ޓެކްނޮލޮޖީ

ގޫގުލްއިން އުފެއްދި އައު ފޯނު "ޕިކްސެލް" ދައްކާލައިފި


ގޫގުލްއިން އުފެއްދި އައު ފޯނު "ޕިކްސެލް" ދައްކާލައިފިއެވެ.

އިންޓަރނެޓާ ގުޅުންހުރި އެކި ޙިދުމަތުގެ އިތުރުން ސޮފްޓްވެއަރ ޓެކްނޮލޮޖީގެ އުފެއްދުންތަކަށް މަޝްހޫރު ގޫގުލްގެ އެންމެ ފަހުގެ އުފެއްދުންތައް ދައްކާލުމަށް "މޭޑް ބައި ގޫގުލް" ގެ ނަމުގައި ރޭ އެމެރިކާގެ ސޭންފްރޭންސިސްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދައްކާލި ޕިކްސެލް ފޯނާއެކު ކުރިން އެކުންފުނިން ނެރެމުންއައި ނެކްސަސް ސީރީޒްގެ ފޯނުތައް ނެރުން ވަނީ ހުއްޓާލާފައެވެ. މިފޯނުގެ ތިން ކުލައެއް ގޫގުލްގެ ފަރާތުން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވެއެވެ. އެއީ "ކުއައިޓް ބްލެކް"، "ވެރީ ސިލްވާ" އަދި "ރިއަލީ ބްލޫ" އެވެ. "ކުއައިޓް ބްލެކް" އާއި "ވެރީ ސިލްވާ" ގެ 32 ޖީބީ އަދި 128 ޖީބީގެ ޕިކްސެލް އަދި ޕިކްސެލް އެކްސްއެލް ނެރެން ހަމަޖެހިފައިވާއިރު، ރިއަލީ ބްލޫގެ ނެރޭނީ 32 ޖީބީގެ ފޯނު އެކަނި ކަމަށް ގޫގުލްއިން ބުނެއެވެ. img:http://s2.psmnews.mv/images/660x400/14756455298920.jpg|ގޫގުލްގެ ޕިކްސެލް ފޯނު -

ތަފާތު ޑިޒައިނަކަށް ހަދާފައިވީ ނަމަވެސް މިފޯނަށް ދުރުން ބަލައިލުމުން ވައްތަރީ އައިފޯނަކާއެވެ. ފޯނުގެ ފަހަތް ފެނުމާއެކު ތަފާތު ގޮތަކަށް ފޯނުގެ މެދެއްހާ ހިސާބުގައިވާ ފިންގަރޕްރިންޓް ރީޑަރ ލޮލުގައި އަޅައިގަނެއެވެ.

ރޭ ދައްކާލި ޕިކްސެލް ފޯނަކީ މާރކެޓްގައި މިހާރު އެންމެ ގަދައަށް ވިކެމުންދާ ފޯނުތަކަށް ގޮންޖަހާލާނެ ފަދަ ފީޗަރސްތަކެއް އެކުލެވޭ ފޯނެކެވެ. މިފޯނުގެ އެންމެ ޚާއްސަ އެއް ކަމެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރީ މުޅި ފޯނަކީ ގޫގުލްގެ އުފެއްދުމެއްކަމެވެ. މިގޮތުން ފޯނުގެ ޑިޒައިނުން ފެށިގެންގޮސް އެތެރޭގެ ހާޑްވެއަރއަށް ދަންދެން އުފައްދާފައިވަނީ ގޫގުލް އިން ކަމަށް، ގޫގުލްގެ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން ގޫގުލްގެ އަމިއްލަ އެޕްތައް މިފޯނުގެ އެކި ބޭނުންތަކަށް އިންޓަގްރޭޓް ކުރެވުން ފަސޭހަވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ޕިކްސެލް ފޯނުގެ ސްކްރީން ފަދަ ބައެއް ބައިތައް އުފައްދާފައިވަނީ ގޫގުލްއިން ނޫން ކަމަށް މީޑިއާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ. img:http://s2.psmnews.mv/images/660x400/14756456576753.jpg|ގޫގުލްގެ ކީނޯޓުގައި ދައްކާލި ޑިވައިސްތައް -

