އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެ ވެރި ބަޔެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ ދިވެހި ޤައުމަށް ފައިދާހުރި ކޮންމެ މަސައްކަތެއްކޮށްދެއްވާ ހީވާގި ޚިދުމަތްތެރިންނަށް ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސް ކުރައްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިންމަތީގައި ޚަލީފާއަކު ކަމުގައި އިންސާނާލައްވާ، އެތައް ދިރުމަކާއި ތަކެއްޗެއް ކިޔަމަންކޮށްދެއްވީ ބިން އާރާސްތުކުރުމުގެ މުހިންމު މަސްއޫލިއްޔަތާއެކުކަމަށެވެ. އެހެންކަމުން، ތެދުމަގު ދެއްކެވުމަށް ފޮނުއްވި ކޮންމެ ރަސޫލަކާއި ނަބިއްޔެއްގެ ސީރަތުންވެސް ފެންނާން އޮތް ހަގީގަތަކީ މަސައްކަތްކުރުމަކީ ޘަވާބު ލިބެނިވި މަތިވެރި އަޅުކަމެއް ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކާބަފައިން ބިނާކުރި ދިވެހިވަންތަ ޙަޟާރަތުގައި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައް ހާސް ނަމޫނާއެއް ފެންނާން އެބަހުރިކަމަށެވެ. އަދި ޒަމާނުގެ އޮއިވަރަށް މިއައި ބަދަލުތަކާއި، ދަރުތުފަތުރާއި މުވާސަލާތު މިދެކޭ ހަލުވި ގުޅުންތަކާއެކު، އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެވެރި ބަޔެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ ޢަދުލުވެރި ސިޔާސަތެއްކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށްފައިވާކަމަށާއި ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމްތައް ފައްޓަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްފިން. އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ފުރިހަމަކޮށް، ޒިންމާދާރު ވަޒީފާތަކަށް ދަރީން ނުކުންނަމުން އެދަނީ ޢާއިލާތައް ހިނިތުންކުރުވަމުން. ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރީންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް، ބައިނަލްއަޤްވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާއެކު އަޅުގަނޑުމެން އިސްނެގި މަސައްކަތުގެ މޭވާ ލިބެން ފަށައިފި." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސައްކަތެއް ނުލިބި ހަވާސާވެގެން ދިއުން ކުޑަކުރުމަށްޓަކައި ޖަލުތަކުގައި ތިބޭ ޤައިދީންނަށްވެސް މަސައްކަތްތަކުގައި ޝާމިލުވުމުގެ ފުރުޞަތު ފަހިކޮށްދެމުންދާކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ހަމަޖައްސައިދިނުމުގެ ޚާއްޞަ ޕްރޮގްރާމް ހަލުވިކަމާއެކު ހިނގަމުންދާއިރު، އުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާގައި އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ފަހިކޮށްދެއްވާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ޙަވާލުކުރުމުގައި އިސްކަންދެމުން ދަނީ ޤާބިލް ދިވެހި ކުންފުނިތަކަށްކަމަށާއި މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރު ވެވަޑައިގަންނަވާކަމަށެވެ.
ވަކީން ޚާއްޞަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް ޙައްލު ހޯދައިދެއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީންނެތް ޞިނާޢީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށާފައިވާކަމަށެވެ.
"މިއިން ކޮންމެ ކަމަކުން ރާއްޖޭގައި އިތުރަށް ވަޒީފާ އުފެދެމުންދާއިރު، ތާރީޚުގައިވެސް ދިވެހި އުފެއްދުންތައް އެއްތަނަކުން އެންމެގިނައިން ފެންނަންހުރީ މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައި. ފާހަގަކުރަމުންމިދާ ދިވެހި އުފެއްދުންތެރިކަމުގެ އަހަރާއެކު މިފަހަރުގެ މަޢުރަޒު އަދި މާ ކާމިޔާބުވާނެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އުމުރުން ދެއަހަރާ ހަމަސް ވޭތުވާން ކައިރިވީއިރު، 23000 އަށްވުރެ ގިނަ ވަޒީފާ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިފައިވާކަމަށެވެ. އަދި ރާއްޖޭގައި ވަޒީފާތަކާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތަކާއެކު، ރައްޔިތުން އެދޭ އަމާޒަށް އެކަންކަންވެސް ގެންދެވެން ފަށާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ވަޒީފާއާއި މަސައްކަތުގެ ފުރުޞަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުންކަމަށެވެ. އަދި މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކުމެ ހަށިފޮޅައިލައްވާ ޢަމަލީ މައިދާނަށް ނުކުތުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު، ތަރައްޤީވެފައިވާ ފުދުންތެރި ދިވެހިރާއްޖެއެއް ހޯދުމަށް ހިފާފައިމިވާ އަމާޒަށް ޤައުމު ވާޞިލުކޮށްދެވޭނީ ހީވާގި ދިވެހި މަސައްކަތްތެރީންނަށްކަމާމެދަކު ކުޑަވެސް ޝައްކެއް ނެތްކަމަށެވެ.