައިލް އަދި ޑްރޯން ޙަމަލާތަކެއް މެއި މަހުގެ 4ވަނަ ދުވަހު ދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.