މާރކެޓަށް ނެރެ، ޢާއްމުންގެ މަޤުބޫލުކަން ހޯދަމުންދާ އެހެނިހެން ފޯނުތައް ފަދައިން ޕިކްސެލް ފޯނުގެވެސް ދެސައިޒެއް ރޭ ބޭއްވި އިވެންޓުގައި ދައްކާލާފައިވެއެވެ. މިގޮތުން 5 އިންޗީގެ ޕިކްސެލް ފޯނުގެ އިތުރުން 5.5 އިންޗީގެ ޕިކްސެލް އެކްސް.އެލް ފޯނު ޢާއްމުންނަށް ދައްކާލާފައިވެއެވެ. މި ދެސައިޒުގެ ފޯނުގައިވެސް 32 ޖީބީ އަދި 128 ޖީބީގެ ސްޓޯރޭޖް ހިމެނެއެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގައި ނަގާ ހުރިހާ ފޮޓޯގެ އިތުރުން ވީޑިއޯ އޭގެ އަސްލު ކޮލިޓީގައި ރައްކާކޮށްފައި ބެހެއްޓުމަށް މިފޯނު ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް އެއްވެސް ލިމިޓެއްނެތި އޮންލައިން ސްޓޯރޭޖެއް ކްލައުޑްގައި ދީފައިވެއެވެ.

ޕިކްސެލް ފޯނަކީ ވޯޓަރ ޕްރޫފް ފޯނެއް ކަމަށް ނުވިޔަސް، ގޫގުލްއިން މިފޯނުގައި ބޭނުންތެރި ގިނަ ފީޗަރތަކެއް ހިމަނާފައިވެއެވެ. img:http://s4.psmnews.mv/images/660x400/14756457040090.jpg|"ޑޭ ޑްރީމް"ގެ ނަމުން ނަންދީފައިވާ ގޫގުލްގެ ވީ.އާރު ވިއު ހެޑްސެޓް -

ޕިކްސެލްގެ ފާހަގަކޮށްލެވޭ 5 ފީޗަރ

1 - ކެމެރާ ކޮލިޓީ

މިފޯނުގައިވާ ޚާއްސަ ކަންތައްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ފޯނުގައިވާ ކެމެރާއެވެ. 

ފޯނުތަކާއި ކެމެރާ ފަދަ ޑިވައިސްތަކުގެ ކެމެރާ ރޭޓް ކުރާ މަޝްހޫރު "ޑީ.އެކްސް.އޯ މާރކް" އިން ވަނީ މިފޯނުގެ ކެމެރާއަށް 89ގެ ރޭޓިންގެއް ދީފައެވެ. މިއީ މޯބައިލް ފޯނެއްގެ ކެމެރާއަށް މިހާތަނަށް "ޑީ.އެކްސް.އޯ މާރކް" އިން ދީފައިވާ އެންމެ މަތީ ރޭޓިންގެވެ. ޕިކްސެލްގައި 12.3 މެގަޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވާއިރު މިފޯނުން ނަގާ އެކްޝަން ފޮޓޯތަކުގެ ކޮލިޓީ މާކެޓްގައި މިހާރު ލިބެންހުރި އެހެން ހުރިހާ ފޯނަކަށްވުރެ ރަނގަޅުވާނެ ކަމަށް ގޫގުލްއިން ބުނެއެވެ. ޕިކްސެލްގެ ކެމެރާގެ ޚާއްސަ އަނެއް ކަމަކީ އިމޭޖް ސްޓެބިލައިޒޭޝަން އެހެން ފޯނުތަކަށް ގޮންޖަހާލުމެވެ. އަދި ފަނޑުއަލީގައި ނަގާ ފޮޓޯތަކުގެ ކޮލިޓީވެސް އެހެން ހުރިހާ ފޯނަކަށްވުރެ ރަނގަޅުވާނެ ކަމަށްވެއެވެ.

