ޞަހްޔޫނީން ރުއްސުމަށް އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ދަށުން ދެ ފަރާތުން ވެސް ޙިޞާރުތައް ޤާއިމުކުރުމުގެ ސަބަބުން، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި މިހާރު އޮތީ ބަންދުކޮށްފައެވެ. ކަނޑުގެ ޙިޞާރަކީ އެއްގަމު ސިފައިންނާ ނުލައި، ދުޝްމަނުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ހުއްޓުވައިގެން ބަލިކޮށްލުމަށް ބޭނުންކުރާ، ތާރީޚީ ގޮތުން އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. މިފަދަ ޙިޞާރުތަކަކީ ޤައުމުތަކުގެ އިޤުތިޞާދާއި، އިޖުތިމާޢީ އޮނިގަނޑާއި، ބައިނަލްއަޤުވާމީ ގުޅުންތައް މުޅިން ބަދަލުކޮށްލާ، ބައެއް ފަހަރު ވަގުތުން އަދި އަނެއްބައި ފަހަރު ދިގު މުއްދަތަކަށް އޭގެ ނުރައްކާތެރި އަސަރު ފޯރުވާ ހަތިޔާރެކެވެ.
2007 އިން ފެށިގެން ޞަހްޔޫނީން ފަލަސްޠީނުގެ ޣައްޒާގައި ހިންގާ އެއްގަމާއި، ކަނޑާއި، ވައިގެ ޙިޞާރަކީ ޒަމާނީ ތާރީޚުގެ އެންމެ ދިގު އެއް ޙިޞާރެވެ. 2023 ގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ފެށި ޤަތުލުޢާންމުގެ ކުރިން ވެސް، ޔަހޫދީން ދިޔައީ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ހޯދުމަށް ހުރަސް އަޅަމުންނެވެ. މި ގޮތުން، އޮސްލޯ މުޢާހަދާގެ ދަށުން ޣައްޒާގެ މަސްވެރިންނަށް 20 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް، ޔަހޫދީން ވަނީ އެ ކަމަށް ހުރަސް އަޅާފައެވެ. އަދި، ހުއްދަކޮށްފައި ވަނީ ހަމައެކަނި 6-15 މޭލުގެ ތެރޭގައި މަސްވެރިކަން ކުރުމަށެވެ.
މިއަދު، ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މީހުން ތިބީ ހައިހޫނުކަމުގެ ތުންފަތްމަތީގައެވެ. ޣައްޒާގެ ޙިޞާރު ފޫއަޅުވައިލައި، ނިކަމެތިކޮށްލާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެކި ފަހަރު މަތިން އެހީދޭ ޖަމުޢިއްޔާތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ކަނޑުމަގުން ޣައްޒާއަށް ދަތުރުކުރުމަށް މަސައްކަތް ކުރި "ފްރީޑަމް ފްލޮޓިއްލާ" ފަދަ ހަރަކާތްތަކުގެ އުޅަނދުތައް ހިމެނެއެވެ. ނަމަވެސް، އެންމެ ފަހުން "ގްލޯބަލް ޞުމޫދު ފްލޮޓިއްލާ" އިން ހިންގި މި ފަދަ ހަރަކާތުގައި ބައިވެރިވި 58 އުޅަނދުގެ ތެރެއިން 22 އުޅަނދަކަށް ޔަހޫދީ ފައުޖުން ވަނީ ޙަމަލާދީ، ހުއްޓުވާފައެވެ.
1967 އިން 1970 އަށް ނައިޖީރިޔާގެ މައި ސަރުކާރުން ބިޔަފްރާ ބަންދުކޮށް ޙިޞާރު ކުރުމުން، ހައިހޫނުގައި ޖެހި އެއް މިލިޔަނާއި ދެ މިލިޔަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވިއެވެ. އެއީ، ނައިޖީރިޔާގެ އަހުލީހަނގުރާމައިގެ ތެރެއިންނެވެ. ތިން އަހަރަށް ދެމިގެންދިޔަ އެ ޙިޞާރު ނިމުމަކަށް އައީ ބިޔަފްރާއިން 1970 ވަނަ އަހަރުގެ ޖަނަވަރީ މަހު އަމާންދިނުމުންނެވެ.
