ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓްގައި މިއަދު ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ޓީމުން ދެއްކި ކުޅުމުން، ކުރިއަށް އޮތްތަނުގައި މުބާރާތުގައި މެޑަލް ހޯދޭނެކަމުގެ އުންމީދު ލިބިއްޖެ ކަމަށް ޤައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ކޯޗު އަފްގާނިސްތާނުގެ ޒަބީއުﷲ އިސްލާމްޔާރު ބުނެފިއެވެ.
ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމުން މިހާތަނަށް ކުޅުނު މެޗުތަކުގައި ތަފާތު ދައްކާފައިވެއެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކުރި އިރު، އޭގެފަހުން މޮންގޯލިއާވެސް ބަލިކުރިއެވެ. އަދި އޭޝިއާގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޤައުމުތަކާ ދެކޮޅަށް ރަނގަޅު ވާދައެއްވެސް ކޮށްފައިވެއެވެ.
މިއަދު ރާއްޖޭން ނުކުތީ އޭޝިއާގެ އެންމެ ވަރުގަދަ ފަސް ޓީމުގެ ތެރޭގައިވެސް ހިމެނޭ، އެންމެފަހުގެ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ ގޭމްސް އަދި ދެކުނު އޭޝިއާގެވެސް ޗެމްޕިއަން ޕާކިސްތާނާ ދެކޮޅަށެވެ. އެމެޗު ޕާކިސްތާނުން ދެ ސެޓުން ކާމިޔާބުކުރި ނަމަވެސް، ރާއްޖެ ވަނީ ރަނގަޅު ވާދައެއް ކޮށްފައެވެ. ފުރަތަމަ ސެޓު 20-12 އިން ދިޔަ އިރު، ދެވަނަ ސެޓު ދިޔައީ 12-18 އިންނެވެ.
މެޗަށްފަހު ކޯޗު އިސްލާމްޔާރު ބުނެފައި ވަނީ ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ހީކުރިވަރަށްވުރެވެސް ރަނގަޅު ކުޅުމެއް ކަމަށާއި، ޕާކިސްތާން ފަދަ ފެންވަރު ރަނގަޅު ޓީމުތަކާ ދެކޮޅަށް ދައްކަމުންމިދާ ކުޅުމުން ފެނިގެންދަނީ އުންމީދީ މަންޒަރެއްކަމަށެވެ. އަދި މިފަދައިން ޤައުމީ ޓީމު ހިތްވަރުކުރަމުންދާ ނަމަ ދެތިން އަހަރު ދުވަހުގެ ތެރޭގައި މިފަދަ ބައިނަލްއަގްވާމީ މުބާރާތްތަކުން މެޑައްޔެއް ހޯދިދާނެކަމުގެ އުންމީދު ބޮޑުކަމަށް ކޯޗުވަނީ ފާހަގަކޮށްފައެވެ.
ކޯޗު އިތުރަށް ބުނެފައިވަނީ މިފަހަރުގެ ގޭމްސްއިން ރާއްޖޭގެ ޓީމު ދެއްކި ކުޅުމުގެ ސަބަބުން ބީޗް ހޭންޑްބޯޅަ ކުރިއަރާނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންގޮސްފިކަމަށެވެ.