މިމަހުގެ 19 އިން 27 ގެ ނިޔަލަށް މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކޯޓުގައި ކުރިއަށްދިޔަ ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުން ފެނިގެންދިޔައީ އުންމީދީ މަންޒަރެއްކަމަށާއި މުބާރާތުގެ ތެރެއިން ކުދިން ކުރިއަރަމުންދިޔަތަން ފެނުނުކަމަށް ޖޫނިއާ ކުރިކެޓް މުބާރާތުގެ ރަނަރަޕްކަން ހޯދި ރެހެންދި ސްކޫލުގެ ކޯޗް ސުދީޝް ސުދަން ބުނެފިއެވެ.
ފައިނަލް މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ކޯޗް ބުނީ މިމުބާރާތަށް ރެހެންދި ސްކޫލުން ނުކުތީ ކުރިކެޓް ވަރަށް އައު ކުދިން ކޮޅަކާއެކުކަމަށެވެ. އެހެންކަމުން މުބާރާތުގެ ތެރެއިން އެކަން ވަރަށް ބޮޑަށް ފެނިގެންދިޔަކަމަށާ އެހެންނަމަވެސް މެޗުތައް ކުޅެމުންދިޔަ ވަރަކަށް ކުދިން ކުރިކެޓަށް ހޭނި މިކުޅިވަރު ދަސްކުރަމުން ދިޔަކަމަށެވެ. މިއީ ރެހެންދި ސްކޫލުގެ ޓީމަށް ލިބުނު ރަނގަޅު ތަޖުރިބާއެއްކަމަށް ކޯޗު ބުނެފަވެއެވެ. ކޯޗު އިތުރަށް ބުނީ ޖޫނިއާ އުމުރުފުރާތަކަށް އަމާޒުކޮށް ބާއްވާ މިފަދަ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ކުރިކެޓްގެ މުސްތަގުބަލަށް ރަނގަޅު ފައިދާތަކެއް ކުރާނެކަމަށް އޭނާ ގަބޫލުކުރާކަމަށެވެ.
"މުބާރާތަށް ކުދިން ނުކުތް އިރު މިކުޅިވަރަށް ރަނގަޅަށް ހޭނިފައިނުވާތީ ކުދިންގެ ކިބައިން އުނދަގޫތަކެއް ފާހަގަކުރެވުނު. އެހެންނަމަވެސް މެޗުތައް ކުޅެން ފެށުމުން ކުރިކެޓަށް މިކުދިން ހޭނި، ކުރިއަރައިގެން ދިޔަތަން ފެނުނު. މުބާރާތް މިކުދިން ނިންމާލީ ކުރިކެޓް ދަސްކޮށްގެން. މިފަދަ މުބާރާތްތަކަކީ ރާއްޖޭގެ ކުރިކެޓްގެ މުސްތަގުބަލަށް ފައިދާތަކެއް ކުރާނެ މުބާރާތްތަކެއްކަމަށް އަޅުގަނޑު ދެކެން" ކޯޗް ސުދީޝް ބުންޏެވެ.
ރާއްޖެ ޖޫނިއާ ކުރިކެޓް މުބާރާތުގެ ރަނަރަޕްކަން ރެހެންދި ސްކޫލުން ހޯދީ ފައިނަލުގައި ޖަމާލުއްދީން ސްކޫލާ ވާދަކޮށެވެ. ފައިނަލު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އެ ސްކޫލުގެ ތިން ކުޅުންތެރިޔަކު ވަނީ ހިމެނިފައެވެ. އެ ކުޅުންތެރިންނަކީ ރެހެންދި ޓީމަށް މޮޅު ކުޅުމެއް ދެއްކި ލިޝާން ސޮބާހް މުހައްމަދު، ޝައްޔާން ޢަބްދުލްޣަފޫރްގެ އިތުރުން މުހައްމަދު ޚަލަފެވެ.