2 - ބެޓެރީ

ޕިކްސެލްގައި 2،770 އެމްއޭއެޗްގެ ބެޓްރީއެއް އަދި ޕިކްސެލް އެކްސް.އެލްގައި 3،450 އެމްއޭއެޗްގެ ބްޓެރީއެއް ހިމަނާފައިވެއެވެ. އަދި ބެޓްރީ ޗާރޖްކުރުމަށް ހޭދަވާ ވަގުތަކީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށް ވަނީ ބެލެވިފައެވެ. ގޫގުލްގެ ފަރާތުން މި ފޯނު ޕްރޮމޯޓް ކުރުމަށް ހަދާފައިވާ ސްޕޮޓެއްގައި ދައްކާގޮތުން ފާސްޓް ޗާރޖިންގައި 15 މިނެޓް ތެރޭ 7 ގަޑިއިރަށް ފުދޭ މިންވަރަށް ޗާރޖުކުރެވެއެވެ.

3 - ގޫގުލް އެސިސްޓަންޓް

ޕިކްސެލްގެ ޚާއްސަ ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ކަމަކީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ މިޒަމާނުގައި އެހެން ކުންފުނިތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގޫގުލްއިން އުފެއްދި "ގޫގުލް އެސިސްޓަންޓް" ޕިކްސެލް ފޯނުގައި އިންބިލްޓް ފީޗަރއެއްގެ ގޮތުގައި ހިމަނާފައިވާ ކަމެވެ. ވޮއިސް އެކްޓިވޭޓަޑް މި ފީޗަރ ބޭނުން ކުރުމަށް ކޮމާންޑްގެ ގޮތުަގައި ސެޓްކޮށްފައިވާ އެއްޗެއް ބުނެލައިގެން ފޯނު މެދުވެރިކޮށް އެތައް ކަމެއް ކުރުމުގެ ޤާބިލުކަން "ގޫގުލް އެސިސްޓަންޓް"އަށް ލިބިގެންވެއެވެ. "ގޫގުލް އެސިސްޓަންޓް" އަކީ އެޕަލް ކުންފުނީގެ އައިފޯނުތަކުގައި ބޭނުންކުރަމުން އަންނަ "ސިރީ" އާއި މައިކްރޯސޮފްޓްގެ "ކޯރޓާނާ" އަދި އެމޭޒަންގެ "އެކޯ" ފަދަ ވަރޗުއަލް އެސިސްޓަންޓެކެވެ.

ގޫގުލްގެ ޕިކްސެލް ފޯނުގައި ހިމަނާފައިވާ "ގޫގުލް އެސިސްޓަންޓް" އަކީ މީގެ ކުރިން އުފައްދާފައިވާ މިފަދަ އެހެން އުފެއްދުންތަކަށްވުރެ ބޭނުންކުރަން އެތައް ގުނައެއް ފަސޭހަވާނެ އެއްޗެއް ކަމަށް ގޫގުލްއިން ބުނެއެވެ. "ގޫގުލް އެސިސްޓަންޓް" ގެ އެހީގައި ދަތުރުކުރާ މިސްރާބު މެޕެއްގައި ބަލައިލުމާއި ދާންޖެހޭ ދުރުމިން އަންދާޒާކޮށް، ރެސްޓޯރަންޓް ފަދަ ތަންތަނުން ރިޒަރވޭޝަން ހެއްދުމާއި ކޮންޓެކްޓް ލިސްޓުގައި ހިމެނޭ މީހުންނަށް މެސެޖް ފޮނުވުން ފަދަ ކަންކަން ވޮއިސް ކޮމާންޑެއްގެ އެހީގައި ކުރެވެއެވެ.

