ފާއިތުވި ދިހަ އަހަރުވެސް މިދުވަސްވަރު ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށާއި ބިލަށް އައި ބަދަލަކީ ބިލިންގެ މައްސަލައެއް ނޫންކަން ޔަޤީންކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ފެނަކައިން މިގޮތަށް ވިދާޅުވީ ކަރަންޓު ބިލްތަކަށް އައި ބަދަލާއި ގުޅިގެން އެކި ފަރާތްތަކުން ފާޅުކުރުމުންދާ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.
ކަރަންޓު ބިލްތަކަށް އައި ބަދަލާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުން ވަނީ ބިލްތައް ބޮޑުވެފައިވަނީ ހޫނު ގަދަ ވުމުން ކަމަށް ވިދާޅުވެފައެވެ. އެކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރ އަބްދުﷲ ނާޝިތު ވިދާޅުވީ މިމައްސަލައަކީ ފާއިތުވި އަހަރުތަކުގައި ފެނަކައަށް އެކަމުގެ ޝަކުވާތައް ލިބިފައިވާ ކަމެއް ކަމުގައެވެ. ނަމަވެސް މިއީ ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމާއި މިދުވަސްވަރު ހޫނުމުވުގެ ސަބަބުން އައި ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، މިއީ ބިލިން މައްސަލައެއް ނޫން ކަމަށް ޔަޤީން ކުރެވޭ ކަމަށެވެ. މިގޮތުން ފެނަކައިން ބިލްތައް ތައްޔާރުކުރަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
"މިއަންނަނީ ޖެނެރޭޝަ ކެޕޭސިޓީ އިތުރުވެގެންދާކަން. އަޅުގަނޑުމެންނަށް މިކަން ޔަޤީން ކުރެވޭ ސަބަބަކީ ޕަވާރ ހައުސް ޖެނެރޭޝަނަށް ބަލާއިރުވެސް ކޮންމެ ރަށެއްގައިވެސް 25 އިންސައްތަ އިތުރުވޭ. ޑީސެލް ޓްރެންޑް ނުވަތަ ޑީސެލް ބޭނުންކުރާ މިންވަރަށް ބަލާއިރުވެސް އަނދާ ތެޔޮ އިތުރުވޭ އިތުރުވޭ އެ ނިސްބަތުން. އެހެންވީމަ އަޅުގަނޑުމެންނަށް ޔަޤީންވޭ ޖެނެރޭޝަން މައްސަލައެއްކަން މިއީ. ބިލިން މައްސަލައެއް ނޫންކަން." ނާޝިތު ވިދާޅުވިއެވެ.
ފެނަކައިން ވިދާޅުވީ ހޫނުވާ ދުވަސްތަކުގައި އާންމުކޮށް ގޭގައި އެއް ސާމާނެއް ބޭނުންކުރި ނަމަވެސް، އެއިން ބޭނުންކުރާ ހަކަތައިގެ މިންވަރު އިތުރުވުމުން ބިލުން އެކަން ފެންނަ ކަމަށެވެ. މީގެ އިތުރުން ކަރަންޓު ވައިރިންކޮށްފަ ހުންނައިރު ނަރުތައް ހާމައަށް ތިބުމުން ނުވަތަ ނަރުތަކަށް ހޫނުވުމުންވެސް ކަރަންޓު ޚަރުދު ބޮޑުވާ ކަމަށެވެ.
އެކުންފުނިން ޗީފް ޑިވެލޮޕްމެންޓް އޮފިސަރ މުޙައްމަދު ޝުޖާޢު ވިދާޅުވީ ބިލްތައް ތައްޔާރު ކުރަން، ބެލި މުއްދަތަކީ ރޯދަމަހަށް ފަހު ކަމަށެވެ. އެއީ ސަރުކާރުން ރޯދަމަހު ބިލްތަކަށް އަރާ މިންވަރު 400 އަށް ވުރެ ބޮޑުނުވާ ގޮތަށް ނިންމުމުމާއެކު ބިލިން ސައިކަލްއަށް އައި ބަދަލެއް ކަމަށެވެ. ރޯދަމަހުގެ ތެރޭގައިވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުކަން ފާހަގަކޮށް ޝުޖާޢު ވިދާޅުވީ ކަރަންޓު ބިލްތައް ބޮޑުވަނީ ސިސްޓަމްގެ ތެރެއިން އުނިއިތުރެއް ގެނެސްގެން ނޫން ކަމަށެވެ.
"ބިލްތައް ހަދާއިރު މިސާލަކަށް އާދަޔާ ޚިލާފަށް ބޮޑުކޮށް ސިސްޓަމަށް އެޅުނު ކަމުގައިވިއަސް، އޭގެ ކުރިން މަސްތަކާއި އަޅާބަލާފައި އިތުރަށް ވެރިފައި ކުރުމަށް އަންގާނެ. އެހެންވީމަ އިތުރު މަރުހަލާއެއް އިންނަ ކަމެއްވީމަ މިއީ ބިލިން މައްސަލައެއް ނޫން" ޝުޖާޢު ވިދާޅުވިއެވެ.
ފެނަކަ ކުންފުނިން ވަނީ އެކުންފުނީގައި ބޭނުންކުރާ މީޓަރުތަކަކީ ފެކްޓަރީ ޓެސްޓުކުރުމުގެ އިތުރުން، ރާއްޖެ ގެެނެސް ކެބްރޭޓްކޮށް ޓެސްޓްކުރެވޭ މީޓަރުތަކެއް ކަމަށެވެ. އަދި މިހާރު ރީޑިން ނަގާއިރުވެސް ނެގެނީ ރަންގަލަށްކަން ބަލާ ޔަޤީންކުރާ ކަމަށް ފެނަކައިން ވިދާޅުވިއެވެ. ފެނަކައިން ވިދާޅުވީ ބިލްތަކައި ގުޅޭގޮތުން އަންނަ ޝަކުވާތަކަށް ޤަވާއިދުން ޖަވާބު ދޭ ކަމަށާއި، ބިލްތައް ބޮޑުކަމަށް ދައްކާނަމަ އެއީ ކަރަންޓު ބޭނުން ކުރާ މިންވަރުކަން ސިސްޓަމް މެދުވެރިކޮށް އަންގައިދޭ ކަމަށެވެ. އަދި ރީޑިން ނެގުމުގައި މައްސަލައެއް އުޅޭނަމަވެސް އެކަން ބަލައި ދޭ ކަމަށް ފެނަކައިން ވިދާޅުވިއެވެ. އަދި މުޅި ނިޒާމުވެސް މަސައްކަތް ކުރަނީ ޔޫޓިލިޓީ ރެގިލޭޓަރީ އޮތޯރިޓީ މިންގަނޑުތަކަށް ކަމަށް ފެނަކައިން ޔަޤީންކަން ދެއެވެ.
މި ދުވަސްވަރަކީ ކަރަންޓު ބިލްތައް އަބަދުވެސް ބޮޑުވާ ދުވަސްވަރެއް ކަމުން ހޫނުގަދަ ދުވަސްތަކުގައި ކަރަންޓު ޚަރަދު ކުޑުކުރުމަށް ފެނަކަ އަދި ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކުންވެސް އިލްތިމާސްކުރެއެވެ.