މިއާ ޚިލާފަށް، 1966 އިން 1975 އަށް އިނގިރޭސިވިލާތުން ރޮޑޭޝިޔާއާ ދެކޮޅަށް ހިންގި ހިޞާރު ނާކާމިޔާބުވީ، ދެކުނު އެފްރިކާ މެދުވެރިކޮށް އެ ޤައުމަށް ތެޔޮ ލިބުމުންނެވެ. އެއީ، ރޮޑޭޝިޔާއަށް (މިއަދު ޒިމްބާބުވޭ) ތެޔޮ ފޯރުކޮށްދިނުން ހުއްޓުވުމަށް އިނގިރޭސިވިލާތުން ތަންފީޒު ކުރި ޙިޞާރެކެވެ. އެ ޚިޞާރު ނުވަ އަހަރަށް ދެމިގެން ދިޔައެވެ.
ފުރަތަމަ ބޮޑު ހަނގުރާމައިގައި (1914-1919) އިނގިރޭސިވިލާތުން ޖަރުމަނުވިލާތް ބަންދުކޮށް ޙިޞާރުކުރުމުން، 763,000 އަށްވުރެ ގިނަ ޢާންމުން ހައިހޫނުގައި ޖެހި މަރުވިއެވެ. އެ ޙިޞާރުގެ ރައްދުގައި ޖަރުމަނުވިލާތުން ވެސް ވަނީ އިނގިރޭސިވިލާތުގެ ކަނޑުގެ ސަރަޙައްދު ޙިޞާރުކުރުމަށް މަސައްކަތްކޮށް، ދަތުރުފަތުރަށް ހުރަސް އަޅާފައެވެ.
ހަމައެފަދައިން، 1915 ގައި ގުޅިފައިވާ އިއްތިޙާދުގެ ލަޝްކަރުން އިރުމަތީ މެޑިޓަރޭނިޔަން ކަނޑު ޙިޞާރުކުރުމުން ލުބްނާނުން 500,000 މީހުން މަރުވިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި (1942-1945) އެމެރިކާގެ ސަބްމެރިންތަކުން ޖަޕާނު ޙިޞާރުކޮށް، އެ ޤައުމުގެ މުދާއުފުލާ 1,300 އުޅަނދު ފައްތައިލައި، އެ ޤައުމުގެ އިޤުތިޞާދު މުޅިން އިނދަޖައްސައިލިއެވެ.
1962 އޮކްޓޫބަރުގައި އެމެރިކާއިން ކިޔުބާގެ ވަށައިގެން 500 ނޯޓިކަލް މޭލުގެ ސަރަޙައްދެއް "ކަރަންޓީން" ގެ ނަމުގައި ޙިޞާރުކުރިއެވެ. އެއީ، ކުރީގެ ރޫސީވިލާތުން ކިޔުބާގައި މިސައިލް މަރުކަޒުތަކެއް ޤާއިމުކުރުމަށް ފެށި މަޝްރޫޢު ހުއްޓުވުމުގެ ނަމުގައެވެ. ރޫސީވިލާތުން ވަނީ އެއީ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ހާދިސާއާ ގުޅިގެން ނިއުކްލިޔަރ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެގެން ދިޔައެވެ.
ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު މި މައްސަލަ ޙައްލުވީ ތުރުކީވިލާތުގައި ހުރި އެމެރިކާގެ މިސައިލްތައް ގެންދިޔުމަށް ވޮޝިންގޓަނުން ވެސް އެއްބަސްވުމުންނެވެ. އޭގެ ކުރިން، 1951 އިން 1953 އަށް އެކުވެރި ދައުލަތްތަކުގެ (އދ) ޤަރާރެއްގެ ދަށުން ގުޅިފައިވާ އިއްތިޙާދެއްގެ ފައުޖުތަކުން ވަނީ އުތުރު ކޮރެއާގެ ވޮންސަން 861 ދުވަހަށް ބަންދުކޮށް، ޙިޞާރުކޮށްފައެވެ. އަދި، އެ ރަށަށް ވަރުގަދަ ޙަމަލާތަކެއްދީ، ސުންނާފަތިކޮށްލާފައެވެ. އެ އޮޕަރޭޝަންގައި އެމެރިކާގެ އަސްކަރީ މަނަވަރުތައް ކަމުގައިވާ ޔޫއެސްއެސް ޕްލެޖް އަދި ޔޫއެސްއެސް ޕައިރެޓް ވަނީ ފެތިފައެވެ.
މިއަދު ހުރްމުޒް ކަނޑުއޮޅިން ފެންނަމުންދަނީ ތާރީޚުގެ މި ބިރުވެރި ސަފުހާތައް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ކަނޑުގެ ޙިޞާރަކީ ހަމައެކަނި އަސްކަރީ އުކުޅެއް ނޫނެވެ. އެއީ، އިންސާނިއްޔަތަށް ދެވޭ އެންމެ ބޮޑު އެއް އަދަބު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.