ޚަބަރު

ގަލަމުގެ ބާރު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު!


  • ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްގަކީ ޤާނޫނުއަސާސީން ކަށަވަރުކުރާ ހައްގެއް

  • ޒިންމާދާރުކަމެއްނެތި ޚަބަރު ފެތުރުމުގެ ސަބަބުން މުޖުތަމަޢުގެ ފޭރާން ވީދިގެންދޭ

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި އދ. ގެ އާންމު މަޖިލީހުން އެ ދުވަސް ކަނޑައެޅީ 1993 ވަނަ އަހަރުގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާ މިއީ 33 ވަނަ އަހަރެވެ.

ނޫސްވެރިކަމަކީ "ފޯތު އެސްޓޭޓް" ނުވަތަ ކޮންމެ ޤައުމެއްގެވެސް 4 ވަނަ ބާރުގެ ގޮތުގައި ޤަބޫލުކުރާ ދާއިރާއެކެވެ. ނޫސްވެރިންގެ ގަލަމުގެ ބާރުގަދަކަން އެކި ޤައުމުތަކުގައި މިހާތަނަށް ހިނގާފައިވާ ކަންކަމަށް ބަލައިލުމުން ހާމަވެގެންދާނެއެވެ. ނޫސްވެރިންގެ ލިޔުންތަކުން ވެރިކަން ބަދަލުކޮށްލައެވެ. އެތައް ބައެެއްގެ ވިސްނުމާއި ފިކުރު ބަދަލުކޮށްލައެވެ. އެހެންކަމުން މިފަދަ ބާރުގަދަ އެއްޗެއްގެ ބޭނުން ހިފަންވާނީ ކޮންމެ މީހަކުވެސް ވަރަށް ޒިންމާދާރުކަމާއެކުގައެވެ.

ބާރެއް ލިބުމުގެ މާނައަކީ އެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮތްކަން ދެނެގަނެ އެ ބާރުގެ ބޭނުން ހިފަން ވާނީ އެ ހުދޫދުގެ ތެރެއިންނެވެ. މިއަދު ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު ފާހިޝް އަމަލުތަކަށް ހިތްވަރުދޭ ލިޔުންތަކާއި، ދޮގު މައުލޫމާތުތައް ގެނެސްދީ އެއްބަޔަކު އަނެއްބަޔަކާމެދު ނަފުރަތު އުފެއްދުން ދަނީ އާންމުވަމުންނެވެ. މިކަންކަން އެންމެބޮޑަށް ފާހަގަވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި އެކި ޙައްގުތަކުގެ ވާހަކަތައް އެންމެ ބޮޑަށް ދައްކަމުންދާ ޤައުމުތަކުންނެވެ. ނަމަވެސް މިފަދަ ކަންކަމުގެ ސަބަބުން މިއަދު އެ ޤައުމުތަކުގެ އިޖުތިމާޢީ ފޭރާން ވަނީ ވީދިގެން ގޮސްފައެވެ.

މިއަދު ދުނިޔޭގައި ޓެކްނޮލޮޖީ ކުރިއަރައިގެންގޮސް މުޅި ދުނިޔޭގައި ހިނގާ ކަންކަން ސިކުންތެއްގެ ތެރޭގައި ބެލޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުއްޓަސް އަދިވެސް ރައްޔިތުން އިތުބާރު ކުރާނީ ނޫސްވެރިން ހާމަކުރާ މައުލޫމާތަށެވެ. ކަމެއް ހިނގައިގެން އުޅޭކަމުގެ ޚަބަރު ފެތުރު ނަމަވެސް އެކަން ނޫހަކަށް ނުވަތަ ޓީވީއަކަށް ނާރަނީސް އެކަން އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރެއެވެ.

2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ޤާނޫނުއަސާސީން އަސާސީ ހައްޤުތަކަށް ވަކި ޚާއްސަ ބާބެއް ކަޑައަޅާ، އެޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ 28ވަނަ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ މާއްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިނިވަން ޑިމޮކްރަސީއެއްގައި ނޫސްވެރިންނާއި ނޫސްވެރިކަން އަދާ ކުރަންޖެހޭ ދައުރުގެ މުހިންމުކަން ބޮޑު ކަމުންނެވެ.

އެހެންކަމުން ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑެވެ. އިވޭ ކޮންމެ އަޑަކީ ނުވަތަ ދެކެވޭ ކޮންމެ ވާހަކައަކީ ސައްޙަ ވާހަކައެއް ކަމަށް ދެކިގެން އެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށްފަހު އެއީ ސައްޙަ ނޫން މައުލޫމާތުކަން އެނގިގެން މަޢާފަށް އެދެން ޖެހޭ ހާލަތުވެސް އާދެއެވެ. މިކަން ހައްލުކުރެވޭނީ މައުލޫމާތެއް ލިބިއްޖެނަމަ އެ މައުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށް އެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީގެންނެވެ.

އަޅުގަނޑުމެންގެ މި ޤައުމަކީ އިސްލާމީ ޤައުމަކަށްވާއިރު މި ޤައުމުގެ އާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ވާހަކަތަކާއި މަންޒަރާއި އަޑު ގެނެސްދިނުމަކީ އެއީ ނޫސްވެރިކަމުގެ މިނިވަންކަންކަމުގައި ދެކިގެން ނުވާނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްގު ކަށަވަރުކުރަންވާނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން އެހެން ރައްޔިތުންނަށްވެސް ލިބިދީފައިވާ ޙައްގުތައް ކަށަވަރުކޮށްގެންނެވެ.

ނޫސްވެރިންނަށް ރާއްޖޭގައި ލިބިފައިވާ ފުރިހަމަ މިނިވަންކަން މިއަދު ދިވެހި ނޫސްތަކާއި ޓީވީ ސްޓޭޝަންތަކާއި އޮންލައިން ޕްލެޓްފޯމްތައް ބަލާލުމުން ފެންނަ އެބައޮތެވެ. ނޫސްވެރިންނަށް، އެމީހުންނަށް ފެންނަ ކޮންމެކަމެއް ރިޕޯޓްކުރެވެއެވެ. ސަރުކާރަށް ފާޑުކިޔުންކަމުގައި ވިޔަސް ނުވަތަ ސަރުކާރުގެ ތެރޭގައި ހުރި މައްސަލައެއް އާއްމުންނަށް ތިލަކޮށް އެވާހަކަތައްވެސް ދެއްކުމުގެ މިނިވަންކަން މިއަދު އޮތީ ކަށަވަރުވެފައެވެ.