ޚަބަރު

ޞުލްޙަ ޤާއިމްކުރުމަށް އީރާނުން ހުށަހަޅާފައިވާ އައު ހުށަހެޅުމުގައި ބުނަނީ ކީކޭ؟


މެދުއިރުމަތީގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގަނައުމަށް ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޤްޞަދުގައި 14 ނުކުތާގެ މައްޗަށް ހިމެނޭ އައު ހުށަހެޅުމެއް އީރާނުން ވަނީ އެމެރިކާއަށް ހުށަހަޅައިފައެވެ. އީރާނުން މި ފަދަ ހުށަހެޅުމެއް ހުށަހަޅާފައި މި ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ދެ ފަރާތުގެ ދެމެދުގައި ނާޒުކު އެއްބަސްވުމެއް ޤާއިމްކޮށް، އެ އެއްބަސްވުމަށް ޢަމަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. ދެ ފަރާތަށް އަދިވެސް އެއްގަލަކަށް އެރިފައި ނުވާއިިރު، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުއާއި، މައި ވިޔަފާރި މަގުތަކުގެ ކޮންޓްރޯލް ނެގުން ފަދަ މައްސަަލަތަކުގައި އަދިވެސް ދެ ފަރާތުން ދެބަސްވެއެވެ.

ޕާކިސްތާނު މެދުވެރިކޮށް އީރާނުން ހުށަހެޅި އައު ހުށަހެޅުމަކީ މީގެ ކުރިން އެމެރިކާއިން ހުށަހަޅާފައިވާ ނުވަ ނުކުތާގެ މައްޗަށް އެކުލެވޭ ޞުލްޙައިގެ އޮނިގަނޑެއްގެ ރައްދު ކަމަށް ޤަބޫލުކުރެވެއެވެ. އެމެރިކާއިން ހުށަހަޅާފައި ވަނީ ދެ މަސް ދުވަހަށް ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށެވެ. ނަމަވެސް ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ ބަދަލުގައި ދާއިމީ ގޮތަކަށް ހަނގުރާމަ ހުއްޓައިލައި 30 ދުވަހުގެ ތެރޭގައި ހުރިހާ މައްސަލައެއް ޙައްލުކުރުމަށް އީރާނުގެ ހުށަހެޅުމުގައި އިސްކަން ދީފައިވެއެވެ. ކުރިމަގުގައި އެމެރިކާއިން އީރާނަށް ޙަމަލާ ނުދޭނެ ކަމުގެ ޔަޤީންކަމާއި،
އީރާނާ ކައިރި ސަރަޙައްދުތަކުގައި ތިބި އެމެރިކާގެ ސިފައިން ބޭލުމާއި، ހިފަހައްޓާފައިވާ އީރާނުގެ މުދާތައް ދޫކުރުމުގެ އިތުރުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމާއި ސަރަޙައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ވެސް އީރާނުން ވަނީ ހުށަހަޅައިފައެވެ. އަދި ހުރްމުޒް ކަނޑުއޮޅީގެ ކަންކަން ހިންގުމަށް އައު ނިޒާމެއް ޤާއިމް ކުރުމަށް ވެސް އީރާނުން ގޮވާލާފައިވެއެވެ.

އޭގެ އިތުރުން ނިއުކްލިޔަރ ނަން-ޕްރޮލިފަރޭޝަން ޓްރީޓީގެ ދަށުން އީރާނަށް ލިބިދޭ ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްޤު ބަލައިގަތުމަށް އީރާނުން އެދެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ ޤާބިލުކަމަކީ އެ ކަމާމެދު މަޝްވަރާކޮށް އެއްބަސްވުމަކާ ހަމައަށް ނާދެވޭނެ “ރަތް ރޮނގެއް”ގެ ގޮތުގައި ތަކުރާރުކޮށް ސިފަކުރައްވައިފައެވެ.

މެއި މަހުގެ 2ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ އެ ހުށަހެޅުން މުރާޖައާ ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމަކާ ހަމައަށް އާދެވިދާނެ ކަމާ މެދު ޝައްކު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކާ ހަމައަށް އައުމުުގެ ކުރިން ހުރްމުުޒް ކަނޑުއޮޅިއާ ގުޅޭގޮތުން ހުރި އެމެރިކާގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބެންޖެހޭ ކަމަށާއި، އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން ވެސް ގޮތެެއް ނިންމަންޖެހޭ ކަމަށެވެ.

ޓްރަމްޕް ވަނީ އީރާނުން “ބަސްނާހައިފި ނަމަ” އެ ޤައުމާ ދެކޮޅަށް އަނެއްކާ ވެސް އަސްކަރީ ފިޔަަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބޯޓުފަހަރަށް ހުރަސްއަޅަމުންދާތީއާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަަަބަބުން އީރާނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފިއްތުންތައް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް އީރާނުން ބުނަމުން ދަނީ ފިއްތުންތައް ކުރިމަތިކޮށްގެން އީރާނުން އެމެރިކާ ހުށަހަޅާ ކަންކަމަށް އެއްބަސްނުވާނެ ކަމަށެވެ.

ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް ދެ ފަރާތުން ވަނީ މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް އިޝާރާތްކޮށްފައެވެ.