4 - ވާރޗުއަލް ރިއަލިޓީ

ޕިކްސެލްއަކީ ވާރޗުއަލް ރިއަލިޓީއަށް ޚާއްސަ އިސްކަމެއްދީގެން ހަދާފައިވާ ފޯނެއް ކަމަށް ގޫގުލްގެ ކީނޯޓްގައި ފޯނު ޢައްމުކޮށް ދައްކާލަމުން ބުނެފައިވެއެވެ. މިގޮތުން މިހާތަނަށް ޢާއްމުންނާ ހިސާބަށް އައިސްފައިނުވާ ވަރުގެ ވާރޗުއަލް ރިއަލިޓީ ނުވަތަ ވީ.އާރު އެކްސްޕީރިއަންސެއް ގެނައުމަށް ގޫގުލްއިން ނެރުނު މިފޯނާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ފޯނާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ޑޭ ޑްރީމް"ގެ ނަމުން ނަންދީފައިވާ ވީ.އާރު ވިއު ހެޑްސެޓްވެސް މި ފޯނާއެކު ރޭ ވަނީ ޢާއްމުކޮށް ދައްކާލާފައެވެ. "ޑޭ ޑްރީމް" ބޭނުންކުރުމަށް ފަސޭހަ ކުރުމަށް އެ ޑިވައިސްއާއެކު ކޮންޓްރޯލަރެއްވެސް ހިމަނާފައިވާއިރު، މި ވީ.އާރު ވިއު ހެޑްސެޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 79 އެމެރިކާ ޑޮލަރަށެވެ.

5 - އިތުރު ޑިވައިސްތަކާއި ފީޗަރތައް

ގޫގުލްގެ ކީނޯޓް އިވެންޓު މައިގަނޑުގޮތެއްގައި ބިނާވެފައިވަނީ އެކުންފުނިން އަލަށް ނެރުނު ފޯނުގެ ފީޗަރތައް ޢާއްމުކުރުމަށް ކަމަށްވީނަމަވެސް، މި އިވެންޓުގައި ގޫގުލްގެ އިތުރު އެހެން ބައެއް ޕްރޮޑަކްޓްތައްވެސް ވަނީ ޢާއްމުންނަށް ދައްކާލާފައެވެ. މިގޮތުން ފޯނާއެކު ބޭނުންކުރެވޭ "ޑޭ ޑްރީމް" ވީ.އާރ ވިއު ހެޑްސެޓް އަދި ގޫގުލް އެސިސްޓަންޓުގެ އިތުރުން ރޭގެ މި ޚާއްސަ އިވެންޓުގައި ވަނީ "ގޫގުލް ހޯމް" އާއި "ގޫގުލް ވައިފައި" ގެ އިތުރުން ކްރޯމްކާސްޓްގެ އެންމެފަހުގެ ޑިވައިސްވެސް ވަނީ ލޯންޗްކޮށްފައެވެ. 

"ގޫގުލް ހޯމް" އަކީ ގޭގައި ބޭނުންކުރުމަށް ޚާއްސަކޮށްގެން ވޮއިސް ކޮމާންޑާއެކު މަސައްކަތްކުރާ ޑިވައިސްއެކެވެ. "ގޫގުލް ވައިފައި" އަކީ ގޭގައި ބޭނުންކުރާ ވައިފައި ރައުޓަރގެ ބަދަލުގައި ބޭނުންކުރާ ރައުޓަރެކެވެ. މިރައުޓަރުގެ ޚާއްސަކަމަކީ ގޭގެ ހުރިހާ ދިމާލަކަށް، ވައިފައި އެއްވަރެއްގައި ދިނުމުގެ ޤާބިލްކަން ލިބިފައިވުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ދެން މި އިވެންޓުގައި ދައްކާލާފައިވަނީ މިހާރުވެސް ޢާއްމުންގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ސްޓްރީމިން ޑިވައިސް ކްރޯމްކާސްޓްގެ އެންމެފަހުގެ ވަރޝަން ދައްކާލުމެވެ.

އެމެރިކާގެ އަލްފަބެޓްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުން ހިނގަމުން އަންނަ ގޫގުލްއިން ވަނީ ޕިކްސެލް ފޯނު އުފެއްދުމުގައި އެކުންފުނީގެ އެތައް އަހަރެއްވީ ތަޖުރިބާ ބޭނުންކޮށްފައިވާކަމަށް ބުނެފައެވެ. ޕިކްސެލް ގަތުމަށް ޕްރީ-އޯޑަރ ކުރުމަށް މިހާރު ހުޅުވާލާފައިވާއިރު މި ފޯނުތަކުގެ އަގު ފެށެނީ 645 އެމެރިކާ ޑޮލަރުން ކަމަށް ގޫގުލް އިން ބުނެއެވެ.