ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފީފާއިން ދޭ ފައިސާ އިތުރު ކުރި ނަމަވެސް އަދިވެސް ހަރަދު ބަރަދު ދެކޮޅު ޖައްސަން ދަތި ކަމަށް ޔޫރަޕުގެ ގައުމުތަކުން ބުނެފި އެވެ.
ފީފާއިން ވަނީ ގައުމުތަކުން އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މުބާރާތުގައި އިތުރު ހަރަދުތަކެއް ކުރަން ޖެހޭތީވެ އިނާމް ފައިސާގެ ގޮތުގައި ދޭ އަދަދަށް 112 މިލިއަން ޑޮލަރު އިތުރު ކުރަން ނިންމައިފަ އެވެ. ނަމަވެސް ޔޫރަޕުގެ ބޮޑެތި ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފްރާންސާއި ޖަރުމަނުން ބުނަނީ ފީފާއިނ އިތުރުކޮށްދިން ފައިސާ އަކީ ފުދެ ވަރެއް ނޫން ކަމަށާއި އެ މީހުންނަށް އަދިވެސް މާލީ ގެއްލުން އެބައޮޔް ކަމަށެވެ. ސަބަބަކީ އެމެރިކާގެ ދަތުރު ފަތުރުގެ އަގު ބޮޑުވުމާއި ޓެކްސް އާއި ތިބމުގެ ހަރަދާއި އެނޫން ހަރަދުތަކަށް ކުރަން ޖެހޭ ހޭދަ ބޮޑުވުން ކަމަށެވެ. ނަމަވެސް މިކަމާ މެދު ފީފާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ޔޫރަޕުގެ ގައުމުތަކަށް ހަރަދު އިތުރުވާ އެއް ސަބަބަކީ މުބާރާތަށްދާ އެ ގައުމުތަކުގެ ކޮންޓިންޖެންޓް ބޮޑުވުމެވެ. ފީފާއިން ނިންމާފައިވަނީ މުވާރާތް ކުޅޭ ކޮންމެ ގައުމަކަށް ވެސް އެ ޖަމާއަތުން ހަރަދު ކުރާނީ 50 މީހުންނަށް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތް ފަދަ ގައުމުތަކުގެ ޓީމް މެމްބަރުންގެ އަދަދު މިއަށްވުރެ މާގިނަ އެވެ.
އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ މިހާތަނަށް އެންމެ ހަރަކާތް ގިނަ މުބާރާތަށްވާނެ އެވެ. ސަބަބަކީ މުބާރާތް ފުޅާކޮށް 48 ޓީމު މި ފަހަރުގެ މުބާރާތުގައި ބައިވެރިވާނެތީ އެވެ. މުބާރާތް ފަށާނީ ޖޫން 11 ވަނަ ދުވަހު އެވެ.