ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއެކު ކުރަމުންދާ ނުރަސްމީ މަޝްވަރާތަކުގައި ތެހްރާންގެ އަމާޒަކީ "އިންޞާފުވެރި އަދި ފުރިހަމަ އެއްބަސްވުމެއް" އެކުލަވައިލުން ކަމަށާއި، އެ ނޫން އެއްބަސްވުމަކާ ޤަބޫލުނުވާނެ ކަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވެއްޖެއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީއާއެކު ބެއިޖިންގގައި ބޭއްވެވި ބައްދަލުވުމަކަށް ފަހު ޢަރާޤިޖީ ވިދާޅުވީ، "މަޝްވަރާތަކުގައި އަޅުގަނޑުމެންގެ ޤާނޫނީ ޙައްޤުތަކާއި މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނަން،" ކަމުގައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، މަޝްވަރާތަކުގައި "ބޮޑެތި ކުރިއެރުންތަކެއް" ލިބެމުންދާ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގައި ބޭނުންކުރާ ތެލުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި އޮތީ ބަންދުކޮށްފައެވެ. ތެހްރާނުން އެ ކަނޑުއޮޅި ބަންދުކޮށްފައި ވަނީ އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށެވެ. އަދި، ރައްދުގައި ވޮޝިންގޓަނުން ވަނީ އީރާންގެ ބަނދަރުތައް ވެސް ޙިޞާރު ކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ޙިޞާރު ދެމިއޮތް ނަމަވެސް، ގަލްފު ސަރަޙައްދުގައި ތާށިވެފައިވާ އުޅަނދުތައް ސަލާމަތްކުރުމުގެ ނަމުގައި އޭނާ ފެށްޓެވި 'ޕްރޮޖެކްޓް ފްރީޑަމް' ކުރު މުއްދަތަކަށް މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމުގައެވެ. މި ޚަބަރާއެކު ތެލުގެ އަގުތައް %1.2 ދަށަށްގޮސް، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 108.60 އެމެރިކާ ޑޮލަރަށް އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ އަގު 101.06 ޑޮލަރަށް ތިރިވެފައިވެއެވެ.
ނޮވެންބަރުގައި އެމެރިކާގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ތެލުގެ އަގުތައް އުފުލިގެން ދިޔުމަކީ ޓްރަމްޕްގެ ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުގެ އަސްކަރީ ބާރު ކަނޑުވައިލެވިފައިވާ ކަމަށާއި، މިހާރު ތެހްރާނުން ސުލްޙަވުމަށް ބޭނުންވާ ކަމުގައެވެ. ނަމަވެސް، ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ ކަނޑުއޮޅީގެ ކޮންޓުރޯލު އީރާނަށް ނުދެވޭނެ ކަމުގައި ވިދާޅުވެފައެވެ. އީރާނުން ގެންދަނީ މައިން އެޅުމާއި އަސްކަރީ ޑްރޯން ބޭނުންކޮށްގެން ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ.
މީގެ ހަތަރު ހަފުތާ ކުރިން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ދެ ފަރާތުން އަމަލުކުރަން ފެށި އެއްބަސްވުން ދެމިއޮތް ނަމަވެސް، އީރާނުން ބުނީ އެ ޤައުމާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ހަނގުރާމައަކީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުމުގެ ޖަރީމާއެއް ކަމުގައެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ބުނީ، ހަނގުރާމަ މިއަދު ހުއްޓައިލި ނަމަވެސް، ދުނިޔޭގެ އިޤުތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް މަދުވެގެން ހަތަރު މަހެއްހާ ދުވަސް ހޭދަވާނެ ކަމުގައެވެ.
ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިޔަރ ޕުރޮގުރާމެއް ހިންގުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމުގައި ތެހްރާނުން ދަޢުވާކުރަމުންދާއިރު، ވޮޝިންގޓަނުން ބުނީ އެ ފަދަ ފުރުޞަތެއް އީރާނަށް ނުދެވޭނެ ކަމުގައެވެ. އަދި، އީރާނަށް ޙަމަލާދޭން ފަށާފައި ވަނީ، އެ ޤައުމުގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމާއި، ހުޅަނގު އޭޝިޔާގެ ޤައުމުތަކުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކާއި ހަތިޔާރު އެޅި ޖަމާޢަތްތަކަށް ތެހްރާނުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ހުރަސްއެޅުމަށް ކަމުގައެވެ.