ޚަބަރު

މުބާރާތުގެ ބޮޑު މޮޅާއެކު، ތާޖުއްދީން އެއްވަނައަށް


  • ތާޖުއްދީން، މެޗު ކާމިޔާބުކުރީ 0-7 ގެ ނަތީޖާއަކުން

  • މުޅި މެޗު ޑޮމިނޭޓުކުރީ ތާޖުއްދީނުން

މިހާރު ކުރިއަށްދާ "ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާ އެެކު، ތާޖުއްދީން ސްކޫލުން ގްރޫޕް 3 ގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓަރފްގައި ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލާ ބައްދަލުކޮށް، ތާޖުއްދީނުން މޮޅުވެފައި ވަނީ 0-7 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށައިގެން ތާޖުއްދީނުން ވަނީ ފިންލެންޑުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން، މެޗުގެ ދެވަނަ މިނެޓުގައި ތާޖުއްދީނުގެ ކުޅުންތެެރިއެއް، ފިންލެންޑުގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ބޭރު ދާގަނޑަށެވެ.

ތާޖުއްދީނުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. މިއީ، ފިންލެންޑުގެ ހަމަލާއެއް ދިފާއުކުރުމަށްފަހު، ތާޖުއްދީން ކީޕަރު ސައްޕު ޖަހާ ފޮނުވާލި ބޯޅައެއް ނަގައިގެން އެ ޓީމުން ޖެހި ގޯލެކެވެ. އެއަށްފަހުވެސް ތާޖުއްދީނުން ދިޔައީ ފުލުފުލުގައި ފިންލެންޑުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ހަމަލާތައް ނާކާމިޔާބު ވުމުގައި ފިންލެންޑުގެ ކީޕަރުގެ ދައުރު ބޮޑެވެ.

ތާޖުއްދީނުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މިއީ، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް، ކީޕަރު އަތުން ކައްސާލައިގެން ވަތް ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފު ފަހުކޮޅުގައި ބޯވާރޭގެ ތެރޭގައި ކުޅުނު މެޗުގެ ފޯރިގަދަވި ނަމަވެސް، އިތުރު ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފު ފައިގެން ތާޖުއްދީނުގެ 3 ވަނަ ލަނޑުޖެހިއެވެ. ވާރޭ ވެހުމުގެ ސަބަބުން ބޯޅަ ކޮންޓްރޯލް ކުރަން އުނދަގޫވެގެން ފިންލެންޑުގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައިގެން ތާޖުއްދީނުން މި ގޯލު ކާމިޔާބުކުރީ ދެވަނަ ހާފުގެ 2 ވަނަ މިނެޓުގައެވެ.

ތާޖުއްދީނުގެ 4 ވަނަ ގޯލަކީ، ފިންލެންޑް ކީޕަރު ހެދުނު ގޯހެއްގެ ފައިދާ ނަގާ ތާޖުއްދީން ކުޅުންތެރިއެއް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައެވެ.

އޭގެ ގިނައިރުތަކެއް ނުވެ، ތާޖުއްދީނުން ވަނީ އެޓީމުގެ 5 ވަނަ ގޯލުވެސް ޖަހާފައެވެ. މި ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި، ކޯނަރަކުންނެވެ.

އޭގެ އިރުކޮޅެއް ފަހުން 6 ވަނަ ފަހަރަށް ތާޖުއްދީނުން ފިންލެންޑުގެ ގޯލު ފޫއަޅުވާލި ނަމަވެސް، ލައިންސްމަން ވަނީ އޮފްސައިޑު ކަމަށް ނިންމާފައެވެ. ތާޖުއްދީނުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްފައި ވަނީ، މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ.

މި ނަތީޖާއާއެކު، 3 ޕޮއިންޓާއި ފައިދާ 6 ގޯލާއެކު ތާޖުއްދީން، ގްރޫޕް 3 ގެ އެއްވަނައިގައި އޮތް އިރު، 3 ޕޮއިންޓާއި ފައިދާ 3 ގޯލާއެކު ދެވަނައިގައި އޮތީ އއ. އަތޮޅު ތައުލީމީ މަރުކަޒެވެ. ހުރާ ސްކޫލް ތިންވަނައިގައި އޮތް އިރު، ގްރޫޕްގެ ފުލުގައި އޮތީ ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލެވެ.