ޚަބަރު

ނޮޅިވަރަމުގެ މަގު ހެދުމަށް ބޭނުންވާ ސާރވޭ ފަށައިފި


  • އެރަށުގެ 1.78 ކިލޯމީޓަރުގެ ދިގުމިނުގެ ދެ މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި

ހދ. ނޮޅިވަރަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާރވޭގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

ރަށްރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަކީ އަތޮޅުތެރޭގެ ކުރިއެރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ހިންގާ މި މަޝްރޫޢަކީ ސާޅީސް ނުވަ މިލިއަން ނުވަސަތޭކަ އަށްޑިހަ ހަތްހާސް ހަތްސަތޭކަ ނުވަދިހަ ހަތް ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މަޝްރޫޢުގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ކަނޑައަޅާފައެވެ.

އާރްޑީސީން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަޝްރޫގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ޑިޒައިން އަދި ބިލްޑް މަރުހަލާގެ ދަށުން ކުރަންޖެހޭ ޓޮޕޯގްރަފިކް، ޖިއޯޓެކްނިކަލް އަދި ހައިޑްރޮލޮޖިކަލް ސާރވޭތަކުގެ މަސައްކަތްތައް ކަމަށެވެ.

ނޮޅިވަރަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނައިގެ އެރަށުގެ 2 މަގެއް ތަރައްޤީކުރާނެއެވެ. އެއީ 1.78 ކިލޯމީޓަރެވެ.

މިމަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމާއި، ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިރުން މަގުތަކުގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ޔުޓިލިޓީ ޖަންކްޝަންތައް މަގުގެ ލެވެލްއާ އެއްވަރުކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.

އާރްޑީސީން ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ޒިބްރާ ކްރޮސިންތަކާއި، ސްޕީޑް ބްރޭކަރުތަކުގެ އިތުރުން ބޯޑުތައް ހަރުކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ނޮޅިވަރަމުގެ މަގުތަކުގެ ހާލަތަށް ބޮޑު ބަދަލެއް އައިސް، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އާރްޑީސީން ފާހަގަކުރައްވައެވެ.